އަބްދުﷲ އިބްރާހީމް (އަބުޗާ)
ޕެރޯލް ބޯޑުގެ ނިންމުން ބާތިލްކޮށް އަބުޗާ އަނބުރާ ޖަލަށް
އަބުޗާ ޖަލުން މިނިވަންކުރި މައްސަލާގައި ޕެރޯލް ބޯޑުގެ މެންބަރުން ވެސް ވަނީ ވަކިކޮށްފައި
ފިޔެސް 6 އޮކްޓޯބަރ 2026 (އަންގާރަ)   18:00
އައްޑޫގައި ފުޅާ ދާއިރާއެއްގައި ޑްރަގު ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި ނިންމުން ބާތިލްކޮށް އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސްފި އެވެ.

އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިން ނިންމުން ބާތިލްކުރަން ނިންމީ ޕެރޯލް ބޯޑުން އެ ނިންމުން ނިންމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީ އެވެ.

ރައީސް އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލުމުގައި ބަލަންޖެހޭ ބައެއް ކަންކަން ބަލާފައި އޮތީ ރަނގަޅަށް ކަމަށް ނުވާތީ އެ ނިންމުން ބަދަލުކުރަން އެންގި ކަމަށެވެ. އެއާއެކު ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އަބުޗާ މިއަދު ހަވީރު 16:48 ގައި ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެދުވަހަށް ފަހުގައި މައްސަލައިގެ މައުލޫމާތު މިނިސްޓްރީއަށްވެސް ލިބުމާއެކީގައި އަޅުގަނޑުމެން މިކަން ހިނގާފައިވާ ގޮތް ބަލައިފިން. ބަލާފައި ބެލި ބެލުމުގައި ޕެރޯލް ބޯޑުގެ ނިންމުމުގައި އަޅުނޑުމެންނަށް ގަބޫލުކުރެވުނު ގާނޫނުގެ ތެރެއިން ބަލަންޖެހޭ ބައެއް ކަންކަން ބެލިފައި އޮތީކީ އެކަން ބަލަންޖެހޭ ގޮތަށް ނޫންކަން. އެހެންވީމަ އެކަމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އަޅުގަނޑުވާނެ އެ ޑިޒިޝަން އަލުން ރީކޮންސިޑާ ކޮށްދިނުމަށް ޕެރޯލް ބޯޑަށް އަންގާފައި،" އިހުސާން ވިދާޅުވިއެވެ.

"ކޮމިޝަނާ އޮފް ޕްރިޒަންސްގެ ޕެރޯލް ބޯޑުން އެ ޑިޒިޝަން ބަދަލުކޮށްފައި ޕެރޯލް ގާނުނުގައި ބުނާގޮތުން ޕެރޯލްއަށް މީހަކު ދޫކުރަންވެސް އަދި ޑިޒިޝަން ރިވިއުކުރުމަކީވެސް އެއީ ޕެރޯލް ބޯޑަށް ކުރެވޭ ކަމެއް. އެހެންވީމަ ޕެރޯލް ބޯޑުން އެ ނިންމުން ބަދަލުކޮށްފައި މިއަދުގެ ހަވީރު 16:48 ގައި ވަނީ އަބްދުﷲ އިބްރާހިމް ޖަލުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި އަނބުރާ ޖަލަށް ގެނައުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައި."

މީގެ އިތުރުން އިހުސާން ވިދާޅުވީ، އަބުޗާ ޖަލުން މިނިވަންކުރި މައްސަލާގައި ޕެރޯލް ބޯޑުގެ މެންބަރުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ޕެރޯލް ބޯޑުގައި ނުވަ މެންބަރުން ތިބޭއިރު އެ ހުރިހާ މެންބަރުން ވެސް ވަކިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖެއަށް 80 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 2020 ވަނަ އަހަރު ހައްޔަރުކުރި އަބުޗާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަސްލު އަންނަން އޮތް 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ލުއިކޮށްދިނުމުން، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

ފުލުހުންގެ ތަހުގީގުގައި ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓްވޯކެއްގެ އެންމެ އިސްފަރާތުގެ ގޮތުގައި ސިފަކޮށްފައިވާ އަބުޗާ، ހުކުމުގެ ކުރިން ބަންދުގައި ހުރި މުއްދަތާއެކު މިހާތަނަށް ތަންފީޒުކޮށްފައިވަނީ ފަސް އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ ހުކުމުން ބާކީ އަށްޑިހަ އިންސައްތަ ނުވަތަ 20 އަހަރުގެ މުއްދަތެއް އަދި އޮތީ ތަންފީޒުނުކުރެވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ނުވަ މެންބަރުންގެ ބޯޑަކުން ޕެރޯލްގެ ނިންމުންތައް ނިންމާއިރު، މި ނިޒާމު ހިންގުމުގެ މުޅި ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ކަރެކްޝަންސް އަށެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

ފުލުސް އޮފީހުން ކުރިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް