ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު - ފޮޓޯ: މަޖިލިސް
ޖިނާއީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތަކެއް ގާނޫނުގައި ހިމަނަނީ
ޖިނާއީ ބޮޑެތި ކުށް، ސާބިތުވުމުގެ ކުރިން ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް މި ބިލު ވަނީފަރުމާކޮށްފައި
ހިޝާމް ހާރޫން 6 އޮކްޓޯބަރ 2026 (އަންގާރަ)   14:24
ނުހައްގު މުއްސަނދިކަން ހޯދުމުގެ ގޮތުން، ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައިގެން ފަރުމާކޮށްފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، އަލީ ފަޒާދު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައިވާގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން، އެ ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތައް ނެގުމުގެ އުސޫލުތަކާއި އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ވެއެވެ.

އަދި، އެ ބިލު ގާނޫނަކަށްވުމުގެ ކުރިން ވެސް ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެ ކަމަށް ވެސް އެ ބިލުގައިވާއިރު، މުދާ ނެގޭނެ ކުށްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކުއްށްތަކެއް ވެސް އެ ބިލުގައި ހިމަނާފައި ވެއެވެ.

އެގޮތުން ހިމަނާފައިވާ ކުށްތަކަކީ:

  • ޓެރަރިޒަމްގެ ކުށް
  • ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • މީހަކު މެރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • މީހުން ޓްރެފިކް ކުރުމުގެ ކުށް
  • އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
  • ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
  • ފައިސާ އަދި އަހުގުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
  • އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
  • ކޮރަޕްޝަންގެ ކުށް
  • އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް
  • 500،000ރ. އިން ފެށިގެން މަތީނެ ފައިސާގެ އަދަދު ހިމެނޭ ޓެކްސް ދެއްކުމުގެ އެއްކިބާވުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ވައްކަމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ހިޔާނާތުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ މުދާ ސްމަގްލް ކުރުމުގެ ކުށް
  • ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނެއްގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭ ކޮންމެ ކުށެއް

އަދި މީގެއިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ވެސް މި ބިލުގައި ހިމަނައިފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި، ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށްޓަކާ، އެ މުދާ ހިފެހެއްޓޭނެ އުސޫލުތަކާއި، އެގޮތަށް ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި، އެ މުދާ ބޭނުންކުރެވޭނެ އުސޫލުތައް ވެސް އެ ބިލުގައި ހިމަނައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް