އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން - ފޮޓޯ: މަޖިލިސް
އޮޑިޓް އޮފީހުން ހުށަހެޅިގޮތަށް ބަޖެޓުދިނުމަށް ކޮމެޓީން ފާސްކޮށްފި
އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި އެ އޮފީހުން ހުށަހެޅީ 133 މިލިޔަން ރުފިޔާ
ހިޝާމް ހާރޫން 14 އޮކްޓޯބަރ 2026 (ބުދަ)   09:46
އަންނަ އަހަރަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި އެ އޮފީހުން މަޖިލީހަށް ހުށަހެޅި 133 މިލިޔަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް އެ އޮތްގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އެ އޮފީހުން މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުން އަންނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ހަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައި ވާއިރު، އެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ ހިމަނާފައި ވެއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ހިމަނާފައި ވާއިރު، އެއާއެކު އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓެއް ކަން ފާހަގަކޮށްލެވެއެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމާފައިވާ ކަމަށާ، މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި، މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން އޮޑިޓް ހިންގާ ދާއިރާތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ:

  • ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
  • ލޯކަލް ކައުންސިލްގެ 106 އޮޑިޓް
  • ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް
  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
  • ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް
  • މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް
  • ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
  • ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް
  • ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް
  • ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
  • އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް
  • ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް
  • މިއަހަރު ނުނިމި ހުރި 120 އޮޑިޓް

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި 133 މިލިޔަން ރުފިޔާ ފާސްކުރަން ފެންނަ ކަމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވެއެވެ.

ކޮމެންޓް