އީގަލް ހިލްސްއާއެކު ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ހައުސިންގ މިނިސްޓްރީ
އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމުގެ ތަފްސީލު މަޖިލީހާ ހިއްސާކޮށްދޭން އެދިއްޖެ
އީގަލް ހިލްސްގެ މަޝްރޫއުގެ ފަހަތުގައި ހިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
މަރްޔަމް މުހައްމަދު 29 ސެޕްޓެމްބަރ 2026 (އަންގާރަ)   17:05
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް އެއްވެސް އަގަކާ ނުލާ ހިލޭ 99 އަހަރަށް، ދިން މައްސަލައާ ގުޅިގެން އާންމުން އުފަދަމުންއަންނަ ސުވާލުތަކަށް ޖަވާބެއް ހޯދާ އެ މަޝްރޫއާ ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބުގެ އަރިހުން އެދިވަޑައިގެންފި އެވެ.

މިދިޔަ ހަފްތާގައި، ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ތަފްސީލުތަކާ ބެހޭ ގޮތުން ރައްޔިތުން އުފައްދަމުންދާ ސުވާލުތަކަށާއި ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ޖަވާބެއް ހޯދުމަށް އެ މިނިސްޓަރަށް ކުޑޫ ފޮނުއްވި ސިޓީގައި، ބަޔާންކުރައްވާފައި ވަނީ، ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޭން ނިންމިއިރު އާންމު ބީލަމަކަށް ލައިގެން އެކަން ކުރިއަށް ނުގެންދިޔައީ ކީއްވެތޯ އާއި އެ މަޝްރޫއަށް އީގަލް ހިލްސް ހިޔާރު ކުރީ ކީއްވެތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ބިން ނުވަތަ އިމާރާތް އެހެން ފަރާތަކަށް ޓްރާންސްފާ ކުރުމުން 99 އަހަރާއި ހަމައަށް އާ މުއްދަތެއް ކަނޑައެޅޭ ހާލަތުގައި އެ މުއްދަތު ހަމަޖެއްސުމަށް ފުރިހަމަވާން ޖެހޭ ގާނޫނީ ޝަރުތުތައް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގެން، އެތަނުގެ ކުލީގެ މުއްދަތު 99 އަހަރަށް ކަނޑައަޅާފައިވާ ގޮތް ސާފުކޮށްދެއްވުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.

އަދި އެފަދަ ހާލަތެއްގައި ސަރުކާރުގެ ހުއްދަ ނަގަން ޖެހޭނެތޯ؟ އާއި ސަރުކާރަށް އެއްވެސް ޕްރިމިއަމްއެއް ލިބޭނެތޯ؟ ސާފުކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކުޑޫ ވިދާޅުވީ، ވިދިވިދިގެން ކުރެވޭ ޓްރާންސްފާތަކާ ގުޅިގެން ކޮންމެ ފަހަރަކު ވެސް 99 އަހަރަށް އާ މުއްދަތެއް ތަކުރާރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

އަދި، ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް 99 އަހަރަށް ދިނީ ކޮން ގާނޫނެއްގެ ދަށުންތޯ ސާފުކޮށްދެއްވުމަށް ވެސް ކުޑޫ އެދިވަޑައިގެންފައި ވާއިރު، އެ މަޝްރޫއުގެ މާލީ މަންފާ އާއި އެޑްވާންސް ފައިސާއާ ގުޅޭ މައުލޫމާތު ވެސް ސާފުކުރެއްވުމަށް ކުޑޫ އެދިވަޑައިގެންފައި ވެއެވެ.

އެގޮތުން، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ބަޖެޓުން އެތައް ހަރަދެއްކޮށްގެން ހިއްކާ ބިމަކުން ސީދާ އެޑްވާންސް ފައިސާއެއް ނުލިބޭ ގޮތަށް، ދިގު މުއްދަތަކަށް ބިން ދޫކޮށްލުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކިވަޑައިގަންނަވަނީ ކީއްވެތޯ؟ އާއި، އެއްބަސްވުމުގެ ދަށުން ސީދާ އަދި ނުސީދާ ގޮތުން ވެސް ދައުލަށް ލިބޭނެ އާމްދަނީއަކީ ކޮބައިތޯ؟ ވެސް ކުޑޫ ވަނީ ސުވާލުއުފައްދަވާފައެވެ.

އަދި މީގެ އިތުރުން، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އަޅާނެ ކަމަށް އިއުލާނުކޮށްފައިވާ 5،000 ހައުސިން ޔުނިޓާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ވެސް އެދިވަޑައިގެން، އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ނައްތާލުމަށް، އެއްބަސްވުމުގެ މައިގަނޑު މާއްދާތައް ރައްޔިތުންގެ މަޖިލީހާއި އާންމުންނަށް ހާމަކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ ވެސް ކުޑޫ ވަނީ މިނިސްޓަރު މުއްތޮލިބުގެ އަރިހުގައި ސުވާލު ކުރައްވާފައެވެ.

އަދި މި ނޫންވެސް ގިނަ ސުވާލުތަކެއް ކުޑޫގެ ސިޓީގައި މިނިސްޓަރު މުއްތޮލިބާ ކުރައްވާފައި ވާއިރު، އެ މައްސަލައިގައި ބޮޑެތި ހިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅާފައި ކަން ފާހަގަކޮށްލެވެއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ހިއްކާ ބިމުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމަށާ، ރަސްމާލެ މަޝްރޫއަކީ ދެފުށް ފެންނަ ގޮތެއްގައި ހިންގާ މަޝްރޫއެއް ނޫން ކަމުން، މި މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރި ގޮތާއި، ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލި ގޮތެއް ސަރުކާރުން ހާމަކޮށްފައި ނުވާކަން ވެސް އެ މައްސަލައިގައި، ފާހަގަކޮށްފައި ވެއެވެ.

އަދި މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްވާ މައުލޫމާތާއި، އީގަލް ހިލްސް ކުންފުނިން ނެރުނު ބަޔާނުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށް ވާއިރު، އީގަލް ހިލްސްގެ ބަޔާނުގައި ވަނީ އެއީ 12 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ކަމުގައި ވެސް އެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

އަދި ބިމުގެ މިލްކުވެރިކަން ދައުލަތަށް އޮންނާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އީގަލް ހިލްސްގެ ބަޔާނުގައި، އެތަނުން ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ވާރިސުންނަށް ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން އިއާދަވާނެ ކަމަށް ވެސް މައްސަލައިގައި ވެއެވެ.

އަދި މިއީ އަމަލީ ގޮތުން ބަލާއިރު ބިމުގެ މިލްކުވެރިކަން ދާއިމީކޮށް ބޭރުގެ ފަރާތްތަކަށް ލިބިގެންދާނެ ކަމެއް ކަމަށާ، އަދި މިއީ ގާނޫނުއަސާސީގެ 250 އަދި 251 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާއިރު، މި މަޝްރޫއާއި ގުޅިގެން ދިވެހި ރައްޔިތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު މި އެއްބަސްވުން އޮތީވެސް ދިވެހި ރައްޔިތުންނަށް ސިއްރުކޮށްފައިކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

"ސަރުކާރުން ދައްކަމުން ދަނީ ސަރުކާރަށް ލިބޭނެކަމަށް އަންދަޒާ ކުރާ ބޮޑު އަދަދެއްގެ ފައިސާގެ ވާހަކަ އެވެ. މިއާއެކު ރައްޔިތުންނަށް އަޑު އިވިގެން މިދަނީ ހައުސިން މިނިސްޓުރީގެ ލޮކަރުތަކެއް ބަންދު ގަޑީގައި ހުޅުވާފައި ހުރިކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ރެޔާއި ދުވާލު އެތަނުގައި ފޯރިމަރަމުން ދާވާހަކަ އެވެ." - އޭސީސީއަށް ހުށަހެޅި މައްސަލަ

ރަސްމާލޭގެ ނަމުގައި ރާއްޖެ އެތެރެވާ އަދި ބޭރުވާ ކަނޑުގެ އުޅަނދުފަހަރުގެ ކޮންޓްރޯލް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދަށުން ގެއްލިގެންދާނެ ކަމަށާ، ވެރިރަށް މާލެއާ ޖެހިގެން އޮތް މުހިންމު ސަރަހައްދެއްގައި ބޭރުގެ ބައެއްގެ ދާއިމީ ކޮންޓްރޯލް އޮތް މެރީނާއެއް އޮތުމަކީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ހުއްދައަކާ ނުލާ ޖާސޫސް ކުރުމަށް ބޭނުންވާނެ ޓެކްނޮލޮޖީއާއި އަދި އެނޫން ވެސް ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ތަކެތި އެ ސަރަހައްދަށް ޖަމާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށް ވިދާޅުވެ، ރަސްމާލޭގެ މި މަޝްރޫއުގައި ހިމެނޭ ޔޮޓުމެރީނާ އަކީ ވެސް މިރައްޖޭގެ ބޯޑަރަށް އޮތް ބޮޑު ނުރައްކަލެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އަދި، މި އިންވެސްޓްމެންޓްތަކުގެ ބާރު ބޭނުންކޮށްގެން ދައުލަތަށް އިގުތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވިދާނެ ކަމަށާއި، އެހިސާބުން ބައިނަލްއަގުވާމީ ކޯޓުތަކުން ދައުލަތް ބަނގުރޫޓުވާވަރުގެ ބަދަލު ދޭންޖެހޭނެކަމީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ފެންނާން އޮތް ހަޤީޤަތެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް