ހައްޔަރުކުރި ދެ ދިވެހިންނާއި އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތި.-- ފޮޓޯ: ތައި ޕޮލިސް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބެންކޮކުން ދެ ދިވެއްސަކު ހައްޔަރުކޮށްފި
މަރްޔަމް މުޙައްމަދު 7 އޮކްޓޯބަރ 2026 (ބުދަ)   14:30
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ މީހެކެވެ.

ތައިލެންޑުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް އެ މީހުން ފޮނުވާފައި ހުރި ޕާރުސަލްތަކެއްގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބުނެ އެ އޮފީހުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާތީ ކާގޯ އޮފީހުން އެ ތަކެއްޗާ ހަވާލުނުވުމުން އެ މީހުން އެ އެއްޗެހި ގެންގޮސް ބެހެއްޓީ ސޫކުމްވިޓް ސަރަހައްދުގައި އެ މީހުން ތިބި ކޮޓަރީގަ އެވެ. ފުލުހުން އެ ކޮޓަރި އާއި ޕާރުސަލްތައް ބަލައި ފާސްކުރިއިރު، ޖުމްލަ 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި ގާތްގަނޑަކަށް 10 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެ މަސްތުވާތަކެތި ފޮރުވާފައި ހުރީ ފެން ބޯން ބޭނުންކުރާ ތަރުމޯޒާއި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައި ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.

ތައިލެންޑް ފުލުހުން އެ އޮޕަރޭޝަންގެ ފޮޓޯތައް އާންމުކޮށް ބުނި ގޮތުގައި، އެ ދިވެހިންނަކީ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް ހިންގަމުންދިޔަ ބައެއް ކަމަށެވެ. ނަމަވެސް، އެ މީހުންނަށް ކުރާ ތަހުމަތުތަކަށް ތަހުގީގުގައި އިންކާރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ތަހުގީގުގައި ބުނެފައި ވަނީ ޕާރުސަލްތަކުގައި މަސްތުވާތަކެތި ހުރިކަން އެ މީހުންނަށް ނޭނގޭ ކަމަށާއި އެއީ ރައްޓެއްސަކު ބުނެގެން ކާގޯ ކުރަން ފޮނުވި ސާމާނު ކަމަށެވެ. އެ ޕާރުސަލްތަކުން ނުބައި ވަހެއް ދުވާ ކަމަށް ބުނެ ކާގޯ އޮފީހުން ތަކެއްޗާ ހަވާލު ނުވި ކަމަށާއި އެހެންވެ އެ ތަކެތި ގެންގޮސް އެ މީހުންގެ ކޮޓަރީގައި ބެހެއްޓީ ކަމަށް ބުންޏެވެ.

މިކަމުގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބެލުމަށް ތައިލެންޑުގެ ފުލުހުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު، ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކަށް މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ކޯޓަކުން ވަނީ 20 އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.

ކޮމެންޓް