އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީ ޖަގަހަ ޖަލްސާއެއްގައި.-- ފޮޓޯ: ޕީއެންސީ
އަބްދުއްރަހީމް ވިދާޅުވީ ޔާމީން ގައުމަށް ގައްދާރުވަމުން އަންނަކަމަށް
ހަސަން އިބްރާހީމް 11 އޮކްޓޯބަރ 2026 (އާދީއްތަ)   23:57
ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ހުއްޓާލުމަށް އީގަލް ހިލްސްއަށް ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ގޮވައިލެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ހޫނު ރައްދެއް ދެއްވައިފި އެވެ.

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ.

"އީގަލް ހިލްސްއަކީ އާންމު ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ގޮތެއްފޮތެއް ނެތް މި ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސައްތައިންސައްތަ އާބާދީއެއް އޮތް މި ގައުމުގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރުމަކީ ކަލޭމެންގެ ނުބައިކަމާއި މުނާފިގުކަން ހާމަވާ ކަމެއް،" ޔާމީން ލިޔުއްވާފައި ވެއެވެ.

އެ ޕޯސްޓަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވަނީ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ސައުދީގެ ކުންފުންޏަކަށް ހިންގަން އުޅުނު މަޝްރޫއުއަށް ހުރަސް އެޅުމަށް އެމްޑީޕީން ކުރި މަސައްކަތާއި މިހާރު ރަސްމާލޭގެ މަޝްރޫއު ހުއްޓުވަން ޔާމީން ކުރަމުންދާ މަސައްކަތާ ތަފާތެއް ހުރިތޯ ސުވާލު އުފައްދަވާފަ އެވެ.

"އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައި ތިބި ބައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓާ މުއިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ. އަދި މި މަޝްރޫއު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ.

ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

އެ މަޝްރޫއުއަށް ސިޔާސީ މީހުންގެ އިތުރުން، ދީނީ އިލްމުވެރިންނާއި އާންމުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ އެ މަޝްރޫއު ޕްރޮމޯޓުކޮށް އީގަލް ހިލްސް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ.

ކޮމެންޓް