
ރިޔާސީ ޕްރައިމަރީގައި ފައިސަލް ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ މިއަދު ހެނދުނު އައި ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގަ އެވެ. އޭނާގެ ރަނިން މޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ކަނޑައެޅުއްވިކަން ވެސް އިއުލާން ކުރެއްވި އެވެ. އެ ޕްރޮގްރާމްގައި ފައިސަލްއާއެކު އާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.
"އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،" ފައިސަލް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަ ކުރަން ނިންމީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއެއް އަދި ނައިބު ރައީސްއެއް ހުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މި ހުރީ،" އާޒިމް ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް އާއި އާޒިމް ވެސް ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
"އާދެ މިކަމުގައި އަޅުގަނޑުމެންނަށް ހަމަ ޕާޓީގެ ވަރަށް ގިނަ ބޭފުޅޫންނާ އެއްކޮށް މަޝްވަރާ ކުރެވުނު އިނގޭތޯ. ވާހަކަ ދެކެވުނު ވަރަށް ގިނަ ބޭފުޅުންނާ. އަދި ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނާ އެކުވެސް. ދެން މީގައި އެންމެ އިސްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅުގަނޑުމެންނާ މަޝްވަރާ ކުރެވި ރައީސް ސޯލިހުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް މިއަދު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ އިއުލާން ކުރެއްވިއިރު، އެމްޑީޕީން އިތުރު ތިން ބޭފުޅަކުވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާނެކަން އިއުލާން ކުރައްވާފައެވެ. އެއީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު އެވެ.




