
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝަމްހީދު އިއުލާންކުރެއްވީ އަވަސް އޮންލައިން އިން ފެށި "ޝަމްހީދު އާއި އެކު" ޕޮޑްކާސްޓުގެ ޓްރެއިލާ ވީޑިއޯ މެދުވެރިކޮށެވެ.
"އިރާދުކުރެއްވިއްޔާ އެމްޑީޕީގެ ކުރިއަށް މިއޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން. އެއް ވާހަކަ އިތުރުކޮށްލަން ބޭނުން، މަޖިލިސް އިންތިހާބުގައި ކުރި ކެމްޕޭނުގައި މި ދާއިރާ ރައްޔިތުންނަށް ކުރި ހަމައެކަނި ވައުދު ކަމަށްވެސް ވެދާނެ، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ވައުދަކީ،" ޑރ.ޝަމްހީދު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޝަމްހީދު އެންމެ ފުރަތަމަ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ.
ޑރ.ޝަމްހީދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވިއެވެ.
ޑރ.ޝަމްހީދު ވަނީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ކާމިޔާބު ކުރައްވާފަ އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ޝަމްހީދު ގެންދަވަނީ ސަރުކާރު ޒިންމާދާރު ކުރެއްވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.




