
ދުނިޔޭގެ ސިޔާސީ މަސްރަހުގައި މި ބަހުސް އޮތްގޮތް
ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކަށް ބަލާއިރު، ރިޔާސީ ކެންޑިޑޭޓަކާއި އޭނާގެ ރަނިންމޭޓް ނުވަތަ ނައިބު ރައީސް ކަނޑައެޅުމުގެ ވަގުތަކީ ސިޔާސީ ގޮތުން އެންމެ ނާޒުކު އަދި އެންމެ މުހިންމު ނިންމުމެވެ. މި ބަހުސް ދުނިޔޭގައި މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ފުރަތަމަ ވިސްނުމަކީ ޕާޓީ ސިސްޓަމަށް ބުރަވާ ވިސްނުމެވެ. މި ވިސްނުމުގައި ރަނިންމޭޓަކީ ހަމައެކަނި ކެންޑިޑޭޓުގެ އަމިއްލަ އިހުތިޔާރެއް ނޫނެވެ. އެއީ ޕާޓީގެ އެތެރޭގެ އެކި ފެކްޝަންތައް އެއްބައި ކުރުމަށާއި، ނުވަތަ އާންމު އިންތިހާބުގައި އެހެން ޕާޓީތަކާއެކު އިއްތިހާދުވުމަށް ބޭނުންކުރާ އެންމެ ވަރުގަދަ ކާޑެވެ. ރައީސް ނަޝީދު ދިފާއުކުރައްވަނީ މި ވިސްނުމެވެ.
ދެވަނަ ވިސްނުމަކީ ކެންޑިޑޭޓަށް ބުރަވާ ވިސްނުމެވެ. މި ވިސްނުމުގައި ރިޔާސީ ކެންޑިޑޭޓަކަށް ހޮވޭ މީހަކަށް އޭނާއާއެކު ސަރުކާރު ހިންގާނެ، އިތުބާރުހުރި ބައިވެރިއަކު އިހުތިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަންޖެހެއެވެ. ޕްރައިމަރީގެ ތެރެއިން ރަނިންމޭޓަކު އިއުލާނުކުރުމަކީ ކެންޑިޑޭޓުގެ ޓީމު ވަރުގަދަކުރުމެވެ. އަދި ވޯޓުލާ މީހުންނަށް ފުރިހަމަ 'ޕެކޭޖެއް' ހުށަހެޅުމެވެ.
އެކި ގައުމުތަކުގައި މިކަން ޕްރެކްޓިސްކުރާ ގޮތް
ދުނިޔޭގެ އެކި ގައުމުތަކުގައި ރަނިންމޭޓުން ކަނޑައެޅުމުގައި ގެންގުޅެނީ ތަފާތު މޮޑެލްތަކެކެވެ. އެމެރިކާގެ މޮޑެލްއަށް ބަލާލަމާ ހިނގާށެވެ. އެމެރިކާގައި ރިޔާސީ ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީގެ ތެރެއަކު ރަނިންމޭޓުން އިއުލާނެއް ނުކުރެއެވެ. ފުރަތަމަ ކާމިޔާބު ކުރަނީ ޕްރައިމަރީ އެވެ. ދެން ޕާޓީގެ ޓިކެޓް ކަށަވަރު ކުރަނީ އެވެ. އޭގެފަހުން ރަނިންމޭޓު އިއުލާން ކުރަނީ ޕާޓީގެ "ނޭޝަނަލް ކޮންވެންޝަން" އާ ދިމާކޮށެވެ. މީގެ ބޭނުމަކީ ޕްރައިމަރީގައި ބަލިވި ވާދަވެރިންގެ ތެރެއިން މީހަކަށް ރަނިންމޭޓްކަން ދީގެން ޕާޓީ އެއްބައިކުރުން ނުވަތަ ސިޔާސީ ގޮތުން ފައިދާހުރި ބެލެންސެއް ހޯދުމެވެ. އަނެއްކޮޅުން، ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަން ނިޒާމުތަކުގައި، ރަނިންމޭޓްކަން ނުވަތަ ބޮޑުވަޒީރުގެ ނައިބުކަން އަބަދުވެސް ދެނީ ކޯލިޝަންގައި ބައިވެރިވާ ދެވަނައަށް އެންމެ ބޮޑު ޕާޓީއަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ރަނިންމޭޓަކު ފައިނަލްކުރުމަކީ އެހެން ޕާޓީތަކާއެކު މަޝްވަރާކުރުމުގެ ދޮރު ބަންދުކުރާ ކަމެކެވެ.
ރޮނަލްޑް ރޭގަންގެ އާދަޔާހިލާފު ނިންމުން: 1976 ގެ ތާރީހީ ހާދިސާ
އެމެރިކާގެ ސިޔާސީ ތާރީހުގައި ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓަކު އިއުލާނުކުރުމުގެ އެންމެ މަޝްހޫރު ހާދިސާ ހިނގާފައިވަނީ 1976 ވަނަ އަހަރުގެ ރިޕަބްލިކަން ޕްރައިމަރީ ގައެވެ. އޭރުގެ ގަވަރުނަރު ރޮނަލްޑް ރޭގަން ވާދަކުރައްވަމުން ގެންދެވީ ރައީސް ކަމުގައި ހުންނެވި ޖެރަލްޑް ފޯޑްއާ އެވެ. ޕްރައިމަރީގެ ފަހު މަރުހަލާއަށް ދިޔައިރު ޑެލިގޭޓުންގެ އަދަދަށް ބަލާއިރު ރޭގަން އުޅުއްވަނީ ފޯޑްއަށްވުރެ ފަހަތުގައެވެ. މި ހާލަތުގައި ސިޔާސީ ގޮތުން ބޮޑު ރިސްކެއް ނެންގެވިއެވެ. ޕާޓީގެ "ނޭޝަނަލް ކޮންވެންޝަން" ގެ ކުރިން ރޭގަން އޭނާގެ ރަނިންމޭޓަކަށް ޕެންސިލްވޭނިއާގެ މޮޑަރޭޓް ސެނެޓަރ ރިޗަޑް ޝްވައިކަރ ހަމަޖައަސަވައި، އިއުލާނުކުރެއްވިއެވެ.
ރޭގަންގެ މި ނިންމެވުމުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި ތިބި މޮޑަރޭޓް ނުވަތަ މެދުމިނުގެ މެންބަރުންގެ ވޯޓު ހޯއްދެވުމެވެ. ނަމަވެސް މި ސްޓްރެޓެޖީ ނިމުނީ ނާކާމިޔާބީއަކުންނެވެ. ރޭގަންގެ މި ނިންމެވުމުގެ ސަބަބުން އޭނާއަށް ތާއީދުކުރި ކޮންޒަވޭޓިވް ނުވަތަ ހަރުކަށި ފިކުރުގެ ގިނަ މެންބަރުން ކަންބޮޑުވިއެވެ. އޭގެ ސަބަބުން ރޭގަންއަށް އޮތް ތާއީދު ކުޑަވިއެވެ. ނަތީޖާއެއްގެ ގޮތުން 1976 ގެ ޓިކެޓް ރޭގަންއަށް ގެއްލުނެވެ. އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ފޯޑް ކާމިޔާބުކުރެއްވި އެވެ. މިއިން އެނގެނީ ޕްރައިމަރީ ތެރޭގައި ރަނިންމޭޓުން ދެއްކުމަކީ ބައެއް ފަހަރު އަމިއްލަ ފަޔަށް ބަޑިޖެހުން ފަދަ ނުރައްކާތެރި ކަމަކަށްވެސް ވެގެން ހިނގައިދާނެ ކަމެއްކަމެވެ.
ޑިމޮކްރެޓިކް މުފައްކިރުން މިކަމުގައި ދެކޭގޮތް
ސިޔާސީ ސައިންސްވެރިންނާއި ޑިމޮކްރެޓިކް މުފައްކިރުން މި މައުލޫގައި ތަފާތު ހިޔާލުތައް ފާޅުކުރައްވައެވެ. ޕާޓީގެ ބާރުވެރިކަން ދިފާއުކުރާ މުފައްކިރުން ކަމަށްވާ އީއީ. ޝެޓްޝްނައިޑަރ އާއި ޖިއޮވާނީ ސަރޓޯރީ ދެކޭގޮތުގައި، ރިޔާސީ ނިޒާމެއްގައި ޕާޓީއަކީ ވަކިވަކި ފަރުދުންނަށްވުރެ މަތީގައި އޮންނަންޖެހޭ މުއައްސަސާ އެކެވެ. ރަނިންމޭޓަކީ ޕާޓީގެ ސިޔާސީ ރާސްތާ އެކެވެ. އެހެންކަމުން، ޕްރައިމަރީ މަރުހަލާގައި ކެނޑިޑޭޓަކު އަމިއްލައަށް ރަނިންމޭޓަކު އިއުލާނުކުރުމަކީ ޕާޓީގެ މަރުކަޒީ ބާރާއި، ކުރިމަގުގައި ހެދޭނެ ކޯލިޝަންތަކުގެ ނެގޯސިއޭޝަން ބާރު ބަލިކަށިކޮށްލާ ކަމެކެވެ.
ސީދާ ރައްޔިތުންގެ ޑިމޮކްރަސީއެއް ބޭނުންވާ މުފައްކިރުން ކަމަށްވާ ރޮބަޓް ޑާލް އާއި އޭމީ ގަޓްމަން ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީގެ ތެރެއިން ރަނިންމޭޓަކު ދެއްކުމަކީ ޑިމޮކްރެޓިކް ޓްރާންސްޕޭރެންސީ ނުވަތަ ދެފުށްފެނުން އިތުރުވާ ކަމެކެވެ. މީގެ ސަބަބުން ވޯޓުލާ މެންބަރުންނަށް ރައީސްކަމަށް އަންނާނެ މީހާ އާ އެކުގައި އޭނާގެ ވެރިކަން ހިންގާނެ މުޅި ޓީމު ނުވަތަ ބެލެންސް އޮފް ދަ ޓިކެޓް އެނގިގެންދެއެވެ. މިއީ ވޯޓުލާ މީހާ ޕްރައިމަރީގައި ވޯޓުލާއިރު ރަނގަޅު ނިންމުން ނިންމަން ލިބޭ ފުރުސަތެކެވެ.
އެމެރިކާ އާއި ރާއްޖޭގެ ރިޔާސީ ނިޒާމުގެ މުހިންމު ތަފާތުތައް
މި ބަހުސްގައި ވާހަކަ ދައްކާއިރު، އެމެރިކާއާއި ރާއްޖޭގެ ރިޔާސީ ނިޒާމުގައި ހުރި އަސާސީ ތަފާތުތަކަށް ވިސްނަންޖެހެއެވެ. އެމެރިކާގައި އޮންނަނީ ސީދާ ދެ ޕާޓީގެ ނިޒާމެކެވެ. އެހެންކަމުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރުމަށް އެހެން ކުދި ޕާޓީތަކާއެކު ކޯލިޝަން ހަދާކަށް ނުޖެހެއެވެ. އެމެރިކާގެ ނިޒާމުގައި ރަނިންމޭޓް ބޭނުންކުރަނީ ޕާޓީގެ އެތެރޭގެ ޖިއޮގްރަފިކަލް ނުވަތަ އައިޑިއޮލޮޖިކަލް ބެލެންސް ގާއިމު ކުރުމަށެވެ.
މިއާ ހިލާފަށް، ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައިވަނީ މަލްޓި-ޕާޓީ ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގެ މައްޗަށެވެ. އަދި ވެރިކަމަށް އައުމަށްޓަކައި %50 އަށްވުރެ ގިނަ ވޯޓު ހޯދަން މަޖުބޫރުވެއެވެ. މީގެ މާނައަކީ ރާއްޖޭގައި ކޯލިޝަން ހެދުމަކީ އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ މަޖުބޫރު ކަމެކެވެ. އެހެންކަމުން، އެމެރިކާގައި ޕްރައިމަރީގެ ތެރެއިން ކެނޑިޑޭޓަކު ރަނިންމޭޓަކު ދެއްކުމަކީ ހަމައެކަނި ޕާޓީގެ އެތެރޭގެ ސްޓްރެޓެޖީއަކަށް ވެދާނެއެވެ. ނަމަވެސް، ރާއްޖޭގައި އެކަން ކުރުމަކީ މުޅި އިންތިހާބީ ކޯލިޝަންގެ ފުރުސަތުތައް ބަންދުވެގެންދާނެ ކަމެކެވެ.
ކުރިމަތިވެދާނެ މައްސަލަތަކާއި ކުރިމަގުގެ ގޮންޖެހުންތައް
ޕްރައިމަރީ މަރުހަލާގައި ރަނިންމޭޓުން ކަނޑައެޅުމަކީ ރާއްޖޭގެ ސިޔާސީ ވެށި އޮތްގޮތުން ބޮޑެތި މައްސަލަތަކެއް އުފަން ވެދާނެ ކަމެކެވެ. ރާއްޖޭގައި މިއޮތް ބަހުސްގެ މައިގަނޑު އަސާސަކީ 'ލެވަރޭޖް' ގެއްލުމާއި ކޯލިޝަން ހެދުމަށް ކުރިމަތިވެދާނެ ފުން ދަތިތަކުގެ ވާހަކެއެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން %50 އަށްވުރެ ގިނަ ވޯޓު ހޯދުމަކީ ހުރިހާ ޕާޓީއަކަށްވެސް އުނދަގޫ ކަމެކެވެ. އެހެންކަމުން ކޮންމެވެސް ސިފައެއްގައި ކޯލިޝަން ހަދަންޖެހެއެވެ. ކޯލިޝަން ހަދާއިރު އެހެން ޕާޓީތަކުން އެންމެ ބޮޑަށް އެދޭނެ މަގާމަކީ ރަނިންމޭޓް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމެވެ. ޕްރައިމަރީގެ ތެރެއިން ޕާޓީގެ މީހަކަށް ރަނިންމޭޓަކު ކަނޑައަޅާފައި އޮތްނަމަ، ކުރިމަގުގައި އެހެން ޕާޓީތަކާއެކު ދައްކާނެ ސިޔާސީ ވާހަކަތަކަށް ޖާގައެއް ނޯންނާނެއެވެ. ނުވަތަ އޮތް ނަމަވެސް އެއީ، ހަނިފުރުސަތެކެވެ. މީގެ އިތުރުން، ޕްރައިމަރީއަކީ އޭގެ ޒާތުގައިވެސް ޕާޓީ އެތެރޭގައި ވާދަވެރިކަން އުފައްދާ ކަމެކެވެ. އޭގެ ތެރެއަށް ރަނިންމޭޓުންގެ ވާދަވެރިކަން ވެއްދުމަކީ ޕާޓީގެ އެތެރޭގެ ފެކްޝަންތައް އިތުރަށް ބައިބައިވެ، ޕްރައިމަރީއަށްފަހު ޕާޓީގެ އެންމެން އެއްގަލަކަށް އެރުމަށް ހުރަސްއެޅިގެންދާނެ ކަމެކެވެ.
ދިވެހި ތާރީހުގެ ތަޖުރިބާ
ދިވެހިރާއްޖޭގެ ފަހުގެ ތާރީހަށް ބަލާއިރު މިކަމުގެ ސާފު ހެކިތައް ފެންނަން އެބަހުއްޓެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ނުކުންނެވިއިރު ނައިބު ރައީސްކަން ދިނީ ގައުމީ އިއްތިހާދު ޕާޓީގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށެވެ. އެއީ ކޯލިޝަން ހެދުމުގެ ބޭނުމުގައެވެ. ނަމަވެސް 2013 ގައި ކޯލިޝަނަކާ ނުލައި ނުކުތްއިރު ރަނިންމޭޓަކަށް ބެހެއްޓެވީ ޕާޓީގެ މެންބަރެއް ކަމަށްވާ މުސްތަފާ ލުތުފީއެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި، ބޮޑު ކޯލިޝަނަކާއެކު ނުކުންނެވިއިރު ރަނިންމޭޓްކަން ދެއްވީ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރު ފައިސަލް ނަސީމަށެވެ. އެކަމަކު އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ކޯލިޝަން ރޫޅުނެވެ. އަދި ޕާޓީ ބަދަހިކުރުމަށްޓަކައި ރަނިންމޭޓަކަށް ހަމަޖެއްސެވީ އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު އަސްލަމް އެވެ. މިއިން ކޮންމެ ފަހަރަކުވެސް ރަނިންމޭޓަކު ކަނޑައަޅާފައިވަނީ ޕްރައިމަރީގެ ފަހުންނެވެ. ނުވަތަ ރިޔާސީ ކެންޑިޑޭޓަކު ކަށަވަރު ކުރުމަށް ފަހުއެވެ. އެވަގުތަކު އޮތް ސިޔާސީ މަސްރަހަށް ބަލާފައެވެ.
ނިންމުން
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވާ ގޮތުގައި، އޭނާ ފައިސަލް ނަސީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވީ އެމްޑީޕީގެ ވެރިކަމެއްގައި ރައީސަކާއި ނައިބު ރައީސަކީ އެމްޑީޕީގެ މީހުންނަށްވުން މުހިންމު ކަމަށް ގަބޫލުކުރެއްވޭތީ އެވެ. މިއީ ޕާޓީގެ ސާފު ސަރުކާރެއް ހިންގުމަށް އޮތް ރަނގަޅު ތަސައްވުރަކަށް ވެދާނެއެވެ. ނަމަވެސް، ރައީސް ނަޝީދު އިޝާރާތްކުރެއްވި ލެވަރޭޖް ގެ ވާހަކައަކީ ރާއްޖޭގެ އިންތިހާބީ ނިޒާމު ބައްޓަންވެފައިވާ ގޮތުން އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. ޕްރައިމަރީގެ ތެރެއިން ރަނިންމޭޓުން އިއުލާނުކުރުމަކީ ކެނޑިޑޭޓުންގެ އަމިއްލަ ސިޔާސީ ބާރުވެރިކަން ދެއްކުމަށް ޖަހާ ވަހުތާނަކަށް ވެދާނެއެވެ. ނަމަވެސް މިއީ ޕާޓީގެ ކުރިމަގުގެ އިއްތިހާދީ ގުޅުންތަކަށް ހުރަސްއެޅިގެންދާނެ ކަމަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ޑިމޮކްރަސީ ހަރުދަނާވަނީ ހާމަކަން ބޮޑުވުމުންނެވެ. ސިޔާސީ ހިކުމަތްތެރިކަމަކީ އަތުގައި ހުރި ހުރިހާ ކާޑެއް އެއްފަހަރާ މޭޒުމައްޗަށް ނުޖަހައި ހިފެހެއްޓުމެވެ.




