އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު، އެ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތުގައި.-- ފޮޓޯ: އެމްޑީޕީ
ޕްރައިމަރީގައި ރަނިން މޭޓު އިއުލާންކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް: ނަޝީދު
މަރްޔަމް މުޙައްމަދު 9 އޮކްޓޯބަރ 2026 (ހުކުރު)   14:24
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާން ކުރަމުން ގެންދިޔުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އިންތިހާބަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަދައްކައި އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި ކަމަށާއި ރަނިން މޭޓު ކަމަކީ އެހެން ޕާޓީތަކާ މަޝްވަރާކުރާއިރު އެމްޑީޕީގެ ލެވަރެޖެއް ކަމަށެވެ.

"ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި. ރަނިން މޭޓު ކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރޭޖެއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވަން،" ނަޝީދު ލިޔުއްވާފައި ވެއެވެ. 

ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓަކު އިއުލާނުކުރެއްވާފައި ވަނީ ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް އެވެ. އޭނާގެ ރަނިން މޭޓަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. އާޒިމް ވިދާޅުވީ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަ ކުރަން ނިންމީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސެއް އަދި ނައިބު ރައީސެއް ހުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މިހުރީ،" އާޒިމް ވިދާޅުވެފައި ވެއެވެ.

ފައިސަލްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އަދި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު އެވެ.

އެމްޑީޕީން ފުރަތަމަ ފަހަރަށް ނަޝީދު ވެރިކަން ކުރެއްވިއިރު ނައިބު ރައީސަކަށް ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. 2013 ގެ އިންތިހާބަށް ނަޝީދުގެ ރަނިން މޭޓަކަށް ހުންނެވީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ މުސްތަފާ ލުތުފީ އެވެ.

އޭގެ ފަހުން އެމްޑީޕީގެ ދެވަނަ ސަރުކާރު އުފެދިގެންދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ރައީސަކަށް ހުންނެވީ ފައިސަލް އެވެ. އެ އިންތިހާބަށް ކޯލިޝަނަކާއެކު އެމްޑީޕީން ނުކުތްއިރު ރަނިން މޭޓުކަން ދިނީ އެ ކޯލިޝަނުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ސްލޮޓު ލިބިވަޑައިގަތީ ފައިސަލްއަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހުގެ ރަނިން މޭޓަކީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ އޭރުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުހައްމަދު އަސްލަމް އެވެ.

ކޮމެންޓް