ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރް ނިޔާވެއްޖެ
އަބްދުﷲ އިބްރާހީމް 8 އޮކްޓޯބަރ 2026 (ބުރާސްފަތި)   11:44
ބޮލީވުޑްގެ ލެޖެންޑަރީ ވެޓެރަން އެކްޓަރު، ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި މިއަދު ކުއްލިގޮތަކަށް މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބޮލީވުޑްގެ ފިލްމުތަކާއި ތިއޭޓަރުގައި ދައްކުވައިދީފައިވާ ވަރުގަދަ ހުނަރުވެރި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނާނާ ޕާޓޭކަރް، މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕަޓޭކަރު މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ގޯއާގައި ހުންނަ އޭނާގެ ގޭގެ ތެރެއިންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދީގެން ހޭއެރުވޭ ގޮތް ވަނީ ނުވެފައި ކަމަށް މީޑިއާތަކުން ބުނެއެވެ.

ނާނާ ޕާޓޭކަރް ވަނީ އެތައް އަހަރެއް ވަންދެން ހިންދީ އަދި މަރާޓީ ފިލްމުތަކުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ޕަރިންދާ“، ”ކްރާންތިވީރު“، ”އަގްނީ ސާކްޝީ“ އަދި މަޖާ ރޯލަކުން ފެނިގެންދިޔަ ”ވެލްކަމް“ ހިމެނެއެވެ. އޭނާގެ ތަފާތު ޑައިލޮގް ޑެލިވަރީއާއި ވަރުގަދަ އެކްޓިންގގެ ސަބަބުން އޭނާއަށް ވަނީ އިންޑިއާގެ ގައުމީ ފިލްމީ އެވޯޑުވެސް އެތައް ފަހަރަކު ލިބިފައެވެ.

އޭނާގެ އަސްލު ނަމަކީ ވިޝްވަނާތު ޕަޓޭކަރު ނަމަވެސް އާންމުކޮށް "ނާނާ" ގެ ނަމުން މަޝްހޫރުވި މި އެކްޓަރު، އޭނާގެ ފަންނީ މަސައްކަތް ފެށީ އަމިއްލަ ސްޓޭޓް ކަމަށްވާ މަހާރާޝްތުރާގެ މަރާތީ ބަހުން ކުޅޭ ތިއޭޓަރު ޑްރާމާތަކުންނެވެ. މަހާރާޝްތުރާއަކީ ބޮލީވުޑްގެ މައި މަރުކަޒު ވެސް މެއެވެ.

ޕަޓޭކަރުގެ ފާހަގަކޮށްލެވޭ ރުޅިގަދަ އެކްޓިން އާއި ބާރުގަދަ ޑައިލޮގްތަކުގެ ސަބަބުން އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތަކާއި ސަރަހައްދީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ލިބިފައި ވާއިރު، އޭނާ ވަނީ ފިލްމީ ދާއިރާގައި އަމީތާބް ބައްޗަން އާއި ޝާހްރުކް ޚާން ފަދަ މަޝްހޫރު ތަރިންނާއެކު ތަފާތު އެކި ރޯލުތައް އަދާކޮށްފަ އެވެ.

އަދި އޭނާއަކީ ސީރިއަސް ރޯލުތަކުގެ އިތުރުން ކޮމެޑީ ރޯލުތަކުގައި ވެސް އެފަދަ ދެވަނައެއް ނެތް މޮޅު ހުނަރެއް ދެއްކި އެކްޓަރެއް ކަމަށްވާއިރު، ފިލްމީ ދާއިރާގެ އިތުރުން، އޭނާއަކީ ދަނޑުވެރިންނަށް އެހީތެރިވުމަށް ހިންގި އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މީހަކަށް ވާއިރު، އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ދަނީ ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ޕަޓޭކަރު މަރުވިއިރު އޭނާގެ އަނބިމީހާ އާއި ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އޭނާ މަރުވިއިރު އުޅެމުންދިޔައީ އަނބިމީހާއާ ވަކިންނެވެ.

ކޮމެންޓް