
ރަސްކަންތައް އުފެދިފައިވާ ގޮތުގެ ތަސައްވަރު
ޔޫގެންޑާގެ ރަސްކަންތައް އުފެދިފައިވަނީ ހަމައެކަނި ވަކި ބަހަކަށް ނުވަތަ ވަކި ގަބީލާއެއްގެ މައްޗަށް އެކަންޏެއް ނޫނެވެ. މިއީ ގަބީލާތަކުގެ ނިޒާމު ނުވަތަ ކްލޭސް އާއި، އެ ބަޔަކު ވާހަކަދައްކާ ބަހުރަވަޔާއި އަދި އެ ބަޔަކު ދިރިއުޅޭ ޖިއޮގްރަފީ ނުވަތަ ބިން ނުވަތަ ޓެރިޓަރީގެ މައްޗަށް އެކުލެވިގެން އުފެދިފައިވާ ނިޒާމެކެވެ. މިސާލަކަށް، ޔޫގެންޑާގެ ދެކުނާއި ހުޅަނގުގެ ރަސްކަން ތަކަކީ ބަންޓޫ ދަރިކޮޅުގެ ބަހުރުވައިން ވާހަކަދައްކާ މީހުންނާއި ދަނޑުވެރިކަމާއި ގެރި ގެންގުޅުމުގެ ސަގާފަތުގެ މައްޗަށް ބިނާވެގެން އުފެދިފައިވާ ދައުލަތްތަކެކެވެ. ކޮންމެ ރަސްކަމެއްގެ ތެރޭގައި އެތައް ސަތޭކަ ކުދި ގަބީލާތަކެއް ހިމެނެއެވެ. މި ގަބީލާތައް ގުޅުވައިދޭ މައިގަނޑު އަސާސަކީ ރަސްގެފާނެވެ.
ރަސްކަން ވާރުތަކުރުމާއި އިސްކުރުމުގެ އުސޫލު
ޔޫގެންޑާގެ ރަސްކަންތަކުގައި ރަސްކަން ވާރުތަކުރުމުގެ ހާއްސަ ނިޒާމެއް އޮވެއެވެ. އާންމުގޮތެއްގައި ރަސްކަން ހިނގަނީ ބަފައިފަރާތުން ނުވަތަ ޕެޓްރިލިނިއަލް ގެ ފަރާތުންނެވެ. ނަމަވެސް، ޔޫގެންޑާގައި ރަސްގެފާނު އަވަހާރަވުމުން އޭނާގެ ދޮށީ ދަރިފުޅަށް އޮޓޮމެޓިކުން ރަސްކަމެއް ނުލިބެއެވެ. ރަސްކަން ލިބޭނެ ބޭފުޅަކު ކަނޑައަޅަނީ ޝާހީ އާއިލާގެ ހާއްސަ ކައުންސިލަކުން ނުވަތަ ޝާހީ ގަބީލާގެ ބޮޑުންގެ ކޮމިޓީ އަކުންނެވެ. އެ މީހުން ބަލަނީ ރަސްގެފާނުގެ ފިރިހެން ދަރިންގެ ތެރެއިން ނުވަތަ ކާފަދަރިންގެ ތެރެއިން ޝަރުތު ހަމަވާ، ގާބިލު މީހަކަށެވެ. ރަސްރަސްކަލުން ތަހުތަށް އިސްކުރުމުގެ ތެރޭގައި ގަދީމީ ސަގާފީ ރަސްމިއްޔާތުތަކުގެ ތެރޭގައި ރޫހާނީ ކަންތައްތަކެއް ހިމެނެއެވެ.
ރަސްކަލުން ތަހުތަށް އިސްކުރުމުގެ ތެރޭގައި ހިނގާ ރޫހާނީ ކަންކަމާއި ކާބަފައިންގެ ގުޅުން
ޔޫގެންޑާގެ ރަސްރަސްކަލުން ތަހުތަށް ނުވަތަ ވެރިކަމަށް އިސްކުރުމުގެ ތެރޭގައި ރޫހާނީ ކަންތައްތަކަކީ އާ ރަސްގެފާނާއި ކާބަފައިންގެ ރޫހުތަކާ ގުޅުވައިދޭ އެންމެ މުހިންމު ބަހާއެވެ. މިގޮތުން، ރަސްކަލަކު ތަހުތަށް އިސްވުމުގެ ކުރިން ގަދީމީ ސަގާފީ ގަބުރުސްތާންތަކަށް ނުވަތަ ޝާހީ މަގުބަރާތަކަށް ޒިޔާރަތްކުރައްވަ އެވެ. އަދި މި ޒިޔާރަތްތަކުގައި ކާބަފައި ރަސްރަސްކަލުންގެ ރޫހާނީ ބަރަކާތް ހޯދުމަށް ހާއްސަ ދުއާތަކާއި ރަސްމިއްޔާތުތައް ބާއްވަވައެވެ. މީގެ އިތުރުން، ޝާހީ ތާޖާއި، ކަނޑިތަކާއި، އަދި ހާއްސަކޮށް ރަސްކަމުގެ ރަމްޒެއް ކަމަށްވާ 'ޝާހީ ބެރަށް' ރޫހާނީ ބަރަކާތް ހޯދުމަށްޓަކައި ހާއްސަ ގަދީމީ ފެނަކުން ފެންވަރުވައެވެ. އަދި މިއާއެކު މޮކް ބެޓްލްތައް ރަމްޒުކޮށްދޭ ރަސްމިއްޔާތުތައް ކުރިއަށްގެންދެއެވެ. މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކީ، އާ ރަސްގެފާނަކީ މުޅި ރަސްކަމުގެ ރޫހާނީ ރައްކާތެރިކަމާއި ސަގާފީ ދިރުން ދަމަހައްޓާ ހިމާޔަތްތެރިޔާގެ މަގާމަށް ބަދަލުވެގެންދާ ދިއުން ރަމްޒުކޮށްދިނުމެވެ.
ބުގަންޑާ ރަސްކަން: ޔޫގެންޑާގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ރަސްކަން
ޔޫގެންޑާގެ ރަސްކަންތަކުގެ ތަރުތީބު ކުރާއިރު އެންމެ ފުރަތަމަ ނަންގަންނަންޖެހެނީ ބުގަންޑާ ރަސްކަމެވެ. މިއީ މުޅި ޔޫގެންޑާގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބައެކެވެ. އަދި އެންމެ ނުފޫޒުގަދަ ސަގާފީ ރަސްކަމެވެ. މި ރަސްކަމުގެ ރަސްގެފާނަށް ހާއްސަ ނަމެއްގެ ގޮތުން ކިޔަނީ 'ކަބާކާ' އެވެ. ބުގަންޑާގެ ރަސްކަމަކީ ޔޫގެންޑާގެ ވެރިރަށް ކަމްޕާލާ ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ރަސްކަމެކެވެ. އެހެންކަމުން މުޅި ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހަށް މި ރަސްކަމުގެ އަސަރު ވަރަށް ބޮޑަށް ފޯރައެވެ. މިހާރު ބުގަންޑާގެ ތަހުތުގައި ރެދަނލި ކުރައްވަނީ 36 ވަނަ ރަސްގެފާނު، ކަބާކާ ރޮނަލްޑް މުވެންޑާ މުޓެބީ 2 ވަނަ އެވެ. ކަބާކާގެ ދައުރަކީ ބުގަންޑާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމާއި، އެމީހުންގެ ބަހާއި ސަގާފަތް ރައްކާތެރިކުރުމެވެ.
ޓޫރޯ ރަސްކަން: ޒުވާން ލީޑަރޝިޕާއި ގުދުރަތީ ރީތިކަން
ޓޫރޯ ރަސްކަމަކީ ކުރިން ބުންޔޯރޯ ރަސްކަމުގެ ބައެއްގެ ގޮތުގައި އޮތް ވެރިކަމެކެވެ. ނަމަވެސް 19 ވަނަ ގަރުނުގެ ތެރޭގައި ވަކިވެގަތް ރަސްކަމެކެވެ. މި ރަސްކަމުގެ ވެރިޔާއަށް ކިޔަނީ 'އޮމުކާމާ' އެވެ. ދާދިފަހުން ޓޫރޯ ރަސްކަން ވަނީ ބޮޑު ބަދަލަކާ ކުރިމަތިލާފަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ތަހުތުގައި ހުންނެވި ކިންގު އޮޔޯ ވަނީ އުމުރުން 34 އަހަރުގައި ފާއިތުވި އޮގަސްޓް މަހު އަވަހާރަވެފަ އެވެ. އޮމުކާމާ އޮޔޯއަކީ ދުނިޔޭގެ އެންމެ ޒުވާން ރަސްގެފާނުގެ ގޮތުގައި ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ރަސްކަލެކެވެ. އޮމުކާމާ އޮޔޯ ކެންސަރު ބަލީގައި އަވަހާރަވުމާއި ގުޅިގެން ޝާހީ އާއިލާގެ ތެރޭގައި ބޮޑު ބަހުސެއް ހިނގިއެވެ. އޮޔޯގެ މަންމާފުޅާއި ދައްތާފުޅު ވަނީ، އޮޔޯގެ ވަސިއްޔަތެއް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އޮމުކާމާގެ ސިއްރު ފިރިހެން ދަރިއަކަށް ރަސްކަން ދިނުމަށް ވަކާލާތު ކުރައްވާފައެވެ. ނަމަވެސް، ޓޫރޯ ރަސްކަމުގެ މައިގަނޑު އަސާސް ކަމަށްވާ ބަބީޓޯ ޝާހީ ގަބީލާގެ 21 މެންބަރުންގެ ކޮމިޓީން އެކަން ބަލައި ނުގަނެ، ރައްދުކުރިއެވެ. އެ ކޮމިޓީން ނިންމީ، ރަސްކަމުގެ އާދަކާދައިގެ މަތިން ރަސްގެފާނު ދުނިޔޭގައި ހުންނަވަނިކޮން ގަބީލާގެ ބޮޑުންނަށް ތައާރަފު ކޮށްފައިނުވާ ދަރިއަކަށް ތަހުތު ވާރުތަނުވާނެ ކަމަށެވެ. އެއަށްފަހު، އެ ކޮމިޓީން 1928 ވަނަ އަހަރުން ފެށިގެން 1965 ވަނަ އަހަރުގެ ނިޔަލަށް 11 ވަނަ ރަސްގެފާނުގެ ގޮތުގައި ރަސްކަން ކުރެއްވި އޮމުކާމާ ސަރ ޖޯޖް ޑޭވިޑް މެތިއު ކަމުރާސީ ރުކީޑި 3 ވަނައިގެ ކާފަ ދަރިއެއް ތަހުތަށް އިސްކުރުމަށެވެ. މިގޮތުން ފާއިތުވި ސެޕްޓެމްބަރު މަހު ފަހުކޮޅު، އުމުރުން 56 އަހަރުގެ މަޝްހޫރު ނޫސްވެރިޔާ އެޑްވަރޑް ރުކިޑީ ކިޖާނަންގޯމާ ރަސްކަމަށް އިންތިހާބު ކުރިއެވެ. މިއީ ބަޓީތޯގެ 14 ވަނަ ރަސްކަލެވެ. މި ނިންމުމަށް ޔޫގެންޑާގެ މަރުކަޒީ ސަރުކާރާއި ރައީސް ޔުވެރީ މުސެވެނީގެ ފުރިހަމަ ތާއީދު ވަނީ ލިބިވަޑައިގެންފަ އެވެ.
ބުންޔޯރޯ ރަސްކަން: ތާރީހީ ގޮތުން އެންމެ ދުވަސްވީ އެއް ތަހުތު
ޔޫގެންޑާގެ ހުޅަނގު އުތުރު ސަރަހައްދަށް ފެތުރިފައިވާ ބުންޔޯރޯ ރަސްކަމަކީ އެފްރިކާގެ ސަރަހައްދުގައި އުފެދުނު އެންމެ ދުވަސްވީ އަދި އެންމެ ބާރުގަދަ އެއް އެމްޕަޔަރ ބުންޔޯރޯ-ކިޓާރާ ގެ ބައެކެވެ. މި ރަސްކަމުގެ ވެރިޔާއަށް ވެސް ކިޔަނީ 'އޮމުކާމާ' އެވެ. ތާރީހީ ގޮތުން ބަލާއިރު ބުންޔޯރޯއަކީ އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރި އެއް ރަސްކަމެވެ. މިހާރު ބުންޔޯރޯގެ ރަސްކަމުގެ ތަހުތުގައި ރެދަނލި ކުރައްވަމުން ދަނީ އޮމުކާމާ ސޮލޮމަން ގެފަބޫސާ އިގުރު 1 ވަނަ އެވެ. މި ސަރަހައްދަކީ މިހާރު ޔޫގެންޑާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެކެވެ.
ބުސޯގާ ރަސްކަން: އިރުމަތީގެ އެއްބައިވަންތަކަމުގެ ރަމްޒު
ޔޫގެންޑާގެ އިރުމަތީގައި، ނީލް ކޯރުގެ ފެށޭ ހިސާބާއި ވިކްޓޯރިއާ ކުޅީގެ އައްސޭރީގައި އޮންނަ ބުސޯގާއަކީ 11 ގަބީލާއެއް ގުޅިގެން އުފެދިފައިވާ ރަސްކަމެކެވެ. މި ރަސްކަމުގެ އެންމެ މަތީ ވެރިޔާއަށް ކިޔަނީ 'ކިއަބަޒިންގާ' އެވެ. އެހެން ރަސްކަންތަކާ ހިލާފަށް، ބުސޯގާގެ ރަސްކަލަކީ ސަގާފީ ބޮޑުންގެ މެދުގައި ނެގޭ ވޯޓަކުން އިންތِހާބުކުރާ މަގާމެކެވެ. ބުސޯގާގެ މިހާރުގެ ރަސްގެފާނަކީ ކިއަބަޒިންގާ ވިލިއަމް ވިލްބަރފޯސް ގެބުލާ ނަޑިއޯޕޭ 4 ވަނަ އެވެ. އޭނާގެ ވެރިކަމުގައި ބުސޯގާގެ ރައްޔިތުންގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި، ފަގީރުކަން ނައްތާލުމުގެ އިތުރުން ދަނޑުވެރިކަމާއި އިގުތިސޯދީ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ތާރީހީ ގޮންޖެހުންތަކާއި ރަސްކަންތައް އުވާލުން
ޔޫގެންޑާގެ ރަސްކަންތަކުގެ ތާރީހަކީ އޮމާން ތާރީހެއް ނޫނެވެ. 1962 ގައި ޔޫގެންޑާއަށް މިނިވަންކަން ލިބުނުއިރު، މި ރަސްކަންތަކަށް ސިޔާސީ ބާރުތަކެއް ވަނީ ލިބިދީފައެވެ. ނަމަވެސް، މަރުކަޒީ ސަރުކާރާއި ރަސްކަންތަކާ ދެމެދު 1966-1967 ގައި ސިޔާސީ ދެބަސްވުންތަކެއްގެ އުފެދުނެވެ. އެއާއެކު އޭރުގެ ބޮޑުވަޒީރު މިލްޓަން އޮބޯޓޭ ވަނީ ގާނޫނުއަސާސީ ބަދަލުކޮށްފައެވެ. އަދި ޔޫގެންޑާގައި އޮތް ހުރިހާ ސަގާފީ ރަސްކަމެއް ގާނޫނީ ގޮތުން އުވާލައްވާފައެވެ. މިއާއެކު ރަސްރަސްކަލުން ގައުމުތަކަށް އަރުވަލެއްވިއެވެ. އަދި ރަސްކަމުގެ ކޮއިލުތަކާއި، ގަނޑުވަރުތައް ސަރުކާރުގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުކުރެއްވިއެވެ.
ރަސްކަންތައް އަލުން އިއާދަކުރުން
ގާތްގަނޑަކަށް 26 އަހަރުގެ މެދުކެނޑުމަކަށްފަހު ރަސްކަންތައް އަލުން އިޔާދަ ކުރެވުނެވެ. މިއީ، ޔޫގެންޑާގެ ރައީސް ޔުވެރީ މުސެވެނީ ކޮށްދެއްވިކަމެކެވެ. މިގޮތުން ރަސްކަންތައް އިޔާދަ ކުރެވުނީ 1993 ވަނަ އަހަރުއެވެ. ސަރުކާރުން މިގޮތަށް ނިންމެވީ ރައްޔިތުންގެ މެދުގައި އޮތް ސަގާފީ ލޯތްބާއި، ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، އާ ގާނޫނުގެ ދަށުން މި ރަސްކަންތަކަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި، އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ މަނާކުރެވިފާވާ ކަމެކެވެ. އެ ބޭފުޅުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އަމިއްލަ ސަގާފަތް ދެމެހެއްޓުމާއި އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރެއްވުމެވެ.
ނިންމުން
ޖުމްލަގޮތެއްގައި ބަލާއިރު، ޔޫގެންޑާގެ ސަގާފީ ރަސްކަންތަކަކީ އެ ގައުމުގެ މާޒީއާއި މުސްތަގުބަލް ގުޅުވައިދޭ ވަރުގަދަ ފާލަމެކެވެ. ޒަމާނީ ދުނިޔޭގެ ސިޔާސީ ބަދަލުތަކާއި ގޮންޖެހުންތަކުގެ ތެރެއިން ވެސް، މި ރަސްކަންތަކުން ދަނީ އެމީހުންގެ އާދަކާދަތަކާއި ކާބަފައިންގެ ތަރިކަ ސަލާމަތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށް ދެމުންނެވެ. ސިޔާސީ ބާރުވެރިކަމެއް ނެތް ނަމަވެސް، ޔޫގެންޑާގެ ރައްޔިތުންގެ ގައުމީވަންތަކަން ބިނާވެފައިވަނީ މި ދެންނެވި ސަގާފީ ރަސްކަންތަކުގެ މުއްސަނދި ތާރީހުގެ މައްޗަށެވެ.




