ނިދާލް މަލިކް ހަސަން: އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވަނީ ލައިވް ސްޓުރީމްކޮށް.--
ލައިވް ސްޓްރީމް އެގްޒެކިއުޝަނާއި ބައިނަލްއަގުވާމީ ބަހުސް
މުހައްމަދު ހަލީމް 12 އޮކްޓޯބަރ 2026 (ހޯމަ)   13:52
އެމެރިކާގެ އަސްކަރީ ތާރީހު ދުށް އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާއަކީ ޓެކްސަސްގެ ފޯޓް ހުޑް މިލިޓަރީ ބޭހުގައި ދިން ބަޑީގެ ހަމަލާއެވެ. މި ހަމަލާ ދިނުމުގައި މުގުލުގައި ހުރީ އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރ ނިދާލް މަލިކް ހަސަނެވެ. 13 މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާ ގުޅިގެން ނިދާލުގެ މައްޗަށް އިއްވާފައިވަނީ މަރުގެ އަދެބެވއ. މި އަދަބު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މިގޮތުން ނިދާލުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނީ ބަޑިޖަހައިގެން ނުވަތަ ފައިރިން ސްކޮޑެއް ބޭނުންކޮށްގެނެވެ. މިއީ، ދެވަނަ ބޮޑުހަނގުރާމަ އަށްފަހު ބަޑިޖަހައިގެން މަރުގެ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ.

ނިދާލުގެ މައްޗަށް ހުކުމް ތަންފީޒުކުރާ މަންޒަރު އިންޓަނެޓް މެދުވެރިކޮށް މުޅި ދުނިޔެއަށް ލައިވް ސްޓްރީމް ކުރުމަށް ޕެންޓަގަނުންވަނީ ނިންމާފައެވެ. މިއާއި ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުއާއި ގާނޫނީ މާހިރުންގެ ސަމާލުކަމެއް ވަނީ މިކަމުގެ މައްޗަށް ހުއްޓިފައެވެ. އެފަދަ ފަރާތްތަކުން ބުނާގޮތުގައި މިއީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެކެވެ.

ނިދާލް މަލިކް ހަސަން: އަސްކަރީ ސައިކޭޓްރިސްޓެއްގެ ހަރުކަށި ފިކުރު
ނިދާލް މަލިކް ހަސަނަކީ އެމެރިކާގެ ވާޖިނިއާއަށް އުފަންމީހެކެވެ، އޭނާއަކީ އެމެރިކާގެ އަސްކަރިއްޔާގައި މޭޖަރއެއްގެ މަގާމުގައި ހިދުމަތްކުރަމުން ދިޔަ ސައިކޭޓްރިސްޓް ނުވަތަ ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. ނިދާލުގެ އަސްކަރީ ހިދުމަތުގެ ބޮޑު ބައެއް ހޭދަކުރީ ހަނގުރާމައިގެ މައިދާނުން އެނބުރި އަންނަ ސިފައިންނަށް ނަފްސާނީ ފަރުވާ ދިނުމުގައެވެ. ނަމަވެސް، ހަމަލާ ދިނުމުގެ މާކުރިން އޭނާގެ ސިކުނޑީގައި ވަނީ ހަރުކަށި ފިކުރު އަށަގަންނަން ފަށާފައެވެ. އެމެރިކާއިން އަފްގާނިސްތާނާއި އިރާގުގައި ކުރަމުންދިޔަ ހަނގުރާމައާ އޭނާ ވަރަށް ބޮޑަށް ދެކޮޅެވެ. އަދި ނިދާލް ހަސަން އަފްގާނިސްތާނުގައި ހިނގަމުންދިޔަ ހަނގުރާމައިގެ މައިދާނަށް ފޮނުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ނިންމިއެވެ. ނިދާލް ހަސަން ގަބޫލު ކުރިގޮތުގައިމި ނިންމުމަކީ މުސްލިމުންގެ ހިމާޔަތުގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުން ވާޖިބު 'ޖިހާދު' އެކެވެ.

ފޯޓް ހުޑް ހާދިސާ: 10 މިނެޓުގެ ލޭއޮހޮރުވުން
2009 ނޮވެމްބަރު 5 ވަނަ ދުވަހު ފޯޓް ހުޑް އަސްކަރީ ބޭހުގެ 'ސޯލްޖަރ ރެޑިނަސް ޕްރޮސެސިން ސެންޓަރު' ގެ ތެރެއަށް ނިދާލް ހަސަން ދަގެންދިޔައީ 'اللهُ أَكْبَرُ' އޭ ގޮވައި، ހަޅޭއްލަވަމުންނެވެ. އެއާއެކު އެތަނުގައި ތިބި ހަތިޔާރެއް ނެތް ސިފައިންގެ ގަޔަށް މެދުކެނޑުމެއްނެތް ބަޑީގެ ހަމާލަތއް ދޭން ފެށިއެވެ. ނިދާލް ހަސަން ހަމަލާދޭން ފެށިތާ އެންމެ 10 މިނެޓުގެ ތެރޭގައި އޭނާ ވަނީ 13 މީހުން މަރުވެފައެވެ. އޭގެ ތެރޭގައި މާބަނޑު އަންހެން ސިފައިންގެ މީހަކު ހިމެނެއެވެ އަދި ޒަހަމްވީ މީހުންގެ އަދަދު 32 އަށްވުރެ ގިނަ އެވެ. މި ބިރުވެރި ރޭމްޕޭޖް ހުއްޓުވުނީ އެތަނުގައި ތިބި މަދަނީ ފުލުހުން އޭނާގެ ގަޔަށް ބަޑިޖަހައި ބިންމައްޗަށް ވައްޓާލުމުންނެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން ނިދާލް ހަސަންގެ އުނަގަނޑުން ތިރި އެއްކޮށް ވަނީ ވާގިނެތިފައެވެ.

ތަހުގީގާއި އަސްކަރީ ޝަރީއަތް
މި ހާދިސާގެ ތަހުގީގުތައް ހިންގީ އެފްބީއައި އާއި އެމެރިކާގެ އަސްކަރީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ. މި ހިންގި ތަހުގީގުންން އެނގުނު ގޮތުގައި، ނިދާލް ހަސަން ވަނީ ޔަމަނުގައި ހުރި އަލްގައިދާގެ އިސް މެންބަރެއް ކަމަށްވާ އަންވަރު އަލް-އައުލާގީއާ އީމެއިލް މެދުވެރިކޮށް މުއާމަލާތްތަކެއް ކޮށްފައެވެ. އަދި 2013 ވަނަ އަހަރު ހިންގުނު އަސްކަރީ ކޯޓު މާޝަލްގައި ނިދާލް ހަސަން ވަނީ އޭނާގެ ކުށަށް އަމިއްލައަށް އިއުތިރާފުވެފައެވެ. ނިދާލް ހަސަންގެ ދިފާއުގައި އޭނާ ބުނީ އޭނާ ކުރި ކަމަކީ އިސްލާމްދީނާއި މުސްލިމުން ދިފާއުކުރުން ކަމަށެވެ. 13 އޮފިސަރުންގެ މައްޗަށް އެކުލެވޭ އަސްކަރީ ޖޫރީއަކުން އޭނާގެ މައްޗަށް 13 މީހުން ގަސްދުގައި މެރުމުގެ ކުށާއި، 32 މީހުން މަރަން އުޅުމުގެ ކުށް ސާބިތުވާކަމަށް ނިންމިއެވެ، އަދި އެހުރިހާ ޖޫރީންގެ އިއްތިފާގުން ނިދާލް ހަސަނަށް މަރުގެ އަދަބު ދިނުމަށް ހުކުމްކުރިއެވެ.

މަރުގެ އަދަބު ތަންފީޒުކުރަން ނިންމުމާއި ލައިވް ސްޓްރީމް ގެ މަގުސަދު
އެމެރިކާގެ އަސްކަރީ ގާނޫނު ބުނާގޮތުން، އަސްކަރީ ކޯޓަކުން އިއްވާ މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ އެމެރިކާގެ ރައީސް އެކަމަށް ސޮއިކުރައްވައި ހުއްދަ ދެއްވުމުންނެވެ. އެހެންކަމުން، ޕެންޓަގަންގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްގެ ލަފާގެ މަތިން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހުކުމް ތަންފީޒުކުރުމަށް ހުއްދަ ދެއްވާފައެވެ.

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވިދާޅުވި ގޮތުގައި، މި އެގްޒެކިއުޝަން އިންޓަނެޓުގައި ލައިވް ސްޓްރީމް ކުރަން ނިންމީ، މިއީ ކުރިމަގުގައި މިފަދަ ޓެރަރިސްޓް ހަމަލާތައް ދޭން އުޅޭ މީހުންނަށް ދެވޭ ވަރުގަދަ އިންޒާރެއް ނުވަތަ ޑިޓެރެންޓެއްގެ ގޮތުގައެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މީހެއްގެ މަރުގެ އަދަބު އާންމުކޮށް ބްރޯޑްކާސްޓްކުރާ ފުރަތަމަ ފަހަރަށް ވާނެއެވެ. އޭނާ މަރާލުމަށް ހަމަޖެހިފައިވަނީ ބަޑިޖަހާ ފައުޖެއް ނުވަތަ ސްކޮޑެއް ބޭނުންކޮށްގެންނެވެ.

ޝިކާރައަކަށްވި އާއިލާތަކުގެ ޝުއޫރުތައް: އިންސާފާއި ބަދަލުހިފުން
މި ހުކުމް ތަންފީޒުކުރާ ތާރީހު ކަނޑައެޅުމާއެކު، ހަމަލާގައި މަރުވި ސިފައިންގެ އާއިލާތަކާއި ސަލާމަތްވި މީހުންގެ ފަރާތުން ތަފާތު ޝުއޫރުތަކެއް ވަނީ ފާޅުކޮށްފައެވެ. ގިނަ އާއިލާތަކުން ބުނަމުންދަނީ މިއީ 17 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލިބޭނެ އިންސާފެއް ކަމަށެވެ. އަދި ނިދާލް ހަސަންގެ މަރުގެ ސަބަބުން އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.

ނަމަވެސް، ލައިވް ސްޓްރީމް ކުރުމުގެ ނިންމުމަށް ބައެއް އާއިލާތަކުން ދެކޮޅު ހަދައެވެ. ހަމަލާގައި ސަލާމަތްވި ބައެއް ސިފައިން ބުނާގޮތުގައި، މީހަކު މަރާލާ މަންޒަރު ދުނިޔެއަށް ދެއްކުމަކީ އެމެރިކާގެ އަދުލުގެ ނިޒާމު 'ބަދަލުހިފުމުގެ ތަމްސީލަކަށް' ބަދަލުވެގެންދާނެ ކަމެކެވެ. އަދި މިއީ ހަމަލާގެ ބިރުވެރި ހަނދާންތައް އަލުން އާލާވެގެންދާނެ ކަމެއް ކަމަށްވެސް އެމީހުން ބުނެއެވެ.

ގާނޫނީ ހުރަސްތަކާއި އިސްތިއުނާފުގެ މަރުހަލާ
ނިދާލް ހަސަންގެ މައްޗަށް ހުކުމް ތަންފީޒުކުރާ ތާރީހެއްގެ ގޮތުގައި ޕެންޓަގަނުން ކަނޑައަޅާފައިވަނީ ޑިސެމްބަރު 3 މި ތާރީހެވެ. ނަމަވެސް، ގާނޫނީ މާހިރުން ބުނާގޮތުގައި މި ތާރީހަށް ހުކުމް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ އެމެރިކާގެ މަދަނީ ފެޑެރަލް ކޯޓާއި، ސުޕްރީމް ކޯޓަށް މަރުގެ އަދަބާ ދެކޮޅަށް އިސްތިއުނާފް ކުރުމުގެ ހައްގު ނިދާލް ހަސަނަށް އެމެރިކާގެ ގާނޫނުއަސާސީން ލިބިދޭތީއެވެ.

ނިދާލް ހަސަންގެ ދިފާއީ ވަކީލުން ދަނީ ފެޑެރަލް ކޯޓަށް މައްސަލަ ވައްދައި، މި އެގްޒެކިއުޝަން މަޑުޖައްސާލުމުގެ އަމުރަކަށް ނުވަތަ ސްޓޭ އޮފް އެގްޒެކިއުޝަން އަށް އެދުމަށް ތައްޔާރުވަމުންނެވެ. ވަކީލުން ވަކާލާތުކުރާނީ އޭނާގެ ނަފްސާނީ ބަލިމަޑުކަމަށާއި، ލައިވް ސްޓްރީމް ކުރުމަކީ ގާނޫނުއަސާސީގެ 8 ވަނަ އިސްލާހުން މަނާކުރާ އާދަޔާ ހިލާފު އަދި ރަހުމުކުޑަ އަދަބެއް ނުވަތަ ކްރޫއަލް އެންޑް އަންޔޫޒުއަލް ޕަނިޝްމަންޓް އެއް ކަމަށް ބުނެއެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން
ނިދާލް ހަސަންގެ މައްޗަށް އިއްވާފައިވާ ހުކުމް ލައިވް ސްޓްރީމް ކުރުމުގެ ނިންމުމުން އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އދ. އިން ބުނާގޮތުގައި މީހަކު މަރާ މަންޒަރު އާންމުކޮށް ދެއްކުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން އަދި ހާއްސަކޮން ލާއިންސާނީ އަނިޔާ މަނާކުރާ މުއާހަދާތަކުގެ ދަށުން މަނާކުރާ ކަމެއްކަމަށެވެ.

ދުނިޔޭގެ އެކި ކޮޅުތަކުން މިކަމަށް ވަނީ ވަރަށް ބޮދަށް ފާޑުކިޔުން އަމާޒުވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ އެމެރިކާ ފަދަ ޑިމޮކްރެޓިކް ގައުމަކުން މިފަދަ ފިޔަވަޅެއް އެޅުމަކީ އަފްގާނިސްތާނާއި އީރާނު ފަދަ ގައުމުތަކުން އާންމުކޮށް މީހުން މަރާ އުސޫލަށް ތާއީދުކުރުން ފަދަ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ އެންމެ މުހިންމު އެއް އަސާސަކީ، 1948 ގެ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (UDHR) ގެ 5 ވަނަ މާއްދާއާއި، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (ICCPR) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް އިންސާނަކަށް ރަހުމުކުޑަ، ލާއިންސާނީ، ނުވަތަ އިހާނެތި އަދަބެއް ނުދިނުމެވެ. މި މިންގަނޑުތަކަށް ބާރުދެނީ 1984 ގެ އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ މުއާހަދާއިންނެވެ. މި މުއާހަދާ ބުނާގޮތުން، އަދަބު ދިނުމުގެ ނަމުގައި ވިޔަސް އިންސާނާގެ ކަރާމާތް ގެއްލޭ ފަދަ މަންޒަރުތައް އާންމުކުރުމަކީ ނަފްސާނީ އަނިޔާގެ ސައިކޮލޮޖިކަލް ޓޯޗަރ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމައެއާއެކު، އެމެރިކާގެ ގާނޫނުއަސާސީއަށް 1791 ގައި ގެނެވުނު 8 ވަނަ އިސްލާހަކީވެސް ސީދާ މި އަސާސަށް ފެތޭ އިސްލާހެކެވެ. އަދި މިއީ، ކޯޓުތަކުން ކުށްވެރިންނަށް ރަހުމުކުޑަ އަދި އާދަޔާ ހިލާފު އަދަބު ދިނުން މަނާކުރާ ދިފާއީ އައްޑަނައެކެވެ. ގާނޫނީ މާހިރުން ދެކޭގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އިންޓަނެޓުގައި ލައިވް ސްޓްރީމް ކުރުމަކީ މި ދެންނެވި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުކަމެކެވެ. އަދި އޭގެ އިތުރުން، އެމެރިކާގެ ގާނޫނުއަސާސީގެ 8 ވަނަ އިސްލާހާ ސީދާ ފުށުއަރާކަމެކެވެ. މީގެ ސަބަބުން އަދަބުގެ މަގުސަދު ގެއްލިގެންދާ ކަމެކެވެ. އަދި އިންސާނެއްގެ ފުރާނަ އާންމުންގެ ކުރިމަތީގައި ދުއްވާލުމަކީ މުނިފޫހިފިލުވުމުގެ ހަރަކާތަކަށް ވެގެން ހިނގައިދާނެ ކަމެކެވެ.

ނިންމުން
މި މައްސަލައިގައި އެމެރިކާގެ ސިޔާސީ މަސްރަހު ވެސް ވަނީ ދެބައިވެފައެވެ. ވައިސް ޕްރެޒިޑެންޓް ޖޭޑީ ވެންސް ވިދާޅުވީ ލައިވް ސްޓްރީމް ކުރިޔަސް އޭނާ އެ މަންޒަރު ބައްލަވަން ބޭނުންފުޅު ނުވާކަމަށެވެ. އަދި ރައީސް ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައިވަނީ ނިދާލް ހަސަނަށް މަރުގެ އަދަބު ހައްގެވެ. ނަމަވެސް، ލައިވް ސްޓްރީމް ކުރާނެތޯ ނުވަތަ ނޫންތޯ އާ މެދު ދެ ހިޔާލެއް އެބައޮތެވެ. އެހެންކަމުން އެކަމުގެ ފައިނަލް ނިންމުން ނިންމަވާނީ އަމިއްލަފުޅަށް ކަމަށެވެ. މިއީ އެމެރިކާގެ އަދުލުގެ ނިޒާމާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ކުރިމަތިލާނެ އެންމެ ބޮޑު އެއް އިމްތިހާނަށް ވެގެންދާނެއެވެ.

ކޮމެންޓް