
އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު (އޮކްޓޯބަރު 10) ގައި ހުޅުވާލާނެއެވެ.
އަދި، މިގޮތަށް ހުޅުވާލާތާ ތިން ދުވަސް ފަހުން މާލޭގައި ވޯޓުލާ މަރުކަޒުގައި އޮފިޝަލުން ނަން ހުށަހެޅުމަށް ވެސް ހުޅުވާލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ޖަހަންދެން ކަން ފާހަގަކޮށްލެވެއެވެ.
އަދި މިމަހުގެ 22 ވަނަ ދުވަހު، މެންބަރުންގެ ދަފްތަރު އާންމުކޮށް، އާންމުކުރެވުނު ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިރު، އެފަދަ ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އަދި މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކަށް ވެސް ކަނޑައަޅާފައި ވަނީ ހަމަ އެ މުއްދަތުކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެއިތުރުން މި މަހުގެ 27 ގައި، ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހަޅަން އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައި ވާއިރު، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
އަދި ރީ-ރެޖިސްޓްރޭޝަންގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ، 14:00 ގައި ހަމަވާނެ ކަމަށް ވެސް ކަނޑައަޅާފައި ވާއިރު، މީގެ އިތުރުން، ރީ-ރެޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ސުންގަޑިއެއްގެ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
އަދި، ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހު ދީފައި ވާއިރު، އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 14:00 ގައި އެ ފުރުސަތު ބަންދުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން، ދާއިމީ ވޯޓާސް ލިސްޓު އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހާމަކޮށް، ވޯޓުފޮށި ބަހައްޓާނެ ތަންތަން ނޮވެމްބަރު 23 ގައި އާންމުކުރާއިރު، ނޮވެމްބަރު 27، ގައި އިންތިހާބުގައި ވޯޓުލުން އެދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:30 އަށް ކުރިއަށްގެންގޮސް ވަގުތީ ނަތީޖާ އިއުލާންކުރަން ވަނީ ތާވަލުކޮށްފައެވެ.
އެއަށްފަހު ނޮވެމްބަރު 30 ވަނަ ދުވަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބުނީ، އަންނަ މަހު މި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މި އިންތިހާބު ވެގެންދާނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިހާބަށް ކަމަށާ، އަދި މިއީ ޕާޓީގެ ކުރިމަގަށް ރޭވިގެންދާނެ މުހިންމު ކަންތައްތަކެއް ރޭވޭނެ ގައުމީ މަޖިލީހެއް އިންތިހާބުވެގެން އަންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.




