
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ، ރައްޔިތުންނަށް މިއަދު ކުޑަނަމަވެސް ހިދުމަތެއް ލިބެމުންދަނީ ދައުލަތުގެ ބަޖެޓުން ލިބޭ ފަސް އިންސައްތައިން ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކުން ކަމަށާ،ީ، ރައީސް މުއިއްޒުގެ ކަމަކީ ތަކުރާރުކޮށް ރައްޔިތުންނަށް ދޮގުހައްދަވައި، ކަންކަން އޮޅުވާލެއްވުން ކަމަށެވެ.
އެހެންކަމުން ކައުންސިލްތަކުން ރައްޔިތުންގެ ލާބައަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވެފައި މި އޮންނަނީ ރައްޔިތު މީހާއަށް އެއްވެސް ކަމެއް ކޮށްނުދިނުމުގެ ޕްރޮޖެކްޓް ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، މިސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ފާހަގަވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އެއްވެސް އިހުތިރާމެއް ނެތި އިސްރާފުކޮށް، ތަޅާބުރުވަމުންދާ މަންޒަރު ކަމަށެވެ.
އަދި އަޅުގަނޑުމެންނަށް އަބަދުވެސް ދަސްވެފައި އޮންނަނީ އިހުތިރާމް ލިބޭނީ އަނެކާއަށް އިހުތިރާމް ދީގެން ކަމަށް ވާއިރު، ރައްޔިތުންނަށް ދޮގުހެދުމަކީ ރައްޔިތުންނަށް ކުރާ އިހުތިރާމް ކުޑަކުރުމެއް ކަމުގައި ވެސް ރޭގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ފާހަގަކުރެއްވީ، ކައުންސިލްތަކުން ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ދަނީ ބަޖެޓުގެ ކުޑަ މިންވަރަކުން ކަމުގައި ވިޔަސް، މިއަދު ފެންނަނީ އެ 5 ޕަސެންޓް ވެސް ކައުންސިލްތަކަށް ނުދީ ކަނޑާލަން ސަރުކާރުން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ފައިސާ މިސަރުކާރުން ކަނޑަމުންދިޔުމުގެ ސަބަބުން އެ ނިކަމެތިކަން ލިބެނީ މުވައްޒަފުންނަށް ކަމަށް ވާއިރު، ސަރުކާރުން އެކަން އެހެން ކުރުމުގެ ބޭނުމަކީ މުއައްޒަފުން ނިކަމެތިކޮށްލުން ކަމަށް، މި މަހުގެ ދެވަނަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި، މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.
އެ ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ، ކައުންސިލަށް ލިބޭ އާންމު އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން މިހާރު ވަނީ ކަނޑާލާފައި ކަމަށާ، އެކަމުގެ ސަބަބުން ކައުންސިލްގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާނެ ކަމަށެވެ.
އަދި ޒަމާނުއްސުރެ ކައުންސިލަށް ލިބެމުން އަންނަ އެތައް ބިލްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެމަނިކުފާނު މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލަށް ލިބޭ މަދު އެއްޗަކުން ކަމަށެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން ކުރިން ސޭވްކޮށްފައި ހުރި ފައިސާގެ އެހީގައި މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، މި ހިނގާ މަހުގެ މުސާރަ ދިނުމަށް ބަޖެޓުގައި ފައިސާ ނެތެވެ. އަދި މި މަހު ވެސް ސަރުކާރުން ގްރާންޓުން 13 މިލިޔަން ރުފިޔާ ކަނޑާލާފައިވާކަން ވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ކައުންސިލްގެ ހިންގުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަން ފާހަގަކުރައްވާ، އެގޮތުން މިސްކިތްތައް ބެލެހެއްޓުމާއި، މަގުތައް މަރާމާތުކުރުމާއި، އަދި ފްލެޓްތައް މަރާމާތު ކުރުން ފަދަ މުހިންމު ކަންކަމަށް ބެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ނަމަވެސް، ސަރުކާރުން ކުރިމަތި މި ކުރުވާ ދަތިތަކާއެކުވެސް ވީހާ ހަރަދު ކުޑަކޮށް މާލެ ސިޓީ ކައުންސިލް ހިންގޭތޯ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނެކަމަށް މޭޔަރު ވަނީ އެ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ.
މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައި ވާއިރު، ރައީސް މުއިއްޒު މިފަހުން ތަސްދީގުކުރެއްވި އާންމު ދަތުރުފަތުރުގެ އާ ގާނޫނާ އެކު، މާލޭގެ މަގުމަތި ބެލެހެއްޓުމުގެ ކަންކަން 2029ގެ ނިޔަލަށް ކައުންސިލުގެ ޒިންމާގެ ދަށުން ވަނީ އުނިކޮށްފައެވެ.
އެހެންކަމުން އެ މަސައްކަތްތައް މި ގާނޫނުގެ ދަށުން ދެން ހަވާލުވާނީ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހާ ކަންކަން ރާވައި ހިންގުމަށް ހަދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ކަމަށްވާއިރު، މިހާރު ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބޭ އާމްދަނީ ދެން ވަންނާނީ ގާނޫނުގެ ދަށުން އުފައްދާ ލޭންޑް ޓްރާންްސްޕޯޓް މޮބިލިޓީ ފަންޑަށެވެ. އަދި އެ ފަންޑުގެ ބެލެހެއްޓުންތެރި ފަރާތަކީ ޓްރާންސްޕޯޓް މިނިސްޓްރީ އެވެ.




