ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ "މޫޑީސް" - ފޮޓޯ: މޫޑީސް
މޫޑީޒްގެ ކްރެޑިޓް ރޭޓިންގައި ރާއްޖެ މައްޗަށް ޖެހިލައިފި
ހަސަން އިބްރާހީމް 8 އޮކްޓޯބަރ 2026 (ބުރާސްފަތި)   21:50
ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.

އެގޮތުން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށް ކަމަށް ވާއިރު، އެ ކުރިއެރުން ރާއްޖެއަށް އެ ލިބުނީ، މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މި ކުރިއެރުމަކީ ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށާ، މި ބަދަލުތައް ގެނައުމަށް ޓަކައި ސަރުކާރުން ކަނޑައަޅައިގެން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ނަތީޖާ ވެސް ރަނގަޅުކަމަށެވެ.

ރާއްޖޭއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް ދައްކައި ހަލާސްކޮށްފައި ވާއިރު، މި އަހަރުގެ އެޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ވަނީ ހަލާސްކޮށްފައެވެ.

އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ވެސް ފައިސާ ދައްކާފައި ވާއިރު، އޭގެއިތުރުން މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލް ވެސް ވަނީ ދައްކާފައެވެ.

100 މިލިޔަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީ ވެސް ދަރަނި ދެއްކުމުގައި ކުރިމަތިވެފައި އޮތް ތާށިކަން ކުޑަވި މުހިންމު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރިކަމަށް ދައުލަތުގެ ދަރަނީގެ ހިސާބުތަކުން ދެއްކި ނަމަވެސް، ސަރުކާރުގެ ފިޔަވަޅުތަކާއެކު މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައި ވާކަމަށް ވެސް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ފާހަގަކުރެއެވެ.

ކޮމެންޓް