
މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިއްޔެ ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރޭގެ ވަގުތެއްގައި އެ ގައުމަށް ވަޑައިގަތުމުން ޕާކިސްތާނުން ވަނީ އެމަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ގެކޮޅުގައި ވެސް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮތެވެ.
މިއަދު ސޮއިކުރެވުނު 20 އެއްބަސްވުމާއި ފަހުމުނާމާގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ވެވުނު އެއްބަސްވުމެވެ. މީގެއިތުރުން ސިއްހީ ދާއިރާ، މަތީ ތައުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި ދެ ގައުމުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައެވެ.
މާދަމާގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މިއީ ތާރީޚީ ގޮތުން ވެސް ފާހަގަކޮށްލެވޭ ވަރަށް މުހިންމު ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.




