
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން، ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިން ފޮރުވާފައިހުރި ލަގެޖަކާ ހަވާލުވުމުން ޝާހިލް ހައްޔަރުކުރީ މިދިޔައަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޕާކިސްތާނުގެ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްކަން ފާހަގަކޮށްލެވެއެވެ.
ޕީޖީ އޮފީހުން އޭރު ބުނެފައި ވަނީ، އޭނާ ބަންދުން ދޫކޮށްލަން އެދުނީ ބަންދުގައި ގިނަ ދުވަސްވެފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޝަރުތުތަކާއެކު ކަމަށާ، މިހާރު އެ މައްސަލަ އޮތީ ހުލާސާ ބަޔާނުގެ ހިސާބުގައި ކަމަށެވެ.
އޭނާ ދޫކޮށްލާފައި ހުއްޓާ، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝާހިލްއާއެކު ހައްޔަރުކޮށްފައި ވަނީ ތިން ފިލްމީ ތަރިން ކަމަށްވާ އާއި އިސްމާއިލް ޖުމައިހު، 35، އާއި، އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި، މުހައްމަދު ވިޝާލް (ރޯމަން)، 29، އާ އެކުގައެވެ.
އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަންއިރު މޭޒުމަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމަރުގައި ބުނެފައިވާއިރު، އެ އެންމެން ވެސް މެތާ ގުޅުންހުރި ސިންތެޓިކް ދެ ބާވަތެއްގެ ޑްރަގަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން، އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި ވެއެވެ.




