މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަދި ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު.--
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ފޮރިން މިނިސްޓަރުގެ ސުވާލުތަކެއް
ހަސަން އިބްރާހީމް 12 އޮކްޓޯބަރ 2026 (ހޯމަ)   16:05
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށް ގެންދާނެކަމަށް އިއުލާންކޮށްފައިވާ މަޝްރޫއުއާ މެދު މި ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ޚަލީލު ކަންބޮޑުވުން ފާޅުކުރައްވައި ސުވާލުތަކެއް އާންމުކުރައްވައިފި އެވެ.

ސަރުކާރުން ފުށިދިއްގަރު ފަޅުގައި ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރު 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން ސެޕްޓެމްބަރު 21 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"މޯލްޑިވްސް ވޯޓާ ފްރަންޓު އެންޑް މެރީނާ" ނަމުގައި ހިންގާ އެ މަޝްރޫއާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކިގޮތަށް އެކަން ސިފަކޮށް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރުވެސް، އީގަލް ހިލްސާއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އާންމެއް ނުކުރެ އެވެ.

ރައްޔިތުންގެ މެދުގައި އެ މަޝްރޫއުއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޚަލީލު މިއަދު ގޮވާލެއްވި އެވެ.

"ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލު ލިޔުއްވާފައި ވެއެވެ.  

ސަރުކާރުން ޖަވާބުދިނުމަށް ޚަލީލު ކުރިމަތިކުރެއްވި ސުވާލުތައް:

  1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
  2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
  3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
  4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
  5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
  6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
  7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟

"މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް." ޚަލީލު ވިދާޅުވެފައި ވެއެވެ. 

މި ސަރުކާރުގައި ފުރަތަމަ ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި ޚަލީލުގެ މި ސުވާލުތައް ސަރުކާރަށް އަމާޒުކުރުމާއެކު، ސަރުކާރު ހިންގާ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކްސްގައި ޚަލީލަށް ރައްދު ދެއްވާފަ އެވެ.

"ޔާމީނަށްވުރެ ވެސް ކުރީގެ ފޮރިން މިނިސްޓަރ ޚަލީލު ރަސްމާލެ ޕްރޮޖެކްޓާއި ދެކޮޅުވީމަ އަޅުގަނޑު ހައިރާންވެއްޖެ، އަޅުގަނޑަށް ކުރިން ހީކުރެވުނީ ގޯސްކޮށް." ފަލާހު ލިޔުއްވާފައި ވެއެވެ.

ފަލާހުގެ ވާހަކައަށް ރައްދު ދެއްވައި ޚަލީލު ވިދާޅުވީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނަންޖެހޭ ކަމަށާއި ހަމަ އެހެންމެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ދޭންޖެހޭ ކަމަށެވެ.

"މި ދެ ވާހަކަ މިގޮތަށް ބުނުމަކީ ރަސްމާލޭގެ ޕްރޮޖެކްޓާއި ދެކޮޅުވުން ކަމަށް ވާނަމަ، ރައްޔިތުން ދެން ތިބެންޖެހޭނީ ހަނު ނޫންތޯ؟" ޚަލީލު އިތުރު ސުވާލެއް އުފެއްދެވި އެވެ.

ކޮމެންޓް