އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅައިދޭ ފްލެޓްތައް އިޝްތިހާރުކޮށް އާންމުކުރި ތްރީޑީ ކުރެހުމެއް.--
ހައުސިން އަޅައިދެނީ ލޭންދޭނަށް!
ދާލުމީމު 14 އޮކްޓޯބަރ 2026 (ބުދަ)   14:59
ހަސީނު އާއި ގައިސަރާ ދެމީހުންނަކީ ޒަމާންވީ ދެރަހުމަތްތެރީންނެވެ. މި ދެރަހުމަތްތެރިން ތިބީ ފުވައްމުލަކު ތުނޑީގައި ހުރި ސައިހޮޓަލެއްގައި ކޮފީއެއް ބިންދާލާށެވެ. ހަސީނުގެ އަތުގައި އޮތް ފޯނުން ރަސްމާލޭގެ އާ ހަބަރުތައް ކިޔަމުން ދިޔައެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

"ގައިސަރާ! ކަލޭ އަޑުއެހިންތަ، ހުޅުމާލޭގައި އީގަލް ހިލްސް އިން އަޅައިދޭން އެއްބަސްވި 5,000 ހައުސިން ޔުނިޓުގެ ވާހަކަ؟" ހަސީނު ކޮފީތަށިން ކޯވަރެއް ބޯލަމުން އަހާލިއެވެ.

ގައިސަރު ހިނިތުންވެލިއެވެ. "އާނ، ތީ ހަމަ ސާބަސްދޭންޖެހޭ ވަރުގެ ކަމެއްނު! 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަށަން ޖެހެނީ ތިކަން، ސަރުކާރުން އެއޮތީ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ކުރިއަށް ނެރެފަ، އެއީ އެ އެއްބަސްވުމުގެ ލާޒިމު ޝަރުތެއް، މިއީ ކިހާބޮޑު ކާމިޔާބީއެއް. އިންވެސްޓަރުގެ މައްޗަށް ސަރުކާރުގެ ބާރު އޮތްކަން ތީގެއިން އެނގެނީ."

"ތިއީ ކަމުގެ އެއް ފަރާތް،" ހަސީނު ފޯނު މޭޒުމަތީގައި ބާއްވަމުން ބުންޏެވެ. "އެކަމަކު އިގުތިސޯދީ ނަޒަރަކުން މީގެ ފުރަގަހުގައި އޮތް މާލީ މޮޑެލްއަށް ވިސްނާލިންތަ؟ މި ހައުސިން ޔުނިޓުތަކަށް ހިނގާ 400 އާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދަކީ އީގަލް ހިލްސްއިން ރަސްމާލޭގައި ހަދާ ލަގްޒަރީ ރިއަލް އެސްޓޭޓް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 10 އިންސައްތައިގެ އާމްދަނީން އުނިކުރާ ގޮތަށް ހަމަޖެހިފައިވާ ފައިސާއެއް. މިއީ ހިލޭ ލިބޭ އެއްޗެއް ނޫން، މިއީ ލޭންދޭނު".

ގައިސަރު ނިތްކުރި އަރުވާލިއެވެ. "އެކަމަކު ދައުލަތުގެ ބަޖެޓުން ސީދާ ފައިސާއެއް ނުހިނގާ، އަދި ލޯނެއް ނަގާކަށްވެސް ނުޖެހޭނު؟"

"އެއީ ކޮންސެޕްޓް އޮޅުވާލުން،" ހަސީނު ކިޔައިދޭން ފެށިއެވެ. "އިގުތިސޯދުގައި މިއަށް ކިޔަނީ އޮޕޮޗޫނިޓީ ކޮސްޓް، މުސްތަގުބަލުގައި ދައުލަތަށް ސީދާ ނަގުދު ފައިސާއިން ލިބެން އޮތް ބޮޑު އާމްދަނީއެއް މި ގުރުބާންކުރަނީ، އިންވެސްޓަރު އަޅާއިދޭ ފްލެޓުތަކުގެ އަގަށް އެ ފައިސާ ކަނޑަން ޖެހުމުން، ދައުލަތަށް ލިބޭ ނަގުދު ފައިސާ މަދުވާނެ، ދެން ޖެހޭނީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން އިތުރު ދަރަނި ނަގަން. މިއީ ފޮރުވިފައިވާ ދަރަނީގެ ބޮޑު ބުރައެއް."

ގައިސަރު ވިސްނުމަކަށް ގެއްލުނެވެ. "އެހެންވީމާ ކަލޭ ތިބުނަނީ މިއީ އިންވެސްޓަރުން ސަރުކާރުގެ މައްޗަށް ބިސްކިޔާ ހިސާރުކުރުމަށް ލިބޭ ފުރުސަތެކޭތަ؟"

"އާނ، ހަމަ ޔަގީނުންވެސް!" ހަސީނު ބުންޏެވެ. "މަޝްރޫއުގެ ކުރީކޮޅުގައި ސަރުކާރުން އިންވެސްޓަރަށް މިހާ ބޮޑަށް ބަރޯސާވާން ޖެހުމުން، ކުރިއަށް އޮތް ތަނުގައި ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބާރު ކުޑަވެގެންދާނެ. އަދި އެންމެ ނުރައްކާތެރި ކަމަކީ، އީގަލް ހިލްސްގެ ބޭނުންތަކަށް ފެތޭގޮތަށް ރާއްޖޭގެ ބިމުގެ ގާނޫނާއި، ޓެކްހުގެ ނިޒާމު އަދި ބޭރުގެ މަސައްކަތްތެރިންގެ ގަވާއިދުތައް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ޕްރެޝަރު ކުރަން ފެށުން، އަހަރުމެންގެ އަމިއްލަ ގާނޫނީ ނިޒާމު ބޭރުގެ ވިޔަފާރިއެއްގެ ފައިދާއަށްޓަކައި ބަދަލުކުރަން މަޖުބޫރުވީމަ އެގެންލެނީ ދިވެހިގައުމުގެ ސިޔާދަތާ މިނިވަންކަން".

"ތި ވާހަކަ އަޑުއެހީމާ ހީވަނީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ދިމާވި ކަންތައްތައް ހެން،" ގައިސަރު ހަނދާންކޮށްލަމުން ބުންޏެވެ.

"ބަރާބަރު! ދުނިޔޭގެ މިސާލުތަކަށް ބަލާބަލަ،" ހަސީނު އަތުގެ އިޝާރާތުން ކިޔައިދިނެވެ. "މެލޭޝިޔާގެ ފޮރެސްޓް ސިޓީއަށް ބަލާ. ޗައިނާގެ ކުންފުންޏަކުން 100 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ބޭރުގެ މުއްސަނދިންނަށް އަމާޒުކޮށްގެން ތަރައްގީކުރި ރިއަލް އެސްޓޭޓް މަޝްރޫއެއް އެއީ. ވިސާގެ އުސޫލުތައް ބަދަލުކުރަން އެމީހުންކުރި  ޕްރެޝަރު ވަރަށް ބޮޑުވި، އެންމެ ފަހުން މާކެޓް ފްލޮޕްވީ، މިއަދު އެތަން އޮތީ އިގުތިސޯދަށް ބޮޑު ބުރައަކަށްވެ 'ރޫހާނީ ސިޓީއަކަށް' ވެފަ. ރަސްމާލޭގެ ލަގްޒަރީ މާކެޓްވެސް ދުނިޔޭގެ ބާޒާރުގައި ނުވިކިއްޖެނަމަ، ރާއްޖެއަށް ކުރިމަތިވާނީ ހަމަ މި ފުން ވަޅުގަނޑު."

"އަދި ސްރީލަންކާގެ ޕޯޓް ސިޓީ ވާހަކަވެސް އެބައޮތް ދޯ؟" ގައިސަރު އިތުރުކޮށްލިއެވެ.

"އާނ! ލަންކާގެ ޕޯޓް ސިޓީގައިވެސް އިންވެސްޓަރުންގެ ޝަރުޠުތަކަށް ފެތުމަށްޓަކައި ހާއްސަ އިގުތިސޯދީ ގާނޫނުތަކެއް ފާސްކުރަން ޕާލަމެންޓަށް މަޖުބޫރުވި. ނަތީޖާއަކީ ގައުމުގެ އެތެރޭގައި ބޭރުގެ ކުންފުންޏެއްގެ ފުރިހަމަ ކޮންޓްރޯލު ނެގުން، 'ގައުމެއްގެ ތެރޭގައި ކުޑަ ގައުމެއް' އުފެދުން. ރަސްމާލެއަކީވެސް ރިއަލްއެސްޓޭތު ޒޯނެއްގެ ގޮތުގައި ބޮޑެތި އިނާޔަތްތަކަކާއެކު ހިންގާ މަޝްރޫއަކަށް ވާނީ، އީގަލް ހިލްސްގެ އިންވެސްޓްމަންޓް ހިމާޔަތްކުރުމުގެ ނަމުގައި ލަންކާއަށް ކުރިމަތިވި ސިޔާދަތީ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވުމުގެ ފުރުސަތު އެބައޮތޭނު".

"އެހެންވިއްޔާ އެއްވެސް ސަބަބަކާހުރެ މަޝްރޫއު ހުއްޓިއްޖިއްޔާ މާލީ ބޮޑު ބަދަލެއް ދިވެހީން ދޭންޖެހޭނެތާދޯ؟" ގައިސަރު އަހާލިއެވެ.

"ޔަގީންތާ! ބޭރުގެ އާބިޓްރޭޝަނަކަށް ގޮސްފިއްޔާ ދިވެހީންގެ ބިންތައް ނޫނިއްޔާ ދައުލަތުގެ މުދާ އެ ކުންފުންޏަށް ދޫކޮށްލަން ގާނޫނީ މަޖުބޫރުގެ ތެރެއިން ކުރިމަތިވެދާނެ. މިއީ ސީދާ ލޯނެއް ނޫނޭ ބުންޏަސް، މާލީ ގޮތުން ގައުމު ބަނދެވިގެންދާނެ ދަރަނީގެ ދަންތުރައެއް،" ހަސީނު ނިންމާލަމުން ބުންޏެވެ.

ކޮމެންޓް