ރައީސް އަބްދުﷲ ޔާމީން، ފެހި ސިގްނަލް ޖަލްސާގައި.--
ޔާމީން އީގަލް ހިލްސްއަށް: ކަލޭމެންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަޝްރޫއު ހުއްޓާލުން
ހިޝާމް ހާރޫން 11 އޮކްޓޯބަރ 2026 (އާދީއްތަ)   15:11
ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން އިއުލާންކޮށްފައިވާ މަޝްރޫއު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ފުށިދިއްގަރު ފަޅުގައި ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރު 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން ސެޕްޓެމްބަރު 21 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"މޯލްޑިވްސް ވޯޓާ ފްރަންޓު އެންޑް މެރީނާ" ނަމުގައި ހިންގާ އެ މަޝްރޫއާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކިގޮތަށް އެކަން ސިފަކޮށް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ތަކުރާރުކޮށް އެ މަޝްރޫއަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ޔާމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީގަލް ހިލްސްއިން ދަނީ، އެބަޔަކަށް ވޯޓުދޭން ތިބި މީހުންގެ ތާއީދު ގެއްލިފައިވާ، އަހުލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރަކަށް ވާގިވެރިވަމުން ކަމަށެވެ.

އެ ކުންފުންޏަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ ޤަޟިއްޔާއަށް ލޯބިކުރާ، ސައްތަ އިންސައްތަ މުސްލިމު މުޖުތަމައެއްގައި ޔަހޫދީ އާބާދީއެއް ގާއިމުކުރުމަކީ އީގަލް ހިލްސް ހިމެނޭހެން އެމީހުންގެ އުކުޅުތަކުގެ މުނާފިގުކަމާއި ނުބައިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ހަމައެހެންމެ ރަސްމާލެ މަޝްރޫޢު ހުއްޓާލުމަކީ އީގަލް ހިލްސްއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ މަޝްރޫއަށް މުޅި ދިވެހި މުޖުތަމައުގައިވެސް އޮތީ ނުރުހުމާއި ނަފުރަތު ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، އީގަލް ހިލްސް މަޝްރޫއު ރަސްމާލޭގައި ކުރިއަށް ގެންދަން ދިވެހި ރައްޔިތުން ބޭނުން ނުވާނަމަ، އެ މަޝްރޫއު ކުރިއަށް ނުގެންދާނެކަމަށް އެ ކުންފުނީގެ ޗެއަރމަން މުހައްމަދު އަލައްބާރު ވިދާޅުވެފައިވަނިކޮށެވެ. އޭނާ ރާއްޖެ ވަޑައިގެން ރާއްޖޭގެ އެފަދައިން ވިދާޅުވީ ރާއްޖޭގެ އެކި މީޑިއާތަކާ ވަކިވަކިން ބައްދަލުކުރައްވައި އެ ޕްރޮޖެކްޓް ޕްރޮމޯޓް ކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކަތަކުގައެވެ.

ކޮމެންޓް