
ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި، މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ ހިތާމަވެރި ހާދިސާތައް އިތުރުވަމުން އަންނަ ކަމަށާ، އެގޮތުން، އިއްޔެ ވެސް ސްޓެލްކޯ ރެސިޑެންޝަލް ޓަވަރެއްގެ 12 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ދެ އަހަރުގެ ތުއްތު ކުއްޖަކު ވެއްޓި ނިޔާވެފައިވާ ހާދިސާއަކީ ނުހަނު ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ވެސް މިފަދަ އެތައް ހާދިސާއެއް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާތީ، މިކަމަށް ދާއިމީ ހައްލެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ބޭރުގެ އެކި ގައުމުތަކުގައި ވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް އަޅާ ފިޔަވަޅަކީ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުން ކަމަށްވާތީ، ރާއްޖޭގައި ވެސް އެ އުސޫލަށް އަމަލުކުރަން ޖެހޭ ކަމަށް ޒާޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މިކަން ކުރުމުގެ މައިގަނޑު ޒިންމާ އޮތީ އެޗްޑީސީއަށް ކަން ފާހަގަކުރައްވާ، މި ފިޔަވަޅު ނާޅައިފިނަމަ އިތުރު ފުރާނަތަކެއް ގެއްލިގެންދާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވުމުގެ ބިރު އެބައޮތް ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.
އެހެންކަމުން، ކޮންމެ ރެސިޑެންޝަލް ޓަވަރެއްގެ ބަލަދުވެރި ކުންފުންޏާ ގުޅިގެން އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަންޖެހޭ ކަމަށް ޒާޔާ ވިދާޅުވެ އެކަން ސިޓީކައުންސިލަށް ހުށަހަޅުއްވާ ފާސްކޮށްފައި ވަނިކޮށް، އޭގެ މާގިނަ ވަގުތުތަކެއް ނުވަނީސް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ފިޔަވަޅުއެޅުމަށް އެފްޑީސީން މަޝްވަރާ ފަށާފައިވާކަމަށެވެ.
ސޯޝަލް މީޑީއާގައި ހަމްދާން ޝަކީލް ވިދާޅުވީ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާ، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މަޝްވަރާކުރަމުންދާ ކަމަށެވެ.
އަދި ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައްވެސް ކުރެވެމުންދާ ކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.
މި މައްސަލައިގެ އިތުރުންވެސް ސިޓީކައުންސިލްގެ އިއްޔެގެ ޖަލްސާގައި، ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ޒާޔާ ހިއްސާކުރައްވާ ވިދާޅުވީ، ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުން އަންނަ އެ ސަރަހައްދުގައި ހާއްސަ އުސޫލަކުން ޓްރެފިކް ބެލެހެއްޓެން ޖެހޭ ކަމަށާ، މިކަމަށް ފުލުހުންނާ ގުޅިގެން އަވަސް ހައްލެއް ގެނައުމަށް ވެސް އެޗްޑީސީއަށް އެންގުމަށް ހުށަހަޅުއްވާކަމަށެވެ.
ފާހަގަކޮށްލެވޭގޮތުގައި މާލެ ސިޓީ ކައުންސިލަށް އެ ކައުންސިލްގެ މެންބަރުން ހުށަހަޅައިގެން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުން އެކަމަކާ ގުޅުންހުރި މި ސަރުކާރުގެ އިދާރާތަކުންނާއި ވުޒާރާތަކުން އެކަންކަން ކުރާކަމަށް ދެއްކުމަށް ކޮންމެވެސް ހަރަކާތެއް ހިންގައިގެން ނުވަތަ ސޯޝަލް މީޑިއާ ޕޯސްޓެއް ކޮށްގެން ނަމަވެސް ޚަބަރުތަކުގެ ސުރުހީތަކުން ޖާގަހޯދައެވެ.
އެހެން ނަމަވެސް އެއާ ވިދިގެން ރައްޔިތުންގެ ފަރާތުން ދެން އަނެއްކާވެސް އިވެންފަށަނީ އެކަންކަން އެދެވޭގޮތެއްގައި ނުހިގާކަމުގެ ޝަކުވާތައް ކަން ވެސް ފާހަގަކޮށްލެވެއެވެ.




