
ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، "ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، މއ. ވޭސައިޑް 304 ފްލެޓް، މުޙައްމަދު އަފީފް ޙުސެއިން މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި" ކަމަށެވެ.
ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް، ފެނަކައަށް ބަދަލު ކުރުމުގެ ކުރިން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވިއެވެ.
އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތައް ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ހިމެނެއެވެ.
މި ސަރުކާރު ފެށުމާއެކު ފެނަކައިގެ އެމްޑީއަކަށް އައްޔަނުކުރެއްވި މުއާޒު މުހައްމަދު ރަޝީދު، 2024 ޑިސެމްބަރު 23 ގައި އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން އެ މަހުގެ ތެރޭގައި އެ މަގާމަށް މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އައްޔަމުކުރިއެވެ.
އަފީފްގެ ކުރިން އެމްޑީ ކަމުގައި ހުންނެވި ނަޖާހު، މަގާމުން ވަކިކުރީ 2026 އެޕްރީލް 6 ގައެވެ.
އަފީފް ވަކިކޮށްފައި މިވަނީ ފެނަކަ އުވާލުމުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިމިފައެއް ނުވެއެވެ.
ފެނަކަ އުވާލައި، އެ ކުންފުނިން ކުރަމުން އައި ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއަށް ހަވާލުކުރަން ނިންމި ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެވެ.




