ރައީސް މުއިއްޒު، މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި.-- ފޮޓޯ: ރައީސް އޮފީސް
ފެނަކަ އާއި އާރުޑީސީ އުވާލަން ސަރުކާރުން ނިންމައިފި
ހަސަން އިބްރާހީމް 7 ސެޕްޓެމްބަރ 2026 (ހޯމަ)   14:54
ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނުމުގެ ހިދުމަތް ދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނި ފެނަކަ ކޯޕަރޭޝަން އާއި މަގުތައް ހެދުމަށް ހާއްސަކޮށް ސަރުކާރުން އުފައްދާފައިވާ އާރުޑީސީ އުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

ރައީސް ވިދާޅުވީ ފެނަކައިން ކުރަމުން އަންނަ މަސައްކަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ފެނަކަ އުވާލައްވާނެ ކަމަށެވެ. އަދި އާރުޑީސީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް އާރުޑީސީ ވެސް އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ބަދަލުތަކަށްފަހު އެމްޓީސީސީ އާއި ސްޓެލްކޯގެ ހިންގުން ހަރުދަނާވެ، ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.

"ފެނަކަ ސްޓެލްކޯއާ އެއްވެގެން ގޮސް ނިމިގެންދާއިރު އަދި އާރްޑީސީ އެމްޓީސީސީއާ މާޖްވެގެންދާއިރުގައި، ކުންފުނީގެ އެފިޝިއެންސީ އެޗީވް ކުރުމުގެ މަސައްކަތުގެ ތެރެއިން އަދި މުވައްޒަފުން ވެސް މަދުވެގެންދާނެ. އެހެންވީމާ އެފިޝިއެންޓް، މުވައްޒަފުން މަދު ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރު ކުންފުނިތައް ހިނގަމުންދާނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލު ކުރަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއް ދާއިރާއަކުން އެއްގޮތް މަސައްކަތްތަކެއް ކުރުމަށް ގިނަ ކުންފުނިތަކެއް އުފައްދާފައި ހުރުމަކީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާ ކަމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި ދެ ކުންފުނި އުވާލަން ނިންމެވި މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

ކޮމެންޓް