މުހައްމަދު އަފީފް ހުސައިން: ފެނަކަ އެމްޑީކަމުން ވަކިކޮށް މިހާރު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައި.-- ފޮޓޯ: ފެނަކަ
ފެނަކަ އިން ވަކިކުރި އަފީފް އެންވާރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
މަރްޔަމް މުޙައްމަދު 15 އޮކްޓޯބަރ 2026 (ބުރާސްފަތި)   14:30
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި މުހައްމަދު އަފީފް ހުސައިން އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.

އެންވާރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާކަން އަފީފް ވަނީ ބައެއް މީޑިއާތަކަށް  ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެ މަގާމަށް އޭނާ އައްޔަނުކުރީ އިއްޔެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަފީފްއަކީ މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.

ފެނަކަ އިން އަފީފް އިއްޔެ ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީވެ އެވެ. ފެނަކަ އިން ދެމުންދާ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިމިފައި ނުވިނަމަވެސް އަފީފް ވަކިކުރުމަށްފަހު، ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ހަވާލުކުރީ، ކުރިއަށް އޮތްތަނުގައި އެ ތަނުގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު އާއެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް، ފެނަކައަށް ބަދަލު ކުރުމުގެ ކުރިން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވިއެވެ.

އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތައް ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ހިމެނެއެވެ.

މި ސަރުކާރު ފެށުމާއެކު ފެނަކައިގެ އެމްޑީއަކަށް އައްޔަނުކުރެއްވި މުއާޒު މުހައްމަދު ރަޝީދު، 2024 ޑިސެމްބަރު 23 ގައި އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން އެ މަހުގެ ތެރޭގައި އެ މަގާމަށް މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އައްޔަނުކުރިއެވެ.

އަފީފްގެ ކުރިން އެމްޑީ ކަމުގައި ހުންނެވި ނަޖާހު، މަގާމުން ވަކިކުރީ 2026 އެޕްރީލް 6 ގައެވެ.

ފެނަކަ އުވާލައި، އެ ކުންފުނިން ކުރަމުން އައި ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރަން ނިންމި ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެވެ.

ކޮމެންޓް