ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.--
ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގުމަކީ ލާމަރުކަޒީ ނިޒާމު ނައްތާލުން
“މުޒާހަރާއެއް، ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާ ތަނެއް ނެގިޔަސް، އެމްޑީޕީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން،” - ޝާހިދު
ހަސަން އިބްރާހީމް 16 އޮކްޓޯބަރ 2026 (ހުކުރު)   16:50
މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަކީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ނައްތާލުމަށް ކޮށްފައިވާ ކަމެއް ކަމަށާ، އސދި އެއީ ލާމަރުކަޒީ ނިޒާމް ނައްތާލުމަށް މި ސަރުކާރުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާ މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއަދު މިކަން މާލެ ސިޓީ ކައުންސިލުން ފެށި ނަމަވެސް، ސަރުކާރުން މިކަން ނިންމާނީ އެހެން ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ވެސް ސަރުކާރަށް ނަގައިގެން ކަމަށެވެ.

އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ސަރުކާރުން މި ބިންތައް ނެގި ނަމަވެސް، އެކަމުގެ ހަގީގީ މަގުސަދަކީ މާލޭ ސަރަހައްދުގައި އެމްޑީޕީން ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހުއްޓުވުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"މުޒާހަރާއެއް، ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާ ތަނެއް ނެގިޔަސް، އެމްޑީޕީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން," - ޝާހިދު

އަދި މި ސަރުކާރުން ކިތަންމެ ހުރަސްތަކެއް އެޅި ނަމަވެސް އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސާބިތުކަމާއެކު ބާރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ވަނީ ދެއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ބޮޑެތި ބިންތަކެއް ސަރުކާރަށް ނެގުމަށް ނިންމުމުން އިދިކޮޅު ގިނަ ފަރާތްތަކުންނާއި ރާއްޖޭގެ ގިނަ ކައުންސިލްތަކެއްގެ މެންބަރުން ވެސް އަންނަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް