
ދުނިޔެ މިއަދު އޮތީ ހަލަބޮލިކޮށެވެ. ބައްރުތަކުގެ ތަފާތު ކަންކޮޅުތަކުގައި ޒުވާނުން ދަނީ ސިޔާސީ ނިޒާމުތަކާ މެދު ސުވާލު އުފައްދައި، ނިންމުންތަކަށް ގޮންޖަހައި، ކަރާމާތާއި، އިންސާފާއި، ފުރުސަތުތައް ލިބިދޭ މުސްތަޤުބަލަކަށް ވަކާލާތު ކުރަމުންނެވެ.
ފްރާންސްގައި ޕެންޝަން އިސްލާހާއި އިގްތިސާދީ ދަތިތަކާ ގުޅިގެން ޒުވާނުން މުޒާހަރާ ކުރިއެވެ. އިންޑިއާގައި ވަޒީފާ ނެތުމާއި، ވަޒީފާ ދިނުމުގެ އިންސާފުވެރިކަމާއި، ތައުލީމީ ފުރުސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަލްބޭނިއާގައި ކޮރަޕްޝަނާއި ޖަވާބުދާރީވުމާ ގުޅޭގޮތުން އަޑުއުފުލިއެވެ. ބްރެޒިލްގައި ޒުވާނުން އިސްނަގައިގެން ހަމަހަމަކަމާއި، ތައުލީމާއި، މޫސުމީ އިންސާފާއި، ގައުމީ ތަރައްގީއާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވިއެވެ.
މި ހަރަކާތްތައް ތަފާތެވެ. ކޮންމެ ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ނުވެދާނެއެވެ. ބައެއް ހަރަކާތްތަކަށް ސިޔާސީ ހުރަސްތަކާ ކުރިމަތިވާއިރު، އަނެއްބައި ހަރަކާތްތަކުގައި ބައިބައިވުމާއި އަނިޔާވެރިކަން ކުރިމަތިވެއެވެ. ނަމަވެސް މި ހުރިހާ ހަރަކާތަކުން ބުނެދެނީ އެއް މެސެޖެކެވެ. އެކުދިންގެ މުސްތަޤުބަލާ ގުޅޭ ނިންމުންތައް އެކުދިންގެ ބައިވެރިވުމާ ނުލައި ނިންމުމަށް ޒުވާނުން ދެން ބޭނުމެއް ނުވެއެވެ.
އެކުދިން އުނދަގޫ ސުވާލުތައް ކުރަމުންދެއެވެ. އައު ޖީލުން، އެމީހުންގެ އެއްވެސް ދައުރެއް ނެތް މައްސަލަތަކެއްގެ ތެރެއަށް ވާރުތަވާންވީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ވައުދުތަކާ މެދު ސުވާލު ނުއުފައްދާ ތިބެންވީ ކީއްވެ ހެއްޔެވެ؟ މިއަށްވުރެ ރަނގަޅު ހައްލުތައް ހުރިއިރު، ދޯދިޔާ ވެރިކަމެއް ރައްޔިތުން ގަބޫލުކުރަންވީ ކީއްވެ ހެއްޔެވެ؟
އަހަރުމެންގެ ގައުމަކީ އިންތިހާއަށް ޤުދުރަތީ ރީތިކަމާއި، ޒުވާން އާބާދީއަކާއި، އިންތިހާ ފުރުސަތުތައް އޮތް ކުޑަ ޖަޒީރާ ގައުމެކެވެ. ނަމަވެސް ބޯހިޔާވަހިކަމާއި، ވަޒީފާއާއި، ތައުލީމާއި، އިގްތިސާދީ މިނިވަންކަމާއި، ސިޓީ ޕްލޭނިންގް އާއި، ތިމާވެށީގެ ރައްކާތެރިކަމާއި، ދައުލަތް ޖަވާބުދާރީ ކުރުވުމާ މެދު އަހަރުމެންގެ މުޖުތަމައުގައި ސީރިއަސް ސުވާލުތަކެއް އެބަހުއްޓެވެ.
އެހެންކަމުން، އަހަރުމެން އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ. ދިވެހި ޒުވާނުންގެ މުސްތަޤުބަލު ބައްޓަންކުރާނެ ބޮޑެތި މައްސަލަތަކަށްވުރެ އެކުދިންގެ އަޑު މަޑުވެފައިވަނީ ކީއްވެ ހެއްޔެވެ؟
ދިވެހި ޒުވާނުންގެ ބައިވެރިވުން ހަނިވެފައިވާހެން ހީވަނީ ކީއްވެ؟
ހުރިހާ ދިވެހި ޒުވާނުންނަކީ ހަނުތިބޭނެ ބައެއް ކަމަށް ބުނުމަކީ ބޭއިންސާފެކެވެ. ގިނަ ޒުވާނުންތަކެއް ދަނީ ހިލޭސާބަހަށް މަސައްކަތްކޮށް، ކިޔަވައި، ވިޔަފާރިތައް އުފައްދައި، އިންތިހާބުތަކުގައި ބައިވެރިވެ، އިޖުތިމާއީ ކަންކަމުގައި ވަކާލާތުކޮށް، މުޖުތަމައަށް ހިދުމަތް ކުރަމުންނެވެ.
ކަންބޮޑުވުމަކީ، ގައުމުގެ މިސްރާބަށް ނުފޫޒު ފޯރުވޭ ފަދަ މިނިވަން، ރޭވުންތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން އޮތްތޯ އުފެދޭ ސުވާލެވެ.
ސިޔާސީ ގޮތުން ވަރުބަލިވުމާއި ބައިބައިވުން
ދިވެހިރާއްޖޭގައި ސިޔާސީ ހިޔާލުތަފާތުވުންތައް މަޖިލީހާއި ކެމްޕޭން ޕޯޑިއަމްތަކުން ބޭރުވެ، ރަހުމަތްތެރިކަމާއި، ވަޒީފާގެ މާހައުލާއި، އާއިލާތަކުގެ ތެރެއަށް ވަނީ ވަދެފައެވެ. މިނިވަން ހިޔާލެއް ފާޅުކުރުމުން، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ނުވަތަ އަނެއް ޕާޓީއަކާ ދެކޮޅު މީހެއްގެ ލޭބަލް އެޅުވުމަކީ އާންމު ކަމެކެވެ. ޒުވާނަކު ސަރުކާރުގެ ނިންމުމަކާ މެދު ސުވާލު އުފައްދައިފިނަމަ، އެއީ އިދިކޮޅު ސަޕޯޓަރެއް ކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތެއްގެ ހުށަހެޅުމަކަށް ފާޑުކިޔައިފިނަމަ، އެއީ ސަރުކާރު ދިފާއުކުރާ މީހެއްގެ ގޮތުގައި ސިފަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގެ ބަހުސް ބަދަލުވެގެންދަނީ ސިޔާސީ ވަފާތެރިކަމާ ބެހޭ ޒުވާބުތަކަކަށެވެ. މިއީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެކެވެ. އިދިކޮޅަށް ތާއީދު ނުކޮށްވެސް ސަރުކާރަށް ފާޑުކިޔިދާނެއެވެ. ސަރުކާރު ދިފާއު ނުކޮށްވެސް އިދިކޮޅަށް ފާޑުކިޔިދާނެއެވެ. ތިމާގެ ވަފާތެރިކަން އޮންނަންވާނީ ސިޔާސީ ޝަހުސިއްޔަތުތަކަކަށް ނޫނެވެ، އާންމު މަސްލަހަތަށެވެ. ރާއްޖެއަށް ބޭނުންވަނީ، ސިޔާސަތުތައް ހުށަހަޅަނީ ކާކުތޯ ބެލުމުގެ ބަދަލުގައި، އެ ސިޔާސަތެއްގެ މޮޅުދެރަކަން ވަޒަންކުރަން އެނގޭ ޖީލެކެވެ.
ފާޅުގައި ވާހަކަދައްކަން ޖެހިލުންވުން
ގާތް ގުޅުންތަކެއް އޮންނަ ކުޑަ މުޖުތަމައެއްގައި، ބައެއް ޒުވާނުން ޖެހިލުންވަނީ ހިޔާލުފާޅުކުރުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކަށް ނުވަތަ އަމިއްލަ ދިރިއުޅުމަށް ނޭދޭވޭ އަސަރެއް ކޮށްފާނެތީއެވެ. މިއީ އެންމެންނަށް ދިމާވާ ކަމެއް ނޫން ކަމުގައި ވިޔަސް، ނޭދޭވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް ހީވުމަކީވެސް ބައިވެރިވުމަށް އޮތް ހުރަހެކެވެ. ސިއްހަތު ރަނގަޅު މުޖުތަމައެއްގައި، ބިރުވެރިކަމެއް ނެތި، އަމާންކަމާއި ޒިންމާދާރުކަމާއެކު ނިންމުންތަކާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންވާނެއެވެ. ފާޑުކިޔުން ބިނާވާންވާނީ ހެކީގެ މައްޗަށެވެ. އަމިއްލަ ޒާތީ ހަމަލާތަކަކަށް ނޫނެވެ.
ޒިންމާދާރު ގޮތެއްގައި ހިޔާލުފާޅުކުރުމަކީ ބަލިކަށިކަމެއް ނޫންކަމާއި، އެއީ ގައުމެއްގެ ވަރުގަދަކަން ކަން ޒުވާނުން ގަބޫލުކުރަންޖެހެއެވެ. އިސްލާހުކުރަންޖެހޭ ކަންކަމާ މެދު ވާހަކަދައްކަން ރައްޔިތުން ބިރުގަންނަނަމަ، ގައުމެއް ކުރިއަކަށް ނުދާނެއެވެ.
ދެމެހެއްޓެނިވި އަމަލެއް ނެތް ސޯޝަލް މީޑިއާ ހަރަކާތްތައް
ދިވެހި ޒުވާނުންނަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ބައެކެވެ. ސިޔާސީ ބަހުސްތަކާއި، ސަރުކާރުގެ ނިންމުންތަކާ މެދު ކުރާ ޝަކުވާތަކަށް އަވަހަށް ސަމާލުކަން ލިބެއެވެ.
ނަމަވެސް، ލިޔުމެއް "ވައިރަލް" ވުމަށްފަހު ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އެ މައްސަލައެއް އިތުރަށް ތަހުގީގު ކުރާ މީހަކު އެބަހުރި ހެއްޔެވެ؟ ކަމާބެހޭ އިދާރާތަކަށް ސުވާލު ހުށަހެޅޭ ހެއްޔެވެ؟ ހައްލުތަކެއް އެކުލަވައިލެވޭ ހެއްޔެވެ؟ ވީ ވައުދުތައް ފުއްދާތޯ ބަލަމުންދޭ ހެއްޔެވެ؟ ބައެއް ފަހަރު އޮންލައިން ކެމްޕޭންތަކުން ނަތީޖާ ނުކުމެއެވެ. އެކަމަކު ހަމައެކަނި ސަމާލުކަން ލިބުމަކީ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަމެއް ނޫނެވެ. ޒުވާން ޖީލުން ދަސްކުރަންވީ އޮންލައިން ބަހުސްތައް، ރޭވުންތެރި މަދަނީ ހަރަކާތްތަކަކަށް ބަދަލުކުރާށެވެ. ބޯހިޔާވަހިކަމުގެ ޝަކުވާކުރުމުގެ ބަދަލުގައި، ކުލީގެ އަގުތަކާ ގުޅޭ ހެކި އެއްކޮށް، އަމަލީ ގޮތުން ކުރެވިދާނެ ހައްލުތައް ހުށަހެޅިދާނެއެވެ. ވަޒީފާ ނެތްކަމުގެ ޒުވާބު ކުރުމުގެ ބަދަލުގައި، ދަސްވެނިވާ ކުދިންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ދިރާސާކޮށް، އިސްލާހު ކުރަންވީ ކަންކަން ހުށަހެޅިދާނެއެވެ. ވައިރަލްވާ ޕޯސްޓަކުން ބަހުސެއް ފެށިދާނެއެވެ. ނަމަވެސް، ހެއްކާ އެކު ކުރާ ދެމެހެއްޓެނިވި މަސައްކަތުން ސިޔާސަތުތައް ބަދަލުކުރަން ބާރުލިބޭނެއެވެ.
ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ކުރާ ހަނގުރާމަ
ގިނަ ދިވެހި ޒުވާނުން ތިބީ ތައުލީމާއި، ވަޒީފާއާއި، އާއިލީ ޒިންމާތަކާއި، އިގްތިސާދީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރުމުގައެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުމާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ބޯހިޔާވަހިކަމާއި ކެރިއަރާ މެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން، އާންމު ކަންކަމުގައި ބައިވެރިވުމަކީ އިތުރު ބުރައެއްގެ ގޮތުގައި އިހުސާސް ކުރެވިދާނެއެވެ. ޒުވާނުންނަށް މުސްތަޤުބަލަށްޓަކައި ތެދުވުމަށް ބުނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން ބައިވެރިވުމުގެ ވަގުތާއި ހަކަތަ މަދުވެފައިވާކަން ގަބޫލުކުރަން ޖެހެއެވެ. އެހެންކަމުން، ޒުވާނުންގެ ބައިވެރިވުމަކީ ހަމައެކަނި މުޒާހަރާ ކުރުމެއް ނޫނެވެ. އޮންލައިން ބަހުސްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ދަރިވަރުންގެ ދިރާސާތަކާއި، ފަންނީ ޖަމިއްޔާތަކުގެ ތެރެއިންވެސް ބައިވެރިވެވިދާނެއެވެ.
ބަދަލެއް އަތުވެދާނެ ކަމުގެ އުއްމީދު ކެނޑުން
އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ޒުވާނުން އެމީހުންގެ އަޑުން ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރުން ހުއްޓާލުމެވެ. ފެންނަ ފެނުމަށް ބަދަލެއް ނާންނަ އިރު ތަކުރާރުކޮށް ވައުދުތައް ވުމުން މީހުން މާޔޫސްވެއެވެ. އާންމުންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ލިބެނީ ހަމައެކަނި ކެމްޕޭން ދުވަސްވަރު ކަމަށްވާނަމަ، އިތުބާރު ކެނޑެއެވެ. ނަމަވެސް، ހަނު ހުރުމަކުން ނިންމުންތައް ނިންމުން ނުހުއްޓޭނެއެވެ. އެކަމުގެ ސަބަބުން ވާނެ ގޮތަކީ، އެ ނިންމުންތަކާ މެދު ސުވާލު އުފައްދާ މީހުންގެ އަދަދު މަދުވުމެވެ.
ބޯހިޔާވަހިކަން: އަގުހެޔޮ، ރައްކާތެރި ބޯހިޔާވަހިކަމެއް ލިބޭނެ ކަމުގެ އުއްމީދު ޒުވާނުންނަށް ކުޑައީ ކީއްވެ ހެއްޔެވެ؟ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކުލީގެ އަގުތަކާއި، ހާމަކަން ބޮޑު ގޮތެއްގައި ގޯތިގެދޮރު ބެހުމުގައި ހުރި ލަނޑުދަނޑިތަކަކީ ކޮބައިހެއްޔެވެ؟
ތައުލީމާއި ވަޒީފާ: ތައުލީމީ މަންހަޖުތަކުން ކުދިން ތައްޔާރުކޮށްދެނީ ވަޒީފާގެ މާހައުލަށް ހެއްޔެވެ؟ ޒަމާނީ ދާއިރާތަކުން ބޭނުންވާ ފަންނީ ހުނަރުތައް ދަސްވެނިންނަށް ލިބޭ ހެއްޔެވެ؟ ފަންނީ ތައުލީމާއި، ވިޔަފާރިވެރިކަމާއި، ޑިޖިޓަލް ދާއިރާތައް ވަރުގަދަ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
އިންސާފުވެރިކޮށް ވަޒީފާ ދިނުން: ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކުން ވަޒީފާ ދިނުމުގައި ގާބިލިއްޔަތާއި، ފެންވަރާއި، ތަޖުރިބާއަށް އިސްކަންދީ ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީފައިވޭ ހެއްޔެވެ؟
ރަށް ބައްޓަންކުރުން (ރަށެއްގެ އާރބަން ޑިވެލޮޕްމެންޓް): ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާއާއި، ކުނި މެނޭޖުކުރުމާއި، އިންފްރާސްޓްރަކްޗަރ އަކީ އެއްކޮށް ގުޅިފައިވާ ނިޒާމެއްގެ ގޮތުގައި ރޭވިފައިވާ ކަންކަން ހެއްޔެވެ؟ ނިންމުންތައް ނިންމުމުގައި ފަންނީ މީހުންގެ ބައިވެރިވުން އޮވޭ ހެއްޔެވެ؟
މޫސުމީ ރައްކާތެރިކަން: ތިމާވެށީގެ ދިރާސާތަކަކީ ހާމަކަން ބޮޑު އެއްޗެއް ހެއްޔެވެ؟ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފަޅު ހިއްކުމާއި، ތަރައްގީގެ މަޝްރޫއުތަކުގައި ރަށު ފެންވަރުގައި މަޝްވަރާ ކުރެވޭ ހެއްޔެވެ؟ އަންނަން އޮތް ޖީލުތައް ހިމާޔަތް ކުރަން އަޅާ ފިޔަވަޅަކީ ކޮބައިހެއްޔެވެ؟
އިގްތިސާދީ މިނިވަންކަން: ޒުވާނުންނަށް އަމިއްލަ ވިޔަފާރި ފަށައި، މާލީ އެހީތެރިކަން ހޯދައި، ހުނަރު ތަރައްގީކޮށް، ވަޒީފާ އުފެއްދުމަށް ދެވޭ އަމަލީ އެހީތެރިކަމަކީ ކޮބައިހެއްޔެވެ؟
ޖަވާބުދާރީވުން: ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ގޮތާއި، ސަރުކާރުގެ ވައުދުތަކުގެ ނަތީޖާ ރައްޔިތުންނަށް ސާފުކޮށް އެނގޭ ހެއްޔެވެ؟
މިއީ ވަކި ސިޔާސީ ޕާޓީއަކަށް ހާއްސަ ސުވާލުތަކެއް ނޫނެވެ. މިއީ މުޅި ގައުމުގެ ދިރިއުޅުމުގެ ފެންވަރާއި ފުރުސަތުތަކާ ގުޅިފައިވާ ސުވާލުތަކެވެ.
ސިޔާސީ ޕާޓީތަކުގެ މިލްކަކަށް ޒުވާނުންގެ އަޑު ވިޔަ ނުދިނުން
ޒުވާނުންގެ ހަގީގީ ކަންބޮޑުވުންތަކަކީ ސިޔާސީ ވާދަވެރިކަމުގެ ހަތިޔާރަކަށް ވިޔަދިނުމަކީ އޮތް އެންމެ ބޮޑު ނުރައްކަލެވެ. ޒުވާނުން އާންމު ކަންކަމުގައި ބައިވެރިވާންވީ ހަމައެކަނި ސިޔާސީ ލީޑަރުން އިޝްތިހާރު ކުރުމަކަށް ނޫނެވެ. ބޯހިޔާވަހިކަމާއި، ތައުލީމާއި، ވަޒީފާއާއި، ތިމާވެށި ހިމާޔަތްކުރުމާއި، ގަވަރނަންސްއާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ހުށަހެޅުންތައް ވަޒަންކުރާނެ މިނިވަން ޒުވާނުންގެ ޕްލެޓްފޯމެއް އޮތް ނަމަ ކިހިނެއް ވާނެ ހެއްޔެވެ؟ ކޮންމެ ޕާޓީއަކަށްވެސް ކުރަންޖެހޭނީ އެއް ސުވާލުތަކެކެވެ. އެމީހުންގެ ވައުދުތައް ވަޒަންކުރަންވާނީ ބަޖެޓާއި، މުއްދަތާއި، ހެއްކާއި، ނެރެވޭނެ ނަތީޖާއަށް ބަލައިގެންނެވެ. މިފަދަ ޕްލެޓްފޯމަކުން، ރަނގަޅު ސިޔާސަތެއްނަމަ އެއީ ކޮންމެ ބަޔަކު ގެނައި ކަމުގައި ވިޔަސް ބަލައިގަންނާނެއެވެ. އަދި ގޯސް ނިންމުމެއްނަމަ، އެއީ ކޮންމެ ބަޔަކު ނިންމި ކަމުގައި ވިޔަސް އެއަށް ގޮންޖަހާނެއެވެ. މިއީ ޑިމޮކްރަސީގެ މާ ފުރިހަމަ ސިފައެކެވެ. މަގްސަދަކަށް ވާންވީ ބާރުވެރި އެއް ބަޔަކު ބަދަލުކޮށްފައި އަނެއް ބަޔަކު ގެނައުމެއް ނޫނެވެ. މަގްސަދަކަށް ވާންވީ އާންމު ހިދުމަތުގައި ތިބޭ މީހުން މިންކުރާ މިންގަނޑުތައް ރަނގަޅު ކުރުމެވެ.
ޒުވާނުން ހަރަކާތްތެރިވާންވާނީ އަމާންކަމާއި ޒިންމާދާރުކަމާއެކުގައެވެ. އަޑުއުފުލުމަކީ ކޮންމެހެން މަގުމައްޗަށް ނުކުތުމެއް ނޫނެވެ. ދުނިޔޭގެ ޒުވާނުންގެ ހަރަކާތްތަކުން ފެންނަ ގޮތުގައި މުޒާހަރާތަކުން ސަމާލުކަން ލިބުނު ކަމުގައި ވިޔަސް، ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ސަބަބުން ކުށެއް ނެތް މީހުންނަށް ގެއްލުންވެ، ހަގީގީ މައްސަލަ އޮޅިގެންދެއެވެ.
ދިވެހި ޒުވާނުންނަށް ހިއްސާވެވިދާނެ ބައެއް ގޮތްތައް
- މިނިވަން ދަރިވަރުންގެ އަދި ފަންނީ ޖަމިއްޔާތައް އުފެއްދުން.
- ދިރާސާގެ މައްޗަށް ބިނާކޮށް ލިޔުންތަކާއި ސިޔާސަތުތައް ހުށަހެޅުން.
- ބޯހިޔާވަހިކަމާއި، ތައުލީމާއި، ވަޒީފާއާ ގުޅޭގޮތުން އާންމު ބަހުސްތައް ބޭއްވުން.
- ކަމާބެހޭ އިދާރާތަކަށް ޕެޓިޝަންތަކާއި ސުވާލުތައް ހުށަހެޅުން.
- އިންތިހާބުތަކުގައި ބައިވެރިވެ، ކެންޑިޑޭޓުންގެ މާޒީއަށް ފާރަވެރިވުން.
- މައްސަލަތަކަށް އަމަލީ ހައްލު ދައްކުވައިދޭ އިޖުތިމާއީ މަޝްރޫއުތައް ހިންގުން.
- ސޯޝަލް މީޑިއާ މެދުވެރިކޮށް ސައްހަ މައުލޫމާތު ފެތުރުމާއި ދައުލަތުން ވެފައިވާ ވައުދުތައް ފުއްދާތޯ ބެލުން.
މީގެ އެންމެ މުހިންމު ބަޔަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަން ކުރުމެވެ. އެއް ދުވަހުގެ އެއްވުމަކުން ހަމައެކަނި ވަގުތީ ސަމާލުކަމެއް ލިބިދާނެއެވެ. ނަމަވެސް، ހެކި އެއްކޮށް، ނިންމުންތައް ނިންމާ ފަރާތްތަކާ މަޝްވަރާކޮށް، ކުރިއެރުންތައް މޮނިޓަރ ކުރާ ރޭވުންތެރި ހަރަކާތަކުން މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް އާންމު ބަހުސްގެ މިސްރާބު ބަދަލުކޮށްލެވިދާނެއެވެ. ޒުވާނުންނަކަށް ހަމައެކަނި ހަނުތިބުމާއި ނުވަތަ ކަންކަން ހަލާކުކުރުމާ ދެމެދު ގޮތެއް ނިންމާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، މައުލޫމާތު ހޯދައި، ރޭވުންތެރިކަމާއެކު ސާބިތުކަމާއެކު ތިބެ، މާނަހުރި ޖަވާބުތަކަށް އެދޭ ރައްޔިތުންނަށް އެކުދިންނަށް ވެވިދާނެއެވެ.
ބަދަލުވާންވީ ކޮންކަމެއް؟
މީގެ ޒިންމާއަކީ ހަމައެކަނި ޒުވާނުންގެ ޒިންމާއެއް ނޫނެވެ. ސަރުކާރުތަކާއި ސިޔާސީ ޕާޓީތަކުން ޒުވާނުންގެ ބައިވެރިވުމަށް އިތުބާރު ހުރި ފުރުސަތުތައް ފަހިކޮށްދޭން ޖެހެއެވެ. ދައުލަތުގެ މުއައްސަސާތަކުން މަޝްވަރާތަކަށް ސީރިއަސްކޮށް ޖަވާބުދާރީވެ، ހުށަހެޅުންތައް ބަލައިގަންނަ ނުވަތަ ބޭރުކޮށްލާ ސަބަބު ބަޔާންކޮށްދޭން ޖެހެއެވެ. ތައުލީމީ މުއައްސަސާތަކުން ފާޑުކިޔައި ފިކުރުކުރުމާއި، ދިރާސާކުރުމާއި، މީޑިއާ ލިޓަރަސީ އަދި އިހުތިރާމާއެކު ހިޔާލުފާޅުކުރުމަށް ހިތްވަރުދޭން ޖެހެއެވެ. ވަޒީފާދޭ ފަރާތްތަކުން، ޒިންމާދާރުކަމާއެކު މަދަނީ ކަންކަމުގައި ހިޔާލުފާޅުކުރުމަކީ ވަފާތެރިކަން ނެތުން ކަމަށް ނުބަލާ ފަދަ ފަންނީ މާހައުލެއް ގާއިމުކޮށްދޭން ޖެހެއެވެ.
އުމުރުން ދުވަސްވީ ޖީލުތަކުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ގާއިމުވެފައިވާ އުސޫލުތަކާ މެދު ސުވާލު އުފެއްދުމަކީ ކޮންމެހެން އިހުތިރާމް ކުޑަކުރުން ނޫން ކަމެވެ. ތަޖުރިބާއަށް އިހުތިރާމް ކުރަންޖެހޭ ފަދައިން، މުސްތަޤުބަލާ ގުޅޭ ނިންމުންތަކުން ޒުވާނުން އެއްފަރާތް ކުރުމުގެ ސަބަބަކަށް އެކަން ވެގެންނުވާނެއެވެ. ހަމައެއާއެކު، ޒުވާނުންވެސް ބިނާކުރަނިވި ހިއްސާއަކަށް ތައްޔާރުވާން ޖެހެއެވެ. އެކުދިންގެ ކިބައިގައި އިލްމާއި، ނަޒާހަތްތެރިކަމާއި، އަމަލީ ހުނަރާއި، ހެކިތަކަށް ބަލައިގެން ކަންކަން ވަޒަންކުރުމުގެ ގާބިލިއްޔަތު ހުންނަންޖެހެއެވެ. އަމިއްލައަށް ޒިންމާދާރު ނުވެ، އެހެން މީހުން ޖަވާބުދާރީ ކުރުވަން އުޅުމަކީ އިސްލާހެއް ނޫނެވެ. ވަރުގަދަ ރާއްޖެއަކަށް ބޭނުންވަނީ ޒިންމާދާރު ވެރިންނާއި ޒިންމާދާރު ރައްޔިތުންނެވެ.
ހަނުހުރުމަކީ އަހަރުމެން ދޫކޮށްލާ ތަރިކައަކަށް ވެގެންނުވާނެ
ދިވެހި ޒުވާނުން މުޅިން ހަނުތިބީއެއް ނޫން ކަމަށް ވެދާނެއެވެ. ފަހަރުގައި އެކުދިންގެ އަޑުތައް ހުރީ ބައިބައިވެފައެވެ. ނުވަތަ ސަމާލުކަން ހުރީ އެކި ދިމާލަށެވެ. ނުވަތަ ބަދަލެއް ނާންނާނެ ކަމަށް ހީކޮށް އުއްމީދު ކުޑަވެފައިވެސް ވެދާނެއެވެ.
ނަމަވެސް މުސްތަޤުބަލަކީ އެއްވެސް މީހަކަށް މަޑުކޮށްގެން އޮންނާނެ އެއްޗެއް ނޫނެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުން މީހުން ދިރިއުޅޭނެ ތަންތަން ބައްޓަންކުރެއެވެ. ތައުލީމީ ނިންމުންތަކުން ކުރިމަގުގެ ކެރިއަރަށް އަސަރުކުރެއެވެ. އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުން ރަށްތައް ތަރައްގީވާނެ ގޮތް ކަނޑައަޅައެވެ. ތިމާވެށީގެ ނިންމުންތަކުން އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރި ރަށްތަކެއް ލިބޭނެތޯ ކަނޑައަޅައެވެ. ޒުވާނުން މި ބަހުސްތަކުގައި ބައިވެރިވިޔަސް ނުވިޔަސް، މި ނިންމުންތަކުން އެކުދިންގެ ދިރިއުޅުން ބައްޓަންކުރާނެއެވެ.
އެހެން ގައުމުތަކުން ފެންނަ ރުޅިވެރިކަމާއި ބައިބައިވުން ރާއްޖެއަށް އަންނާކަށް ނުޖެހެއެވެ. ރާއްޖެއަށް ބޭނުންވަނީ އަމާން، މައުލޫމާތުލިބިފައިވާ އަދި މިނިވަން ޒުވާނުންގެ ބައިވެރިވުމުގެ ސަގާފަތެކެވެ. ޒުވާނުންނަށް ހެއްކާއެކު ނިންމުންތަކާ މެދު ސުވާލުކުރަން ފުރުސަތު ދޭށެވެ. ނަފުރަތެއް ނެތި ހާމަކަން ބޮޑުވުމަށް އެދުމަށާއި، އަނިޔާވެރިކަމެއް ނެތި އިސްލާހަށް ގޮވާލުމަށާއި، ސިޔާސީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ޖަވާބުދާރީވުމަށް އެދުމުގެ ފުރުސަތު ދޭށެވެ. ކުރީގެ ޖީލުތަކާ އެކު މަސައްކަތްކޮށް، ބޭނުންވާ ތަންތަނުގައި ގޮންޖަހައި، އެކުދިންގެ ވަގުތު ޖެހުމުން ޒިންމާ އުފުލުމަށް ތައްޔާރުވާން ދަސްކޮށްދޭށެވެ.
ދިވެހި ޒުވާނަކު ބަދަލެއް ގެނައުމަށްޓަކައި ކޮންމެހެން ސިޔާސީ މީހަކަށް ވާކަށް ނުޖެހެއެވެ. މުދައްރިސަކަށް ތައުލީމު އިސްލާހުކުރެވިދާނެއެވެ. އިންޖިނިއަރަކަށް ނުރަނގަޅު ޕްލޭނިންގްއާ މެދު ސުވާލު އުފެއްދިދާނެއެވެ. ވިޔަފާރިވެރިއަކަށް ވަޒީފާ އުފެއްދިދާނެއެވެ. ދަރިވަރަކަށް އާންމު މައްސަލައެއް ތަހުގީގު ކުރެވިދާނެއެވެ. އިޖުތިމާއީ ހިދުމަތްތެރިއަކަށް ރަށުގެ މައްސަލައެއް ހައްލުކުރެވިދާނެއެވެ.
ޖީލެއް ބާރުވެރިވަނީ ހަމައެކަނި މުޒާހަރާ ކުރުމަކުން ނޫނެވެ. އެއީ ތައުލީމާއި، ހިތްވަރާއި، ރޭވުންތެރިކަމާއެކު މުއައްސަސާތައް އިސްލާހުކުރުމުގެ ގާބިލިއްޔަތު ހޯދައިގެންނެވެ. އެހެންކަމުން، އެންމެ ފަހު ފަހަރަށް މި ސުވާލު ކޮށްލަމާ ހިނގާށެވެ:-
ރާއްޖޭގެ މުސްތަޤުބަލު ކަނޑައެޅޭއިރު، ދިވެހި ޖެން.ޒީން ހަނު އޮންނަންވީ ކީއްވެ ހެއްޔެވެ؟ ޒުވާނުންގެ އަޑަކީ ހަމައެކަނި ކެމްޕޭން ދުވަސްވަރު މުހިންމުވާ އެއްޗަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ފަންނީ ގާބިލިއްޔަތާއި، ހާމަކަން ބޮޑު ވެރިކަމާއި، އާންމު މަސްލަހަތަށްވުރެ ސިޔާސީ ވަފާތެރިކަން މުހިންމުވާންވީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ ސާދާ ޖަވާބެކެވެ، އެކުދިން ހަނު ތިބެގެން ނުވާނެއެވެ. ނަމަވެސް ހަމައެކަނި ހަޅޭއްލެވުމަކުން ނުފުދެއެވެ. ފާޑުކިޔައި ފިކުރުކުރަންޖެހެއެވެ. ބުއްދިވެރިކަމާއެކު ރާވަންޖެހެއެވެ. ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާންޖެހެއެވެ. އަދި ހަބަރުތަކުގެ ސުރުޚީތައް ބަދަލުވި ކަމުގައި ވިޔަސް، މުހިންމު ސުވާލުތައް ދޫކޮށްލުމަށް އިންކާރު ކުރަންޖެހެއެވެ.
އެންމެ ބޮޑު ނުރައްކަލަކީ ޒުވާނުން ބާރަށް ވާހަކަދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެކުދިންގެ އަޑުގެ އެއްވެސް ބުރަދަނެއް ނެތް ކަމަށް އެކުދިން ގަބޫލުކުރަން ފެށުމެވެ. ގައުމެއްގެ މުސްތަޤުބަލު އުޖާލާ ކުރެވޭނީ އަންނަން އޮތް ޖީލަކީ ހަމައެކަނި ބަލަން ތިބޭ ބައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެ މުސްތަޤުބަލު ބައްޓަންކުރުމުގެ ބައިވެރިންގެ ގޮތުގައި ބަލައިގަނެގެންނެވެ.
ދުނިޔެ މިއަދު އޮތީ ދެން ވާނީ ކިހިނެއްތޯ ސުވާލުކޮށްލަ ކޮށްލައެވެ. އެ ސުވާލަށް ޖަވާބުދިނުމުގައި ބައިވެރިވާނީތޯ ނުވަތަ އެކަން އެހެން ބަޔަކަށް ދޫކޮށްލާނީތޯ ނިންމާނީ ދިވެހި ޒުވާނުންނެވެ.




