
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެ ކަމަށް ސަރުކާރުން އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ މި ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން ދަނިކޮށް ޝޯ ނުބޭއްވޭނެކަން އެންގީ އިއްޔެގެ ވަގުތެއްގަ އެވެ. ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވެސް ވިކިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
"އެ ޝޯ މަނާކުރެވިގެން ނުވާނެ، މިއުޒިކް މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދު ވިދާޅުވެފައި ވެއެވެ.
ރޭގެ ވަގުތެއްގައި ރާއްޖެއަށް ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން އެ ބޭންޑުގެ މެންބަރުން ރާއްޖެ އައިސްފައި ވާކަމަށާއި ޝޯގެ ލޮޖިސްޓިކްސް ކަންކަމަށް ބޮޑު ހަރަދުތަކެއް ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
"ބިޔޯން އަގެއިން" ގެ ކުރިން އޯޕެނިން އެކްޓުތަކުގެ ގޮތުގައި ދިވެހި އާޓިސްޓުންގެ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދަން އޮތީ ނިންމާފަ އެވެ. ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ.
މިކަމާ ގުޅޭގޮތުން ޝޯ އިންތިޒާމުކުރާ ފަރާތުން އެއްވެސް އެއްޗެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުން ޝޯ ކެންސަލް ކުރަން އެންގީ ކީއްވެކަމެސް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފައެވެ.




