ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ބައިނަލްއަގުވާމީ ހަކަތައިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހަކީވެސް އެ ދުވަސް.--
އޮކްޓޫބަރު 22: ބައިނަލްއަގުވާމީ ހަކަތަ އާއި، ގައުމީ ޒުވާނުންގެ ދުވަސް
މުހައްމަދު ހަލީމް 22 އޮކްޓޯބަރ 2026 (ބުރާސްފަތި)   14:33
މިއަދަކީ ދުނިޔޭގެ ފެންވަރުގައާއި ދިވެހިރާއްޖޭގައިވެސް ނުހަނު މުހިންމު ދެ ކަމަކަށް ހާއްސަ ކުރެވިފައިވާ ދުވަހެކެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ހަކަތައިގެ ދުވަހެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހެވެ. މި ދެ ދުވަސް އެއް ތާރީހަކާ ދިމާވުމަކީ، ގައުމުގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ ހަކަތައިގެ ރައްކާތެރިކަމާއި، ގައުމުގެ ލޭނާރު ކަމުގައިވާ ޒުވާނުންގެ އިންސާނީ ހަކަތައާ ދެމެދު އޮތް ވަރުގަދަ ގުޅުން ހަނދާނަށް ގެނެސްދޭ ކަމެކެވެ.

ބައިނަލްއަޤްވާމީ ހަކަތައިގެ ދުވަސް: އިއާދަކުރަނިވި ހަކަތައަށް ދިއުން އަވަސްކުރުން
ބައިނަލްއަގުވާމީ ފެންވަރުގައި ހަކަތައިގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 2012  ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ބޭއްވުނު ވޯލްޑް އެނާޖީ ފޯރަމްގައެވެ. މި ދުވަހުގެ މައިގަނޑު އަސާސަކީ ހަކަތަ ބޭނުންކުރުމުގައި އިސްރާފުކުޑަކުރުމާއި، ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ބާރުއަޅައި، މީހުން ހޭލުންތެރިކުރުވުމެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތުގައި، މިއަހަރުގެ ހަކަތައިގެ ޝިއާރު ބިނާވެފައިވަނީ ހަމަހަމަ އަދި އަވަހަށް އިޔާދަކުރަނިވި ހަކަތައިގެ ބަދަލު ވުމުގެ މައްޗަށެވެ. މީގެ މާނައަކީ، ތިމާވެއްޓަށް ގެއްލުންދޭ ކާބަން ގޭސްތައް އުފައްދާ ތެލުގެ ހަކަތައިގެ ބަދަލުގައި، އިރުގެ ހަކަތައާއި ވައިގެ ހަކަތަ ފަދަ ސާފު ހަކަތަ ބޭނުންކުރަން އަވަސްކުރުމެވެ. އަދި މި ބަދަލުގެ ފުރުސަތު އެންމެ ތަރައްގީވަމުންދާ ގައުމުތަކާއި މުޖުތަމައުތަކަށްވެސް ހަމަހަމަކަމާއެކު ލިބިދިނުމެވެ.

ޖައްވަށް ބޭރުވާ ވިހަ ގޭހުގެ %75 އަކީ ހަކަތަ އުފެއްދުމަށް ތެޔޮ ބޭނުންކުރުމުގެ ސަބަބުން ބޭރުވާ ގޭހެވެ. ރާއްޖެ ފަދަ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ ޖަޒީރާ ގައުމެއްގައި، ކޮންމެ ރައްޔިތަކުވެސް ކަރަންޓު ބޭނުންކުރުމުގައި އިސްރާފުކުރުން މަދުކުރުމާއި، އިއާދަކުރަނިވި ހަކަތައަށް އަހުލުވެރިވުމަކީ ގައުމުގެ އިގުތިސޯދާއި، ތިމާވެށި ސަލާމަތްކުރުމަށްޓަކައި އޮތް ފަރުދީ ވަރަށް ބޮޑު ޒިންމާއެކެވެ.

ހަކަތައިގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެދެވޭ ހައްލުތައް
ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ޑީސަލް އެތެރެކުރުމަށް ހިނގާ ބޮޑު ހަރަދެވެ. އޭގެ ސަބަބުން އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރެވެ. މީގެ އިތުރުން ރާއްޖޭގެ ރަށް އެތުރިފައިވާ ގޮތުން މަރުކަޒީ ގްރިޑް ނިޒާމެއް ނެތުމެވެ. އަދި މިއާއެކު، އިއާދަކުރަނިވި ހަކަތަ ރައްކާކުރާ ބެޓަރީ ސިސްޓަމްތަކުގެ އަގު ބޮޑުވުމަކީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސާފު ހަކަތައިގެ ނިޒާމުތައް ފުޅާކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހެވެ. މިކަމަށް އޮތް ހައްލަކީ ރަށްރަށުގައި ސޯލާ ހައިބްރިޑް ނިޒާމުތައް ފުޅާކުރުމާއި، ކުނިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމެވެ. ރައްޔިތުންގެ ފެންވަރުގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގޭގޭގައި އެނާޖީ އެފިޝަންޓް ނުވަތަ އިންވާޓާ ސާމާނު ބޭނުންކުރުމެވެ.

މިއަހަރުގެ ހަކަތައިގެ ޝިއާރާ ގުޅިގެން ހިންގިދާނެ ހަރަކާތްތައް

1.   ސްކޫލްތަކާއި އޮފީސްތަކުގައި ހޭލުންތެރިކަން އިތުރުކުރުން: ހަކަތަ ސޭވްކުރާނެ ގޮތްތަކުގެ ވޯކްޝޮޕްތައް ބޭއްވުން.

2.   އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓް: އަމިއްލަ ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު ބޭނުންކުރެވޭނެ 'ނެޓް މީޓަރިން' ނިޒާމު އިތުރަށް ހަރުދަނާކުރުން.

ގައުމީ ޒުވާނުންގެ ދުވަސް: ޒުވާނުންގެ ބާރުވެރިކަމާއި ހައްގުތައް
ގައުމީ ޒުވާނުންގެ ދުވަހެއް ފާހަގަކުރަން ރަސްމީކޮށް ސަރުކާރުން ނިންމެވީ 2019 ވަނަ އަހަރުގެ 22 ވަނަ ދުވަހުއެވެ. މި ތާރީހު ހާއްސަވަނީ، ދިވެހި ރައްޔިތަކުމެ އުމުރުން 18 އަހަރު ފުރުމުން ވޯޓު ލިބިލުމުގެ ހައްގު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ފާސްކުރި ތަރީހާއެވެ. އެއީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ. އެހެންކަމުން މިއީ ދިވެހި ޒުވާނުން ބާރުވެރިވެ، ގައުމުގެ ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ މައިދާނުގައި ބަސްބުނުމުގެ ހައްގު ކަށަވަރުކޮށްދިން ތާރީހީ މުހިންމު ދުވަހެކެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ސިޔާސަތުތައް ބިނާވެފައިވަނީ 'ތަފާތު ހާލަތްތައް، އެއް އަމާޒުތަކެއް' ގެ މައްޗަށެވެ. ރާއްޖޭގެ އެކި ރަށްރަށާއި މުޖުތަމައުތަކުގައި ދިރިއުޅޭ ޒުވާނުންގެ ހާލަތާއި އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ތަފާތެވެ. ނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި، ވަޒީފާގެ ފުރުސަތުތަކާއި، އަބުރުވެރި ދިރިއުޅުމެއް ހޯދުމަށް ހުރިހާ ޒުވާނުންގެވެސް އޮތީ އެއް އަމާޒުތަކެކެވެ.

ގައުމީ އިގުތިސޯދުގެ އިންޖީނު: ޒުވާނުންގެ ހަކަތައާއި މުސްތަގުބަލު
ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، ގައުމުގެ މުޅި އާބާދީގެ ބޮޑު ބަޔަކީ، ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންނެވެ. މިއީ ގައުމެއްގެ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ލިބޭނެ އެންމެ ބޮޑު އެއް ބާރެވެ. ގައުމުގެ ކުރިއެރުން ސީދާގޮތުން ބައްޓަންވަނީ ޒުވާނުންނަށް ފަންނީ ހުނަރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭ މިންވަރަކުންނެވެ.

ނަމަވެސް، މި ޒަމާނުގެ ކުރިއެރުންތަކާއެކު ދިވެހި ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކަކާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ޖިނާއީ ކުށްތަކުގެ ނުރައްކަލުގެ އިތުރުން، އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނޭދެވޭ ބޭނުންތަކުގެ ސަބަބުން އަހުލާގީ މިންގަނޑުތަކަށް އަންނަ ލޮޅުންތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ އިޖުތިމާއީ އެކަހެރިވުންތައް ހިމެނެއެވެ. މިއީ މުޅި މުޖުތަމައުގެ އަސާސްތަކަށް ހުރި ބޮޑެތި ބިރުތަކެކެވެ.

ޒުވާނުންނަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުގެ އަމަލީ ހައްލުތައް

1.   ވަޒީފާގެ ބާޒާރާއި އެކަށީގެންވާ ތައުލީމު ނުލިބުން: ގިނަ ޒުވާނުން ތައުލީމު ހާސިލުކުރި ނަމަވެސް، އަމަލީ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިކަމުގެ ހައްލަކީ، ސްކޫލް ނިންމާ ކުދިންނަށް އަމާޒުކޮށްގެން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވޮކޭޝަނަލް ޓްރެއިނިން އިތުރުކުރުމެވެ.

2.   މަސްތުވާތަކެއްޗާއި ކުށްތަކަށް ހުށަހެޅުން: އިޖުތިމާއީ މާހައުލާއި ވަގުތު ހޭދަކުރާނެ ހެޔޮ ގޮތްތައް މަދުވުމުގެ ސަބަބުން ފަސޭހައިން ކުށަށް ހުށަހެޅުމުގެ ފުރުސަތު އޮތުމެވެ. މިކަމުގެ ހައްލަކީ، ރަށްރަށުގައި ކުޅިވަރާއި، ހުނަރުވެރިކަން ދެއްކޭނެ މަރުކަޒުތާއި،ވަސީލަތްތައް ގާއިމުކޮށް ޒުވާނުން ކުށްތަކުން ދުރުހެލިކުރެވުމަށް މަސައްކަތް ކުރުމެވެ.

3.   ނަފްސާނީ ދުޅަހެޔޮކަން: މުޖުތަމައުގެ ފިއްތުންތަކާއި ވަޒީފާގެ ދަތިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް އިތުރުވުމެވެ. މިކަމަށް އޮތް ހައްލަކީ ކޮންމެ ރަށެއްގައި ފަސޭހައިން ކައުންސެލިންގް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ނިންމުން

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ދެ ދުވަހަކީ 'ސީދާ ހަކަތަ' އާ ގުޅިފައިވާ، އަދި ގައުމެއްގެ ދިރިހުރުމުގެ އަސާސާ ގުޅިފައިވާ ދެ ދުވަހެވެ. އެއީ ގައުމުގެ ދިރިއުޅުމުގެ ފުރާނަ ކަމުގައިވާ ފިޒިކަލް ހަކަތައާއި، ގައުމު ބިނާކޮށް ކުރިއެރުވުމަށް ބޭނުންވާ ޒުވާނުންގެ 'އިންސާނީ ހަކަތަ' އެވެ. މި ދެ ބާރަކީވެސް އެއްވެސް އިސްރާފެއް ނުކޮށް، އެންމެ ހެޔޮ ގޮތުގައި މެނޭޖުކުރަންޖެހޭ ދެ ވަސީލަތެވެ. ހަކަތަ އިސްރާފުކޮށް، ތިމާވެށި ހަލާކުކޮށްލުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ދެވޭ އަނިޔާއެކެވެ. ހަމައެފަދައިން، ގައުމުގެ ޒުވާން ޖީލުގެ ހަކަތައާއި ހުނަރު ބޭކާރުވެ، ކުށްތަކުގެ ތެރެއަށް ފެތުރިގެންދިއުމަށް ދޫކޮށްލުމަކީ ގައުމުގެ ބިންގާ ރޫޅިގެންދާނެ ކަމެކެވެ.  ޒުވާނުންނަށް އެއް އަމާޒެއް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގެ ޒުވާނުންނަށް އޮންލައިންކޮށް ވަޒީފާ އަދާކުރެވޭނެ ރިމޯޓް ވޯކް ފުރުސަތުތައް ގައުމީ ފެންވަރުގައި ތައާރަފުކުރުމަކީ މުހިންމުކަމެކެވެ.

މިއަދު، އަހަރުމެންގެ އަޒުމަކަށް ހަދަންވީ، ތިމާވެއްޓަށް ގެއްލުން ކުޑަވާނޭހެން އިއާދަކުރަނިވި ސާފު ހަކަތަ ބޭނުންކުރުމުގެ އާދަ މުޅި މުޖުތަމައުގައި އަށަގެންނެވުމެވެ. ހަމައެއާއެކު، ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު ކަމުގައިވާ ޒުވާނުންނަކީ ހަމައެކަނި ގައުމުގެ މުސްތަގުބަލު ނޫންކަން ގަބޫލުކުރުމެވެ. އެއީ ގައުމުގެ މިއަދެވެ. ޒުވާނުންގެ ބާރާއި، ޖޯޝާއި، އުފެއްދުންތެރި ހުނަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އެކުދިންނަށް އަމާން ފަހި ފުރުސަތުތައް ތަނަވަސްވެގެންވާ މާހައުލެއް ބިނާކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަންކޮށްގެން މެނުވީ ގައުމުގެ އުއްމީދީ މުސްތަގުބަލުގެ މިސްރާބު ސީދައެއް ނުކުރެވޭނެއެވެ. މި ދެ ހަކަތައިގެ ބާރު އެކުވެގެން، ދިވެހިރާއްޖެއަކީ ދުޅަހެޔޮ، ފާގަތި އަދި ތިމާވެއްޓާ ރައްޓެހި ނަމޫނާ ޖަޒީރާ ގައުމަކަށް ހެދުމަށް އެންމެން އެކުގައި އަތްގުޅާލަމާ ހިންގަވާށެވެ.

ކޮމެންޓް