
ކާނިވާ ތެރގޭގައި ހުރި ކެފޭއެއްގެ މޭޒު ދޮށުގައި މިތިބަ ހަތަރު އެކުވެރިން ޔުސްރާ، ސައިހާ، ފިޒަން އަދި އަހުޒަމަކީ މަދުރަސީ ދައުރުގެ ކިލާސްމޭޓުންނެވެ. ކޮލެޖު ދުވަސްވަރު އެކުގައި ކިޔަވައި، އެސައިންމަންޓްތަކުގެ ބުރަ ވަގުތުތަކުގައި ސަމާސާކޮށް، ސަކަރާތްޖެހި ގާތް ހަތަރު އެކުވެރިންނެވެ. އެ ދުވަސްވަރު ކެންޓީނުގައި ތިބެގެން ކުރި މަޖާ ސަކަރާތާއި، އިމްތިހާނާ ދިމާކޮށް ހޭލާ ތިބި ރޭތަކުގެ ހަނދާންތަކުން އެމީހުންގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައެވެ. ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އެހެން ފަހަރުތަކާ ހިލާފަށް އޮތީ ބަރުދާސްތު ކުރަން އުނދަގޫ ހޭލަމޭލަކަމެކެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ މޭޒުމަތީގައި އޮތް ފޯނަށެވެ. އެ ފޯނުން ފެންނަމުންދިޔައީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ޕޯނޯގްރަފީ ބެލުން އިތުރުވަމުންދާ ކަމަށް ބުނާ ދިރާސާއެއްގެ ހަބަރެކެވެ.
ނޫސްވެރިކަމުގެ ހޯދުންތަކަށް ލޯހުޅުވިފައިވާ ޔުސްރާ އޭނާގެ ދިރާސީ ނަޒަރުން ވާހަކަ ފެށިއެވެ. "މި މައުލޫއަކީ އަހަރެމެން ވާހަކަދައްކަން ޖެހިލުންވާ މައުލޫއެއް. އެކަމަކު ހިތުގެ އަޑިން ގަބޫލުކުރާ ބޮޑު ހަގީގަތެއް. ޕޯން ބަލާ ޒުވާނާއަކީ އަހަރެމެންގެ އިޖުތިމާއީ ފޭރާމަށް މިއަދު އޮތް އެންމެބޮޑު ނުރައްކާ. މިއީ ހަމައެކަނި ފަރުދީ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭކަށް ނެތް. މިއީ މުޅި ޖީލެއްގެ އަހުލާގީ ބިންގާ ގުޑުވާލާ ކަމެއް. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވެސް މިހާރު ވަނީ 'ކޮމްޕަލްސިވް ސެކްޝުއަލް ބިހޭވިއާ' ނުވަތަ މިފަދަ ކަންކަމަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައި. އެންމެ ބިރުވެރި ކަމަކީ، ޒަމާނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ 'ޑީޕްފޭކް' މަންޒަރުތަކުގެ ސަބަބުން، އާންމު މީހާގެ އަބުރާއި ރައްކާތެރިކަން ވެސް މިއަދު މި ވަނީ ނުރައްކަލެއްގެ ތެރޭގައި."
ޔުސްރާގެ ވާހަކައަށް ބާރުދެމުން، ސައިކޮލޮޖީގެ ފުންމިނަށް ފީނަމުންދާ ސައިހާ އޭގެ ސިއްހީ އަދި ނަފްސާނީ ނުރައްކާ ތަފްސީލުކޮށްދިނެވެ. "ސައިންސްގެ އަލީގައި ބަލާއިރު މިއީ ސިކުނޑީގެ ގާތިލެއް. ބައިނަލްއަގުވާމީ ނިއުރޯސައިންސް ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ޕޯން ބަލާ މީހުންގެ ސިކުނޑީގެ 'ޕްރީފްރޮންޓަލް ކޯޓެކްސް' ނުވަތަ ސިކުނޑީގެ ނިންމުންތައް ނިންމާ ބައި ހީނަރުވެ، ކުޑަވޭ. މިފަދަ މަންޒަރުތަކަށް ދެވިހިފުމުން، ސިކުނޑީގެ 'ޑޯޕަމީން' ސިސްޓަމް ބަރުބާދުވެ، އާދައިގެ ދިރިއުޅުމުގެ އެއްވެސް ކަމަކުން އުފާވެރިކަމެއް އިހުސާސެއް ނުކުރެވޭ. ނަތީޖާއަކީ ކޮބާ؟ ޒުވާނާ މާޔޫސްވެ ހާސްވުމުގެ ފުން ކަނޑަކަށް ގެނބިގެންދިޔުން. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، މުޅި ދިރިއުޅުން އަނދިރިވުން. މީގެ އިތުރުން، ޖިސްމާނީ ގޮތުން ބަލާއިރު، ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން 'ޕޯން-އިންޑިއުސްޑް އިރެކްޓައިލް ޑިސްފަންކްޝަން' ފަދަ ޖިސްމާނީ ބަލިތަކާ ކުރިމަތިލާންޖެހޭ."
އެކުވެރިންގެ ވާހަކަތަކުން މާޒީގެ ހިތްދަތި ހަނދާނަކަށް ދަތުރުކުރި ފިޒަން ފުން ނޭވާއަކާއެކު ހިއްސާކުރީ އިޖުތިމާއީ ގޮތުން ލިބޭ ފޫނުބެދޭނެ ގެއްލުމުގެ ލޮލުން ފެނުނު މިސާލެކެވެ. "އަހަރެން ދަންނަ ގާތް ޒުވާނަކު މި ވަބާގައި ޖެހި، މުޅި ދިރިއުޅުން އެކަނިވެރިކޮށްލި. އާއިލާއާއި މުޖުތަމައާ އެކަހެރިވި. އެންމެ ބިރުވެރި ކަމަކީ، ޕޯންގައި ދައްކާ ހަގީގަތާ ހިލާފު މަންޒަރުތަކުގެ ސަބަބުން، ކައިވެންޏާއި ޖިންސީ ގުޅުންތަކާ މެދު އޭނާގެ ހިތުގައި އުފެދުނު ނުބައި ތަސައްވުރު. ނަތީޖާއަކަށްވީ، ކައިވެނި ކުރިތާ އަހަރެއް ނުވަނީސް އޭނާގެ ޒަވާޖީ ހަޔާތް ބިއްލޫރިކޮޅެއް ފަދައިން ތަޅައިގެންދިޔުން. ދިރާސާތަކުން ދައްކަނީ ޕޯން ބަލާ މީހުންގެ ކައިވެނި ރޫޅުމުގެ ފުރުސަތު ދެގުނަ އިތުރުވާކަން. މީގެ އިތުރުން، މިކަމަށް ދެވިހިފުމުގެ ސަބަބުން އުފެއްދުންތެރިކަން ކުޑަވެ، ވަޒީފާއާއި ކިޔެވުމަށް ފަރުވާކުޑަވެ، އިގްތިސާދީ ގޮތުން ވެސް ޒުވާނާ ބަނގުރޫޓުވޭ."
މި ހުރިހާ ނުކުތާތަކެއްގެ އަސްލު ދީނީ އަދި ރޫހާނީ މިންގަނޑަށް ފައްތާލަމުން އަހުޒަމް ބުންޏެވެ. "އަހަރެމެންނަކީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއް. އިސްލާމްދީން އަހަރެމެންނަށް އަމުރުކުރަނީ ފާހިޝް ކަންކަމާ ގާތްނުވުމަށާއި ބެލުންތައް ތިރިކުރުމަށް. މިފަދަ މަންޒަރުތައް ބެލުމަކީ ހަމައެކަނި ފާފައެއް ނޫން، އެއީ އިންސާނާގެ ހިތުގައިވާ އީމާންތެރިކަމުގެ ނޫރު ނިއްވާލާ ކަމެއް. އަޅުކަންތަކަށް ފަރުވާކުޑަވެ، ރޫހާނީ ގޮތުން ޒުވާނާ މުޅިން ބަނގުރޫޓުކޮށްލާ ކަމެއް. އަދި ހަމައެއާއެކު، އަމިއްލަ ނަފްސާ މެދު އޮންނަ ލަދުވެތިކަމާއި ކަރާމާތް ވެސް ގެއްލިގެންދާ ކަމެއް."
"އެހެންވެއްޖިއްޔާ، މި ކަނޑުން ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރާނީ ކިހިނެއް؟" ޔުސްރާ ސުވާލު އުފެއްދިއެވެ.
ސައިހާ އަވަސްއަވަހަށް ޖަވާބު ދިނެވެ. "އެންމެ ފުރަތަމަ ފިޔަވަޅަކީ ހޭލުންތެރިކަން. ޒުވާނުންނަށް މީގެ ހުރި ނުރައްކާތެރިކަން ހާމަކޮށްދިނުން. އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަސްކޮށްދީ، ކުޅިވަރާއި، އާ ހުނަރުތައް ދަސްކުރުން ފަދަ ފައިދާހުރި ކަންކަމުގައި ޒުވާނުން ޝާމިލުކުރުން".
"ޓެކްނޮލޮޖީގެ ހަތިޔާރުވެސް ބޭނުންކުރެވިދާނެ،" ފިޒަން އިތުރުކޮށްލިއެވެ. "ފޯނާއި ކޮމްޕިއުޓަރުތަކުގައި ބަދުއަހުލާގީ ސައިޓުތަކަށް ނުވަދެވޭނެހެން އިންޓަނެޓް ފިލްޓަރުތައް ބޭނުންކޮށްގެން ބްލޮކްކުރުމަކީ އަމިއްލަ ނަފްސު ރައްކާތެރިކުރަން ކުރެވިދާނެ ވަރަށް އަމަލީ ކަމެއް. އަދި މިކަމުން ސަލާމަތްވުމަށް އެހީތެރިކަން ބޭނުންވާ ޒުވާނުންނަށް ސިއްރު ހިފެހެއްޓޭނެ ފަދަ ކައުންސެލިން ނިޒާމެއް މުޖުތަމައުގައި ގާއިމްވެފައި އޮތުން މުހިންމު."
އަހުޒަމް ވިސްނުންތެރިކަމާއެކު ނިންމާލިއެވެ. "އެންމެ މުހިންމީ ހިތުގެ އިސްލާހު. ހެއްދެވި ފަރާތަށް ބިރުވެތިވުމާއި، ހެޔޮލަފާ ރަހުމަތްތެރިން އިހުތިޔާރުކުރުން. އެކަކު އަނެކަކަށް ހެޔޮމަގު ދައްކާނެ އެކުވެރިން ތިބުމަކީ މިފަދަ ވަބާތަކުން ސަލާމަތްވުމުގެ އަސްލު ބިންގާ."
ޕޯން ބަލާ ޒުވާނާއަކީ ހަމައެކަނި އަމިއްލަ ނަފްސަށް ގެއްލުންދޭ މީހެއް ނޫނެވެ. އޭނާއަކީ މުޖުތަމައުގެ ކުރިމަގު ބަލިކަށިކުރާ، ހިލަމެއް ނެތް ހަނގުރާމަވެރިއެކެވެ. މިއީ މިއަދު ހަމައެކަނި ސިއްރުން ދައްކާ ވާހަކައަކުން ހަދައިމ ނިންމާލެވޭކަށް ނެތެވެ. މިއީ މައިންބަފައިންނާއި، މުދައްރިސުންނާއި، މުޅި މުޖުތަމައު އެކުވެގެން ހައްލުކުރަންޖެހިފައިވާ ފަރުދީ އަދި ޖަމާއީ ބޮޑު ޒިންމާއެކެވެ. ޒުވާނުންނޭވެ! މިއަދު އަޒުމް ކަނޑައަޅަމާ ހިނގާށެވެ. މިކަން ހުއްޓާލުމަށެވެ. މިސްރާބު ސީދާކޮށްލާށެވެ.




