
މައުލޫމާތު ލިބޭގޮތުގައި، ސައީދު ކުރަމުން އައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލީ، ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި ޕީޖީ އޮފީހުން ދެއްވި ޔަގީންކަމާ ގުޅިގެންނެވެ.
ސައީދު މި ހަޅުތާލު ފަށާފައި ވަނީ އިއްޔެ ހެނދުނު އަށެއް ޖަހާ އެހާކަން ހާއިރު ކަމަށް ވާއިރު، ސައީދު މީޑިއާގައި ބުނެފައިވަނީ، ރޭ ދަންވަރު ގެ ވަގުތެއްގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަޑައިގެން ބައްދަލުކުރެއްވި ކަމަށާ، އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.
ސައީދު ހަޅުތާލު ހުއްޓަލުމަށްފަހު ބުނެފައި ވަނީ، ކަމާބެހޭ ފަރާތްތަކުން ނާއި ހޯމް މިނިސްޓަރު އެކަމުގައި ވެ ވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ތަންފީޒުވަމުންދޭތޯ އޭނާ ބަލަމުންދާނެ ކަމަށާ، އެކަމުގައި އޭނާއަށް އެއްބާރުލުން ދިން އެންމެނަށް ވެސް ޝުކުރުއަދާކުރާ ކަމަށެވެ.
މި ހަޅުތާލު ސައީދު ފެށީ، އިއްޔެ ހެނދުނުން ފެށިގެން ހެންވޭރު ފުލުސް އޮފީހުގެ އެތެރޭގައި ކަމަށް ވީނަމަވެސް، ރޭ 9:00 ގައި އެތަނުގައި ދެން ނުހުރެވޭނެ ކަމަށް އެންގުމުން އޭގެ ފަހުން ސައީދު ހަޅުތާލު ކުރިއަށްގެންދިޔައީ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. ސައީދު އެ ހަޅުތާލު ކުރިއަށްގެންދާތާ، 10 ވަރަކަށް ގަޑިއިރު ފަހުން، އެކަމުގައި ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ސައީދު ބުނީ، އުނދަގޫ ކުރާ މީހާގެ ސަބަބުން އޭނާގެ މުޅި އާއިލާގެ އާންމު ދިރިއުޅުމަށް އުނދަގޫވެ ނަފުސާނީ މައްސަލަޔަކަށް ވާ ހިސާބަށް ގޮސްފައިވާ ކަމަށާއި ދަރިފުޅާވެސް މަގުމަތީން ފުރައްސާރަކޮށް ދުއްތުރާ ކުރާ ކަމަށެވެ.
މީގެކުރިން ވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސައީދު ފޭސްބުކްގައި ވަނީ ޕޯސްޓުތަކެއް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ޕޯސްޓުތަކުގައި ސައީދު ބުނެފައި ވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރު ވެފައިވާ ކަމަށާ، ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާބިނގާވެ އުޅޭ، މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން ހަޅޭއްލެވުމާއި، މަގު ބަންދުކުރާ ބޯޑުތަކާއި ބައިސްކަލު ބޭނުންކޮށްގެން މަގުމަތީގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން ގޭގެއަށް ކުނި އުކުމާއި ބެލްކަނިން މީހުންގެ ގަޔަށް ތެލާއި ފެން ޖެހުން ފަދަ އަމަލުތައް އޭނާ ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރ މިއަދު މީޑިއާގައި ވިދާޅުވީ، އުނދަގޫ ކުރާ މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާ، އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އޭނާ ގުރައިދޫއަށް ގެންދާން ވެގެން ކުރިން ބެލި ކަމަށާ، އެހެން ނަމަވެސް ގުރައިދޫއަށް ގެންދާން އޭނާގެ ޝަރުތު ހަމަނުވީ، އެއީ މޮޔައެއް ކަމަށް ނުވަތަ އެވަރުގެ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ސާބިތު ނުވާތީ ކަމަށެވެ. އަދި އެހެން ބައެއް މައްސަލަތަކުން އޭނާ ސަލާމަތްވެފައި ވަނީ އޭނާއާ ދެކޮޅަށް ހެކި ދޭނޭ މީހަކު ނެތިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ސައީދު ބުނެފައި ވަނީ، ދެން މި އުނދަގޫ ކުރިމަތި ނުވާނޭ ކަމުގެ ޔަގީންކަން ކަމާ ގުޅުން ހުރި ފަރާތްތަކުން ރަސްމީކޮށް ދޭން ޖެހޭ ކަމަށާ، މި މައްސަލަޔަކީ އެތައް ފަހަރަކު ހުށަހެޅި ނަމަވެސް، އަލިމަގެއް ފެނިފައި ނުވާ ކަމެއް ކަމަށެވެ.
އަދި މަގުމައްޗަށް ނުކުމެ، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާން ޖެހުނީ ދެން އެހެން ގޮތެއް ނެތިގެން ކަމަށާ، އާއިލާގެ ރައްކާތެރިކަމަށްޓަކައި ފެށި މި ހަޅުތާލު ހުއްޓާލާނީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުން ކަމަށް ވެސް ސައީދު ބުނެފައިވެއެވެ.
މިވަގުތު ބަނޑުހައިހޫނުކަމުގެ ހަލުތާލެއް ކުރަމުން ގެންދާ ސައީދު އެދެނީ، އޭނާގެ އާއިލާއަށާއި އެ މަގުތަކުން ދަތުރުކުރާ މީހުންނަށް ރައްކާތެރިކަން ލިބުމަށެވެ. އަދި އާއިލާތަކަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުއައްސަސާތަކުގެ ވާޖިބެއް ކަމަށާ އޭނާ އެ ފަރާތްތަކުގެ ކިބައިން އެދެނީ އެ ވާޖިބު އަދާކޮށްދިނުމަށެވެ.




