ރަސްމާލެ ވިއްކާލުމާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި
ހަސަން އިބްރާހީމް 19 އޮކްޓޯބަރ 2026 (ހޯމަ)   19:34
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްގެން ހިންގާ މަޝްރޫއުގެ ތަފުސީލުތައް ސަރުކާރުން ހާމަނުކުރާ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވުމުގެ މަގުސަދުގައި 'ދިވެހީންގެ ބިން ދިވެހީންނަށް' ގެ ނަމުގައި ހިމޭން އިހުތިޖާޖުތަކެއް ފަށައިފިއެވެ.

މި މަޝްރޫއާ ނުރުހުން ފާޅުކުރާ ފަރާތްތަކުން އެކުލަވާލި މި ހަރަކާތުގެ އިސް ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ އެއީ ދިވެހިންގެ އަތުން ބާރުވެރިކަން ނަގައި ނުރައްކާތެރި މިސްރާބަކަށް ގައުމު ގެންދިއުމަށް ކުރާ ކަމެއް ކަމަށެވެ.

އަދި މިދިޔަ މަހު މި އެއްބަސްވުމުގައި ސޮއިކުރި ފަހުން، އެކި އުމުރުފުރާގެ މީހުންނާއި ދިރާސާކުރާ ފަރާތްތަގަކުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުން ކަން ފާހަގަކުރައްވާ، ސަރުކާރުން މި މަޝްރޫއު ހުއްޓާލަންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ މޭޔަރުކަމުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ވިދާޅުވީ، ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ މަންފާ ނުކުންނާނެ ކަމަށާއި، 2037 ވަނަ އަހަރާ ހަމައަށް މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި 285 މިލިއަނާއި 430 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ނަމަވެސް، މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާއި އީގަލް ހިލްސް އިން ވަނީ މީގެ ކުރިން ރައްދުދީފައެވެ. އެގޮތުން، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފައެވެ.

އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ވިދާޅުވެފައިވަނީ، އެ ކުންފުނީގެ މުއާމަލާތްތައް ހިންގަނީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށްގެން ކަމަށާއި، މި އިންވެސްޓްމަންޓުން ދިވެހިންނަށް ފައިދާކުރާނެ ކަމަށެވެ.

ކޮމެންޓް