
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ފައްޔާޒުގެ ކެމްޕޭނާ ރަސްމީކޮށް މިއަދު ގުޅިވަޑައިގަންނަވާފައި ވާއިރު، ފައްޔާޒް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޭޔަރު އާތިފް އާއި މެންބަރު ކުޑޫ ވެސް ބައިވެރިވެ ވަޑައިގެން އަންނަނީ ފައްޔާޒްއާއެކު ދޮރުން ދޮރަށް ހަރަކާތުގައި ހަރަކާތްތެރި ވަމުންނެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީތައް ތަމްސީލުކުރައްވާ މެންބަރެއް ކަމުގައިވާ މޭޔަރު އާތިފް އަކީ ދެވަނަ ދައުރަކަށް މި އަހަރު އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ ފައްޔާޒެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި ގެންނަން ބޭނުންވާ ނިޒާމީ ބަދަލުތަކާއި ކުރަން ރާވާފައިހުރި ބައެއް ކަންކަން ދަނީ ހާމަކުރައްވަމުންނެވެ.
ފައްޔާޒްގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ދެން އިއުލާންކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އެވެ.
ފައްޔާޒުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި، އައްޑޫ ސިޓީއަށް އެ ޓީމުން އިއްޔެ ފެއްޓި މި ދަތުރަކީ، އޮކްޓޫބަރު 17 އިން 24 ގެ ނިޔަލަށް، އައްޑޫގެ ހުރިހާ އަވަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 8 ދުވަހުގެ ދަތުރެކެވެ.
ފައްޔާޒްގެ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޕާޓީގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމާއި، އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން "ބޮޑުބަދަލު" ސިޔާސަތުތަކަށް ހިޔާލު ހޯއްދެވުމުގެ ހަރަކާތް ކަމަށް ވާއިރު، ގަމުގެ ވައިގެ ބަނދަރުން ފައްޔާޒަށާއި އެމަނިކުފާނުގެ ތީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީގައި ވޯޓުލުމުގެ ހައްގު އެމްޑީޕީގެ ޕްރައިމަރީގައި 6,515 މެންބަރުންނަށް ލިބިފައިވާއިރު، އެންމެ ގިނަ މެންބަރުން ތިބި އެ ސިޓީގެ ހިތަދޫގައި 3,136 ވޯޓުލުމުގެ ހައްގުލިބިފައިވާ މެންބަރުން އެބަތިބި ކަން ފާހަގަކޮށްލެވެއެވެ.
ފައްޔާޒުގެ މި ދަތުރުފުޅުގެ ތެރެއިން އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ ހިތަދޫގައި "އައްޑޫ ޕޮލިސީ ވޯކްޝޮޕް" ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަދި ފޭދޫ އާއި މަރަދޫ އަދި ހުޅުމީދޫގެ އިތުރުން މަރަދޫފޭދޫގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވުމަށް ވެސް ފައްޔާޒްގެ މި ދަތުރުގައި ހަމަޖެހިފައި ވެއެވެ.




