ޞަބާހު ރަޝީދު (ކ) އަލް އައްބާރު (ވ) ޞަބާހު ރަޝީދު ވިދާޅުވަނީ ރާއްޖެއަކީ ވިއްކާލަން އޮތް ތަނެއް ނޫންކަމަށް އަލް އައްބާރަށް ދަންނަވާކަމަށް
"ރާއްޖެއަކީ ވިއްކާލެވޭނެ ތަނެއް ނޫން"
ނުހަނު ސާބިތުކަމާއި، ގައުމީ ލޯތްބާއެކު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޞަބާހު ރަޝީދުގެ ހާމަކަންބޮޑު ސިޓީއެއް އީގަލް ހިލްސްގެ އަލް އައްބާރު އަށް
ހިޝާމް ހާރޫން 20 އޮކްޓޯބަރ 2026 (އަންގާރަ)   16:37
އަބޫދާބީގެ އީގަލް ހިލްސްގެ ބާނީ އަދި މަޝްހޫރު އިންވެސްޓަރު މުހައްމަދު އަލް އައްބާރަށް އަމާޒުކޮށް، މިފަދަ ޤައުމީ މައްސަލަތަކުގައި އާންމު ސިޓީތައް ލިޔެ، ރައްޔިތުން ހޭލުންތެރިކުރުވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ، ޚާރިޖީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ސަބާޙް ރަޝީދު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން "މޯލްޑިވްސް އިޒް ނޮޓް ފޯ ސޭލް" (ރާއްޖެއަކީ ވިއްކާލަން އޮތް ތަނެއް ނޫން) މި ނަމުގައި ހޫނު ރައްދަކާ އެކު އާންމު ސިޓީއެއް (އޯޕަން ލެޓަރ) އެއް އާންމު ކުރައްވައިފިއެވެ.

ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދިން މައްސަލަ ރާއްޖޭގައި ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު، 2026 ސެޕްޓެމްބަރު 21 ގައި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ރަސްމާލޭގައި–20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު، މި މައްސަލަ ދީނީ އަދި ސިޔާސީ، ގާނޫނީ މައްސަލއަކަށް ވުމުގެ އިތުރުން އާންމު ފަރުދުންގެ ނުހަނު ކަންބޮޑުވުން އޮތް މައްސަލައަކަށް މިހާރު ވެފައިވެއެވެ.

މި މައްސަލަ ރާއްޖޭގައި ވަރަށްބޮޑަށް ހޫނުވެފައިވާ ބައިވަރު އަސާސީ ސަބަބުތައް ހުރި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސީދާ އަލް އައްބާރަށް ޓެގް ކުރައްވާ ސަބާޙް ރަޝީދު އިއްޔެ ސޯޝަލް މީޑިއާގައި ޝާއިއުކުރައްވާފައިވާ މި ސިޓީގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި ބިމުގެ ހައްގުތައް ހިމާޔަތްކުރުމަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން އަބަދުވެސް ދަމަހައްޓާނީ ގައުމީ ސިޔާދަތާއި، އަމިއްލަ ވެރިކަމުގެ ހައިބަތު. އަދި ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ރައްޔިތުން އެކުއެކީގައި ތިބޭނެކަން ކަށަވަރު. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލު، އަދި ރާއްޖޭގެ ބިމުގެ ސަރަހައްދުގެ ހައްގުތަކާމެދު އޮތް ވަރަށް ނާޒުކު، އަދި އެހާމެ ބޮޑު ކަންބޮޑުވުމެއް." - ސަބާޙް ރަޝީދު

އިންވެސްޓްމަންޓްގެ ނަމުގައި ބިން ފޭރިގަތުން ކުށްވެރިކުރުން

ސިޓީ ފަށާފައިވަނީ މިއީ އިންވެސްޓްމަންޓެއްގެ ނަމުގައި ސިޔާސީ ފަރާތްތަކާއި ބޭރުގެ ބާރުތަކެއް ގުޅިގެން ދިވެހިންގެ ބިންތައް ފޭރިގަތުމަށް ކުރާ މަސައްކަތެއްކަން ފާހަގަކުރަމުންނެވެ.

އަދި ދިވެހި ރައްޔިތުންނާއި އެ ރައްޔިތުންގެ ކާބަފައިންގެ ކިބައިގައި އޮތް ގައުމީ ލޯތްބާއި، ދޮން ބަންޑާރައިންނާއި، ބޮޑު ތަކުރުފާނު އަދި އަލިރަސްގެފާނު ފަދަ މާޒީވި ކާބަފައި ނުވަތަ ދިވެހި އަބްޠާލުންގެ ކިބައިން ލިބިފައިވާ ހިތްވަރު ސަބާޙް ރަޝީދު ފާހަގަކުރައްވާފައި ވެއެވެ.

ތާރީހީ ގުރުބާނީއާއި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ތެދުވުން:

ދިވެހިންނަކީ ޒަމާނުއްސުރެ ޕޯޗުގީޒުންނާއި، ޑަޗުންނާއި، އަދި މަލާބާރީންގެ އުދުވާނުތަކާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ހޯދާފައިވާ ބައެއްކަން ސަބާޙް ރަޝީދު އަލް އައްބާރަށް ހަނދުމަކޮށްދެއްވަމުން ވިދާޅުވެފައި ވަނީ، އިނގިރޭސި އިސްތިއުމާންރުގެ ދުވަސްވަރުވެސް ދިވެހިން ދެއްކި ސާބިތުކަމާއި، ނާއިބު ތުއްތު ފަދަ ބޭބޭފުޅުން ގައުމުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީއާއި މިނިވަންކަމުގެ އަގު ވަޒަންކުރައްވާ ކަމަށާ އެކަންކަން ވެސް އަލް އައްބާރަށް ހަނދުމަކޮށްދެއްވާ ކަމަށެވެ.

މީގެ އިތުރުން ޖީއެމްއާރު އެއަރޕޯޓް ކޮންސެޝަނާ ދެކޮޅަށް ދިވެހިން ތެދުވި ތެދުވުން، ނުވަތަ ދެއްކި އިސްތިގުލާލީ ރޫހުވެސް ސަބާޙް ރަޝީދުގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

ސިޔާސީ ނުފޫޒާއި ދެފުށް ފެންނަ އިންވެސްޓްމަންޓްތައް:

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާ، މިހާރުވެސް ގިނަ ރިސޯޓްތަކަކީ ބޭރުގެ އިންވެސްޓަރުން ހިންގާ ތަންތަން ކަމަށް ވިޔަސް، ތަރައްގީގެ ނަމުގައި ހިންގާ ސިއްރު އެއްބަސްވުންތަކާއި، ކޮރަޕްޝަނާއި، އަދި ގައުމީ މަސްލަހަތަށް ގެއްލުންވާ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ސޮބާހު ރަޝީދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދި ކޮންމެ ބޮޑު ބިމެއް ނުވަތަ ތަރައްގީގެ މަޝްރޫއެއްގައިވެސް ފުރިހަމަ ދެފުށް ފެންނަގޮތް (Transparency) ހުންނަންޖެހޭނެ ކަމަށް ވަރަށް ސާބިތުކަމާއެކުގައި، އަލް އައްބާރަށް ސަބާޙް ރަޝީދު ގޮވާލައްވާފައި ވެއެވެ.

ސީދާ އިންޒާރާއި އެދޭ އެދުން:

ސަބާޙް ރަޝީދުގެ މި ސިޓީ ނިންމާލައްވަމުން، އީގަލް ހިލްސްގެ ބާނީ އަދި މަޝްހޫރު އިންވެސްޓަރު މުހައްމަދު އަލް އައްބާރަށް ގޮވާލައްވާފައި ވަނީ ރާއްޖޭގެ ބިންތައް ފޭރިގަތުމަށް ރާވާފައިވާ ރޭވުންތަކާއި، ގާނޫނީ މަރުހަލާތަކުން ރެކިގަތުމަށް "ބްރަދަރ އަބްދުﷲ" ފަދަ ފަރާތްތަކަށް ފައިސާ ދިނުން ހުއްޓާލުމަށެވެ.

އަދި ދިވެހިރާއްޖެއަކީ ބިޑް ކޮށްގެން ގަންނަން ލިބޭ މުދަލެއް ނޫން ކަމަށާ، ދިވެހި ބިން އޮތީ ދިވެހި ރައްޔިތުންނަށް ކަމަށްވާތީ، ގައުމުގެ މިނިވަންކަން ސުލްހަވެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ހާލަތެއްގައިވެސް ދިފާއުކުރާނެ ކަމުގެ އިންޒާރު ވެސް ސަބާޙް ރަޝީދު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހާމަކަން ބޮޑު ކޮށް އަލް އައްބާރަށް ލިޔެ ޝާއިއު ކުރައްވާފައިވާ ސިޓީގައި ދީފައި ވެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ އަދި އާންމު އިޖުތިމާއީ ކަންކަމުގައި ފާހަގަކޮށްލެވޭ، އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަމުގައި ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށްވާ ސަބާޙް ރަޝީދު އަކީ، ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ކުރީގެ އެމްބަސެޑަރުގެ ނައިބުގެ މަގާމާއި، މެލޭޝިއާއަށް ރާއްޖެއިން ކަނޑައެޅުއްވި ޑެޕިއުޓީ ހައިކޮމިޝަނަރ ގެ މަގާމުވެސް ކުރިން ފުރުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އަދި، އަދާލަތު ޕާޓީގެ ނައިބު ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވި ޞަބާހު ރަޝީދު އަކީ، ދިރާގުގެ އައި.ޓީ އަދި ޑޭޓާގެ އިސް ވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވެއެވެ.

އީގަލް ހިލްސްއަށް ރަސްމާލެއިން ބޮޑު ބައެއް ދިނުމުން އެ މައްސަލަ މިހާރު ރާއްގޭގައި އެންމެ ހޫނުވެފައިވާ މައްސަލައަކަށް ބަދަލުވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 500 ހެކްޓަރުގެ ބިން 99 އަހަރަށް، ސަރުކާރުން ބުނާ ގޮތުގައި އެއްވެސް އެކްކިއުޒިޝަން ފީ ނުވަތަ ރެންޓެއް ނުދީ، 99 އަހަރަށް ކުއްޔަށް ދީފައިވުން ހިމެނެއެވެ.

އަދި އެ ލީސް ވިއްކުމުން ނުވަތަ ވިރާސަތުކުރުމުން އަލުން 99 އަހަރު ފެށޭ (rolling lease) އުސޫލަކަށް އެކަން ވުމާއެކު، އެ އެއްބަސްވުމުގެ ތަފްސީލް ހާމަނުކުރުން ވެސް މިކަމުގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގަ އާއި ދީނީ އިލްމުވެރިންގެ މެދުގައި ވެސް މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި މައްސަލަ، ނުވަތަ މި މަޝްރޫއު ޓެންޑަރ ކުރުމެއް ވެސް ނެތުމާއި، އަގު ކަނޑައަޅުމެއް ވެސް ނެތުމުން އެކަމާ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، އާންމުން ވެސް ބޮޑެތި ސުވާލުތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އެންމެ ބޮޑު އެއް ކަމަކީ، އިސްރާއީލުގެ ގުޅުންތަކާ ބެހޭ ބިރު އޮތުންކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިސްރާއީލާ އެކުގައި އުފައްދާފައިވާ ގުޅުންތަކާ ބެހޭ ޚަބަރުތަކެއް ވެސް މަންޒަރާއެކުގައި ދައުރުވަމުން އަންނައިރު، އެކަންކަމުގެ ސަބަބުން ވެސް، ރަސްމާލެ ޔަހޫދީންގެ ސެޓަލްމަންޓަކަށް ބަދަލުވާނެ ކަމަށް ބިރު ފޯރާފައިވާތީ، ދީނީ އިލްމްވެރިންގެ ގުޅުންތަކުން ވެސް އެކަންކަމުގެ އިންޒާރުތައް މި ސަރުކާރަށް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ރަސްމާލެ މައްސަލައިގެ މިހާރުގެ ހާލަތަށް ބަލާއިރު، ގާނޫނީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށްވާ އަލް އުސްތާޛް އަލީ ހުސެއިން ސުޕްރީމް ކޯޓަށް އެ އެއްބަސްވުން ބާތިލުކުރުމަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީ އަދި އެހެން ބައެއް ފަރާތްތަކުން ވެސް އެއްބަސްވުމުގެ ހުރިހާ ތަފްސީލް އާންމުކުރުމަށާއި، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ވެސް ގޮވާލައިފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، މި އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައެވެ. ނަމަވެސް މި ސަރުކާރުން ބުނާގޮތުގައި "އެންމެ އިންޗިއެއް ވެސް" ރަސްމާލެއިން ވިއްކާލާފައި ނުވާނެއެވެ.

އަދި އެ ބިން ދައުލަތުގެ މިލްކިއްޔާތުގައި އަބަދުމެ އޮންނާނެ ކަމަށާ، އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެންނާނެ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ކަމަށާ، މިކަމުގެ ސަބަބުން 54،000 ވަޒީފާ އުފެދި، އާންމުންނަށް 5،000 ހައުސިން ޔުނިޓް އެޅިގެން ދާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ކޮމެންޓް