ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް.--
ރަސްމާލެ މައްސަލަ ބޭރުކޮށްލި ނިންމުން މުރާޖާކުރަން ހުށަހަޅައިފި
ހިޝާމް ހާރޫން 22 އޮކްޓޯބަރ 2026 (ބުރާސްފަތި)   14:10
ރަސްމާލެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އަކީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް، އެ ކޯޓުގެ ރަޖިސްޓްރާ ވަނީ މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ނިންމާ، މައްސަލަ ބޭރުކޮށްލާފައެވެ.

ރަޖިސްޓްރާގެ ނިންމުން މުރާޖާކުރުމާ ގުޅިގެން އަލީ ހުސައިން އިއްޔެ އެކްސްގައި ވިދާޅުވީ، ރަޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ހުސައިންގެ މައްސަލައިގައި ވަނީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއްވެސް ނުނަގާ މުޅިން ހިލޭ ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ނުވަތަ ވާރުތަވާ ހާލަތުގައި، އިތުރު 99 އަހަރަށް އެ ފަރާތްތަކަށް ލިބޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ތައާރުޒުވާ ކަމެއް ކަމަށް ބުނެ މުޅި އެއްބަސްވުން ބާތިލުކުރަން އޭނާ ވަނީ އެދިފަ އެވެ.

މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ހުށަހަޅާފައިވެ އެވެ.

ރަސްމާލެއިން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޭން، ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެންބަރު 21 ގައި ސޮއިކޮށްފައިވާއިރު، އެތަން ދޭން ނިންމާފައިވަނީ ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެއެވެ.

ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ. މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، ސަރުކާރުން އަންނަނީ މިއީ އާންމުކޮށް ރިސޯޓުތައް ދޫކުރާ އުސޫލުން ކޮށްފައިވާ ރަނގަޅު މުއާމަލާތެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެ ނުދެކޭ ފަދަ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ އެކަން ދިފާއުކުރަމުންނެވެ.

ކޮމެންޓް