ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ފުރާވަޑައިގެންނެވުމަށް ބޯޓަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
20 އޮކްޓޯބަރ 2026 (އަންގާރަ)   11:15
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައި ވެއެވެ.

ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް