
"ޒިޔާމް! މިއަދު އަހަރެމެންނަށް މި ފެންނަނީ ވަރަށް ބިރުވެރި މަންޒަރެއް. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރުގެ އުކުޅުތައް ހާދަ ވިސްނުންތެރިއޭ،" ސަމާ ފޯނު މޭޒުމަތީގައި ބާއްވަމުން ބުންޏެވެ. "މަޖިލީހުގެ ސުޕަރ މެޖޯރިޓި އޮތީސަރުކާރުގެ ޕީއެންސީ އަގުތަދޯ، މިހެން އޮއްވައި، އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ފަދަ ނުރައްކާތެރި ބިލްތަކާއި އިސްލާހުތައް ހުށަހަޅަން މި ބޭނުންކުރަނީ 'މިނިވަން' މެންބަރެއްގެ ނަން. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އަބޫބަކުރު، އޭނާ މި ބޭނުންކުރަނީ ސަކުރާގެ ޕްރޮކްސީއަކަށް، މިކުރާ ކަންކަމަކީ ސީދާ ޑިމޮކްރަސީގެ ބިންގާ ގުޑުވާލުން. ސަރުކާރު ބޭނުންވާ ގޮތަށް އޭނާ ހުށަހަޅާ ކަންކަން މަޖިލީހުން ނުހަނު އަވަހަށް އެބަ ފާސްކުރޭ."
ޒިޔާމް މޫދަށް ގާކޮޅެއް އެއްލަމުން ވިސްނުންތެރިކަމާއެކު ބުންޏެވެ. "ތިޔައީ ހަމަ ހަގީގަތް. ސަރުކާރުގެ ރަސްމީ މެންބަރަކު މިފަދަ ބިލެއް ހުށަހަޅައިފިނަމދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި އަދި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ހުތުރުވާނެ. އެހެންވެ، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރަކު ލައްވައި މިކަން ކުރުވުމަކީ އަތް ހަޑިނުވެ ދަރުބޮނޑި ބަދެލުންކަހަލަ ކަމެއް، މި ފަހުން ފެނުނު އިސްލާހުތަކަށް ބަލާލިޔަސް މިމަންޒަރު ވަރަށް ސާފު".
"އާނ، ފުރަތަމަ ކަމަކީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަން ބިލު،" ސަމާ ތަފްސީލުކޮށްދެމުން ބުންޏެވެ. "މި ބިލުގެ ދަށުން ކުރިން އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި، އާ ކޮމިޝަނެއް އުފައްދަން ހުށަހެޅީ. މިހާރު މި އޮތީ ގާނޫނަކަށްވެފަ، މި ގާނޫނުގެ ދަށުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާތިލުކުރުމުގެ ބާރު ސަރުކާރުގެ ނުފޫޒު އޮންނަ ކޮމިޝަނަކަށް ދިނުމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ބަންދުކޮށް، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން".
"ހަމައެކަނި މީޑިއާއެއް ނޫން،" ޒިޔާމް އިތުރުކޮށްލިއެވެ. "ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކީވެސް ހަމަ މިފަދަ ނުރައްކަލެއް. އަދި އެންމެ ފަހުން މަޖިލީހުގެ ގަވާއިދަށް ހަންނާނު އެ ހުށަހެޅުއްވި ނުރައްކާތެރި އިސްލާހަށް ބަލާބަލަ! މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި ހުށަހެޅި އިސްލާހަކީ ސީދާ ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުން ހުއްޓުވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް."
"އޭގެ ތަފްސީލަކީ ކޮބާ؟" ސަމާ އަހާލިއެވެ.
"މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ފުރަތަމަ ބަހުސް ކުރުމުގެ ފުރުސަތު ލިބޭ، މެންބަރުން ބޭނުންވާ ހިޔާލެއް ފާޅުކުރެވެއެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުން އޮންނަނީ އެ ބަހުސްގެ މަރުހަލާއަށް ފަހު،" ޒިޔާމް ކިޔައިދިނެވެ. "އެހެންނަމަވެސް ހަންނާނު ހުށަހެޅި އިސްލާހުގައި ބުނަނީ، ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނޯ! އެގޮތަށް ވޯޓަށް އަހާއިރު ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވީ. އެއާމެދު އިތުރު އެއްވެސް ބަހުސެއް ނުކުރެވޭނެ. ބަހުސް ކުރެވޭނީ ހަމައެކަނި ވޯޓުން ބަލައިގަންނަން ފާސްވެއްޖެ ނަމަ."
ސަމާ ނުރުހުމުގެ ރާގަކަށް ބުންޏެވެ. "މިހެންވުމުން މިހާރު މަޖިލީހަށް އިދިކޮޅު މެންބަރުން ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކަށް ބަހުސް ކުރުމުގެ ފުރުސަތެއް ނުލިބޭނެ، ރައްޔިތުންގެ އަޑެއް ނީއްވޭނެ! ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ފުރަތަމަ ސިކުންތުގައި މައްސަލަ ބޭރުކޮށްލުން ވާނީ އާއްމުކަމަކަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި. އޭނާ ވިދާޅުވީ މިއީ މަޖިލީހަށް ގަރާރު ހުށަހެޅުން އިތުރަށް އުނދަގޫކުރުމަށް ގެންނަ އިސްލާހެއް ކަމަށް، މީގެ ހަގީގީ މަގްސަދަކީ ރަސްމާލެ މަޝްރޫއުގެ ބަހުސް ހުއްޓުވުން ކަމަށް."
"އެއީ ހަމަ ހަގީގަތް، މީގެ އެންމެ ދެރަ ނަތީޖާއަކީ ކޮބާ؟ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަންޑަމަންޓަލް ރައިޓްސް ނުވަތަ އަސާސީ ހައްގުތައް ހަނިވެގެންދިއުން،" ޒިޔާމް އެއްބަސްވިއެވެ. "ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގެއްލުމުން، ޑިމޮކްރެޓިކް މުޖުތަމައެއްގައި އޮންނަންޖެހޭ ޗެކް އެންޑް ބެލެންސް ނުވަތަ ފާރަވެރިވުމުގެ ނިޒާމު މުޅިން ހަލާކުވެގެންދާނެ. ރައްޔިތުން ބިރުގަންނާނެ ސަރުކާރުގެ ނާޖާއިޒު ކަންކަމާ ދެކޮޅަށް އަޑުއުފުލަން. ރައްޔިތުންގެ މަންދޫބުންނަށް މަޖިލީހުގެ ތަޅުމަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިފައިގެން މެންބަރުން އަންނަ އައުން މި ބަންދުކޮށްލަނީ."
"ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުތައް ބައްޓަންކުރުމަށްޓަކައި، މިނިވަން މެންބަރުން ޕްރޮކްސީ އެއްގެ ގޮތުގައި ބޭނުންކުރުމުގެ މި އުކުޅަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ފެންނަމުންދާ ހިތާމަވެރި ސިފައެއް،" ސަމާ ފުން ވިސްނުމަކަށް ދިޔައެވެ. "ނަތީޖާއަކަށް ވާނީ، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ ބަދަލުގައި، ހުރިހާ ބާރެއް އެއްދިމާލަކަށް ޖަމާވުން. މިއީ ހަމަ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއް."
އިރުއޮއްސެމުން ދިޔައިރު، ދެ ޒުވާނުންގެ ބަހުސް ނިންމާލީ ރާއްޖޭގެ މުސްތަގުބަލާ މެދު ކުރެވޭ ފުން އުންމީދުތަކަކާ އެކުގައެވެ. ސަރުކާރުގެ މިފަދަ ސިޔާސީ އުކުޅުތަކާއި ހީލަތްތެރި ރޭވުންތަކަށް ރައްޔިތުން ހޭލުންތެރިވެ، އަސާސީ ހައްގުތަކުގެ ދިފާއުގައި ސާބިތުވެ ތިބުމަކީ މިއަދު ގައުމަށް އެންމެ ބޭނުންތެރި ކަންތައް ކަމުގައި ދެމީހުންވެސް އެއްބަސްވިއެވެ.
ސަރުކާރުން ހަންނާނު ބޭނުންކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި ނޫސްވެރިންގެ އަނގަ ބަންދުކުރަން އަނގަމަތީ އަޅާ ސިޔާސީ ހީލަތްތެރި ޓޭޕެގަޑެއްގެ ގޮތުގައެވެ.
މެންބަރު ހަންނާނު ހުށަހަޅާ ޑިމޮކްރަސީއާ ދެކޮޅު ބިލުތަކަށް ޕީއެންސީގެ ފުރިހަމަ ތާއީދު ލިބެއެވެ. ސަރުކާރުން ހަންނާނު ލައްވާ ބިލްތައް ހުށަހަޅަނީ، ޕީއެންސީން ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫންކަމަށް ދެއްކުމަށެވެ. "އަހަރުމެނެއްނޫން ހަންނާނު" އޭ ބުނުމަށެވެ. އެކަމަކު އެކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެ ހެއްޔެވެ؟
މިފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތް ހޯދައި، އަސާސީ ހައްގުތަކުގެ ދިފާއުގައި ރައްޔިތުން ހޭލާ ތިބޭނެއެވެ. މިގޮތަށް ރައްޔިތުން ތިބިހާ ހިނދަކު ގައުމުގެ ޑިމޮކްރަސީގެ ފުރާނަ ހިފަހައްޓާލެވޭނެކަން ކަށަވަރެވެ.




