
ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންދަނިކޮށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 1، ގަ އެވެ. ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ވަނީ، ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އިއުލާނުކޮށްފަ އެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އޭނާ ހުށަހެޅުއްވީ ބިލުގައި ހިމަނާފައި ވަނީ ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށެވެ.
ގާނޫނަށް ގެނައި ބަދަލާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ސެޕްޓެމްބަރުމަހު ބޭއްވި އޮންލައިން ވެބިނާއެއްގައި ވަނީ ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުން އެ ބަދަލާ މެދު ނުރުހުން ފާޅުކޮށް ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް އެ ބަދަލާމެދު ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރިއެވެ.
އެގޮތުން އެކި ގައުމުތަކުގެ ބޮޑެތި ޓްރެވަލް އެޖެންޓުންގެ އިތުރުން، ޔޫރަޕިއަން ޓްރެވަލް އޭޖެންޓްސް އަދި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ (އީސީޓީއޭއޭ) ގެ ފަރާތުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ނިންމުން ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލިއެވެ.




