މަޖިލިސް ރައީސް ޢަބްދުއް ރަހީމް އާއި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު.-- ފޮޓޯ: ރައީސް އޮފީސް
މަޖިލިސް ރައީސްގެ މުސާރަ 95,000ރ އަށް، ވަޒީރުންގެ މުސާރަ 75,000ރ އަށް ބޮޑުކުރަނީ
މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ހުރިހާ ރަށު ކައުންސިލަރުންނަށް 5،000ރ. ގެ ސާވިސް އެލަވަންސެއް ދޭންވެސް ފާސްކޮށްފައި
ފިޔެސް 21 އޮކްޓޯބަރ 2026 (ބުދަ)   16:56
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000ރ. އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މިބަދަލުތައް ގެނައުމަށް މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ  ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.

ކޮމިޓީގެ އިދާރީ މޭޒުން މަޝްވަރާއަށް ހުޅުވާލީ އަންނަނިވި ކަންކަމަށެވެ.

  • މަޖިލީހުގެ ރައީސްއަށް 22,000ރ.ގެ އެލަވަންސެއް ހަމަޖެއްސުމަށް، އޭރުން އެ މަގާމުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 95,125ރ. މަހަކު ލިބޭނެ
  • ވަޒީރުންގެ ކާރު އެލަވަންސް 17,000ރ. އަށް ބޮޑު ކުރަން؛ އޭރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75,500ރ. ލިބޭނެ، މިހާރު ލިބެނީ 58،500ރ.
  • ކައުންސިލަރުންނަށް 5,000ރ.ގެ ސާވިސް އެލަވަންސެއް ހަމަޖެއްސުމަށް

މަތީގައިވާ ގޮތަށް އެލަވަންސްތައް ބޮޑު ކުރަން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. އެކަމާ ދެކޮޅު ހެއްދެވީ ކޮމިޓީއަށް މިއަދު ވަޑައިގަތް އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ. ގަޕޯ ވިދާޅުވީ، މި ދަނޑިވަޅުގައި އެ ބަދަލު ގެންނަން ތާއީދުނުކުރައްވާ ކަމަށެވެ.

"މިހާރު ވިސްނަން ޖެހޭނެ ރާއްޖެ މި އޮތް ހާލަތަށް، ދުނިޔެ މި އޮތް ހާލަތަށް، އެހެންވީމަ ދައުލަތުގެ ބަޖެޓަށް ތީގެއިން އެތައް ބައިވަރު އިމްޕްލިކޭޝަން އަންނާނެ،" އޭނާ ވިދާޅުވިއެވެ.

އިދާރީ މޭޒުން ކޮމިޓީއަށް ހުށަހެޅި ކަރުދާހުގައި ފާހަގަކުރި ގޮތުގައި މަޖިލީހުގެ ރައީސަށް އާ އެލަވަންސެއް ދިނުމަށް ނިންމީ އެ މަގާމުގެ މުސާރަ މަޖިލީހުގެ ނައިބު ރައީސް އާއި މެންބަރުންގެ މުސާރައަށްވުރެ މިހާރު ވެސް ކުޑަކަމުން މުސާރަތައް އެއް ހަމައަކަށް ގެނައުމުގެ ގޮތުން ކަމަށެވެ. މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އެލަވަންސް ހިމަނައިގެން ޖުމްލަ މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 73،325ރ. އެވެ.

މަޖިލީހުގެ ނައިބު ރައީސަށް 91،000ރ. ލިބޭއިރު، މަޖިލީހުގެ މެންބަރަކަށް 82،500ރ. ލިބެއެވެ.

ވަޒީރުންގެ މުސާރަ އާއި އެލަވަންސްތައް ބޮޑުނުކުރާތާ އެތައް އަހަރެއް ވެފައިވާއިރު އަދި ޝަރުއީ ދާއިރާ ހިމެނޭ ގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެންބަރުންނަށް މިހާރު 91،000ރ. އާއި 81،000ރ. ދެމެދުގެ މުސާރައެއް ލިބޭއިރު ވަޒީރުންގެ މުސާރަ އެއަށް ވުރެ ކުޑަވުމަކީ އެ ބަދަލު ގެންނަ ސަބަބެއް ކަމަށް ކޮމިޓީ ކަރުދާހުގައިވެ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ބަދަލުތައް ގެންނަން ފާސްކޮށްފައެވެ.

ކޮމެންޓް