
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކާމެދު ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތް، ބަދަލުކޮށް ބަހުސްކުރުމުގެ ކުރިން ގަރާރަކަށް ބަހުސް ނުކުރެވޭގޮތަށް ގަވާއިދު އިސްލާހުކުރަނީ ރަސްމާލެ މަޝްރޫއުއާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ.
"މިހާރު ރައްޔިތުންގެ މަޖިލީހުގައި މި ކުރިއަށްދާ ކަންކަމުން ވެސް އަޅުގަނޑުމެންނަށް ވަޒަންކޮށްލަން އެނގޭ އެމީހުން މިތަނުގައި ވަޒަންވެރިވެ މިތަނުގެ ޕްރޮޕަޓީތައް ވިއްކައި 99 އަހަރަށް އާބާދުވުމަށްފަހު، ދެން މި ރައްޔިތުންގެ މަޖިލީހަށް، ދެން މި ދިވެހި ދައުލަތަށް މި ދިވެހި ގައުމަށް ފޯރުވާނެ ނުފޫޒު މި ގެނައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި ގެންނަ ބަދަލުން އެކަނި ވެސް އަޅުގަނޑުމެންނަށް ސާފުވޭ،" މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ވެލިފުކެއް ވެސް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ބިމަކުން ބޭރުގެ ކުންފުންޏަކަށް ތާއަބަދަށް 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ވެސް ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި، އެގޮތަށް ވޯޓަށް އަހާއިރު، ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހަށް މިހާރު ގަރާރެއް ހުށަހަޅައިފި ނަމަ، ގަރާރު ބަލައިގަތުމާމެދު ވޯޓެއް ނަގަނީ އެ ގަރާރަކަށް ބަހުސްކުރުމަށްފަހު، އެވެ. މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް މަޖިލީހުގެ ގަވާއިދުގައި ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.
ނަމަވެސް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފި ނަމަ، މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕީއެންސީން ބޭނުން ނުވެއްޖެނަމަ، ގަރާރަށް ބަހުސްކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.




