
މަޖިލިސް މެންބަރުންނަށް ހާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ސްކީމް އުވާލުމަށް އެދި ރައްޔިތުން ހުށަހެޅި ޕެޓިޝަނާ ދެކޮޅަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅީ މެންބަރުންނާމެދު ފިތުނަ އުފައްދައި މެންބަރުންގެ އަގު ވައްޓައިލުމަށް ކަމަށެވެ.
ޕެޓިޝަނުގައި ހުރި ވާހަކަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މެންބަރުންގެ އިންޝުއަރެންސް ޕެކޭޖަކީ އާސަންދައަށްވުރެ ދައުލަތަށް ހަރަދު ކުޑަ ނިޒާމެއް ކަމަށެވެ.
"...އާސަންދައިން ބޭރުގެ އަޅުގަނޑުމެން މި އިންޝުއަރެންސް ޕެކޭޖު ނެގީމާ ދިވެހި ދައުލަތަށް ވާނީ ހަރަދުކުޑަ،" ފަލާހު ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރެއްގެ އިންޝުއަރެންސަށް ދައުލަތުން ހަރަދުކުރަނީ އަހަރަކު 24،000ރ. ކަމަށެވެ. އެހެންކަމުން، އެ 24،000ރ. ގެ އިތުރުން އެއްވެސް މެންބަރެއްގެ ސިއްހީ ފަރުވާއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އާސަންދަ ނިޒާމު އޮތްގޮތުން، ބަލި މީހާގެ ހުރިހާ ހަރަދެއް ކުރަންޖެހެނީ ދައުލަތުގެ ފައިސާއިން ކަމަށް ފަލާހު ވިދާޅުވިއެވެ.
އޭގެ އިތުރުން، އާސަންދައާ ހިލާފަށް އެ އިންޝުއަރެންސްގެ ދަށުން ސިއްހީ ފަރުވާ ހޯދަން ބޭރުގެ ގައުމުތަކަށް ދިޔުމުގެ ހަރަދާއި ކެއުންބުއިމާއި ހުރުމުގެ ހަރަދު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ބޭސްފަރުވާއަށް ކުރާ ހަރަދު ވެސް ލިބެނީ ބޭސްފަރުވާ ކޮށްގެން ރާއްޖެއަށް އައިސް ބިލުތައް ހުށަހެޅީމާކަމަށް ފަލާހު ވިދާޅުވި އެވެ.
"މިހެން އޮތް ނިޒާމެއް މިއީ، ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންނާ ދޭތެރޭގައި ފިތުނަފަސާފަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހަގީގަތުގައި ވަރަށް ހިތާމަހުރި ކަމެއް،" ފަލާހު ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންނަށް ސިއްހީ އިންޝުއަރެންސް ދިނުމަކީ ތަހުޒީބު ގައުމުތަކުގައި ކުރާ ކަމެއް ނޫންކަމަށް ޕެޓިޝަނުގައި ބުނެފައިވާއިރު، އެ ގައުމުތަކުގައި މަޖިލިސް މެންބަރުންގެ މުސާރައަށް ލިބެނީ ހަމައެކަނި 80،000ރ. ނޫންކަމަށް ފަލާހު ވިދާޅުވިއެވެ.
މެންބަރުންގެ ބޭރު ދަތުރުތަކާ ބެހޭ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، އާދައިގެ ބަލިތަކަށް ބޭރަށް ދާއިރު ޓިކެޓާއި ހުރުމާއި ކެއުމުގެ ހަރަދު ދައުލަތުން ނުދޭ ކަމަށެވެ. އަމިއްލަ ޖީބުން ކުރާ ހަރަދުތައް ވެސް ބިލު ހުށަހަޅައިގެން ލިބެނީ ވަރަށް އުނދަގުލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަގީގަތްތައް އޮޅުވައިލައި، ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފެދޭ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހިތާމަހުރި ކަމެއް ކަމަށް ފަލާހު ސިފަކުރެއްވިއެވެ. އެހެން ގައުމުތަކުގައި ވެސް ދައުލަތުގެ އިސް މަގާމުތައް ފުރައްވާ ބޭފުޅުންނަށް ވަކި އިނާޔަތްތަކެއް ހަމަޖެހިފައި އޮންނަ ކަމާއި، މި މަގާމުތަކަކީ އަބަދުވެސް އެއް ބަޔަކު ތިބޭނެ ތަންތަން ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
އެ ހުރިހާ ފާޑެއް ވިދާޅުވުމަށްފަހު، ވެސް ފަލާހު ވިދާޅުވީ އެ ޕެޓިޝަނަށް ތާއީދުކުރައްވާ ކަމަށެވެ.
އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމާ ދެކޮޅަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި 7225 މީހުން ސޮއިކޮށްފައިވެ އެވެ.




