މާލީ ބަޔާން ހުށަނާޅާ ދެ މެންބަރުން.--
މެންބަރުންގެ މާލީ ބަޔާން އާންމުކުރިއިރު، މާލީ ބަޔާން ހުށަނާޅަނީ ދެ މެންބަރުން
މަރްޔަމް މުޙައްމަދު 29 ސެޕްޓެމްބަރ 2026 (އަންގާރަ)   11:15
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުކުރިއިރު، މާލީ ބަޔާން ހުށަނާޅުއްވާ ދެ މެންބަރަކު ތިއްބެވިކަން ހާމަވެއްޖެ އެވެ.

މަޖިލިސް ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅުއްވާ ދެ މެންބަރުންނަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އާއި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އެވެ. މި ދެ މެންބަރުންނަކީވެސް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.

މަޖިލީހުގައި ޖުމްލަ 93 މެންބަރުން ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވަނީ 90 މެންބަރެއްގެ މާލީ ބަޔާނެވެ. ހުށަހަޅަން ލާޒިމު މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅަނީ އިބްރާހިމް މުހައްމަދު އަދި ޔާސީން އެވެ.

ބައި އިލެކްޝަން ކާމިޔާބުކޮށް މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު، މެންބަރެއްގެ ގޮތުގައި އަހަރު ދުވަސް ހަމަނުވާތީ އޭނާގެ މާލީ ބަޔާން ހުށަހެޅުން ލާޒިމެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރުން މާލީ ބަޔާން ކޮންމެ އަހަރެއްގެ އޯގަސްޓު 31، ގެ ކުރިން ހުށަހަޅަންޖެހެއެވެ. އަދި އެ ބަޔާންތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަން ޖެހެއެވެ.

މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

ކޮމެންޓް