ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ.--- ފޮޓޯ: މަޖިލިސް
އަންނަ އަހަރަށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
ހަސަން އިބްރާހީމް 29 އޮކްޓޯބަރ 2026 (ބުރާސްފަތި)   15:44
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިޔަން ރުފިޔާ ކަމަށްވާއިރު، މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.

މިއީ މިއަހަރަށް ކަނޑައަޅާފައިވާ 64.2 ބިލިޔަން ރުފިޔާއަށް ވުރެ 4.5 ބިލިޔަން ރުފިޔާ ކުޑަ އަދަދެކެވެ. ނަމަވެސް، އަންނަ އަހަރު ސަރުކާރުގެ ހަރަދުތައް 52.6 ބިލިޔަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި އަހަރަށް ވުރެ 3.3 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގަ އެވެ. މިއަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިޔަން ރުފިޔާގައެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިޔަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިޔަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިޔަން ރުފިޔާ އެވެ.

ދައުލަތުގެ ދަރަނި 161.3 ބިލިޔަން ރުފިޔާ (ޖީޑީޕީގެ 124.5 ޕަސެންޓް) ގައި ހުރި އިރު އަންނަ އަހަރު ވެސް ދަރަނިއަދާކުރަން 4.9 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މިއަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިޔަން ރުފިޔާ އެވެ. އަންނަ އަހަރުގެ އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުން މިހާރު ނަގާ އެއްވެސް ޓެކްސްއެއް މަތިނުކުރުމަށް ނިންމާފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް ޒަރީރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއެކުވެސް ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރު ކުރުމަކީ  ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް ކަަމަށެވެ.

"މިގޮތުން ދައުލަތުގެ އާމްދަނީ، ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އެއް އަމާޒު. ހަމައެއާއެކު، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ލިބޭ އާމްދަނީއިން ފޫބެއްދުމަކީވެސް އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން އަމާޒުހިފާފައިވާ ކަމެއް،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 ޕަސެންޓްގަ އެވެ. ޖެހިގެން އަންނަ 2028 ވަނަ އަހަރު އެ އަދަދު 116.3 ޕަސެންޓަށް ތިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި  2029 ވަނަ އަހަރަށް ދަރަނި 107.9 ޕަސެންޓަށް ތިރިކުރުމުގެ އަމާޒުވެސް މި ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓުގެ މުހިންމު އަދަދުތައް:

  • ޖުމްލަ ބަޖެޓު: 59.7 ބިލިޔަން ރުފިޔާ
  • ޖުމްލަ ހަރަދު: 52.6 ބިލިޔަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 43.2 ބިލިޔަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 42.7 ބިލިޔަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 9.8 ބިލިޔަން ރުފިޔާ
  • ޕީއެސްއައިޕީ: 8.2 ބިލިޔަން ރުފިޔާ
  • ޑެފިސިޓް: 9.4 ބިލިޔަން ރުފިޔާ
  • ދަރަނި: 161.3 ބިލިޔަން ރުފިޔާ
  • ޖީޑީޕީ: 129.5 ބިލިޔަން ރުފިޔާ


އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ހަރަދުގެ ޖުމްލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށް ވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފަހައްޓަން އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ހަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 ޕަސެންޓްގައި ހިފަހައްޓަން އަންނަ އަހަރުގެ ބަޖެޓުގައި އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަގުސަދަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ދަށްކުރުން. ހަމައެޔާއެކު 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ހަރަދުވެސް ޖީޑީޕީގެ ނިސްބަތުން ހަތް އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ،" ޒަރީރު ވިދާޅުވިއެވެ.

ބަޖެޓުން ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން މިހާރު އަންދާޒާ ކުރަނީ މި އަހަރު ވެސް ކަނޑައެޅި އަމާޒަށް ޓޫރިސްޓުން ނާންނާނެ ކަމަށެވެ. ޓޫރިސްޓުން ނަޔަސް ފިނޭންސުން ވަނީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ލިބޭނެ ކަމަށް ބުނެފަ އެވެ. އަދި، ޓޫރިސްޓުން އަންނަ އަދަދު ވެސް އަންނަ އަހަރު ރަނގަޅު ވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

މި ގޮތުން 2.2 މިލިޔަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރާއިރު، އަންނަ އަހަރަށް ރާވާފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ހަރަކާތްތަކާއެކީ މި އަދަދު 2.5 މިލިޔަން ޓޫރިސްޓުންނަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވީ، މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ކަމަށެވެ. މީގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެ، މުޅި އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ އަސަރުގެ ސަބަބުން މި އަހަރު އިގުތިސާދު ކުރިއަރާނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދު ކަމަށް ޒަރީރު ވިދާޅުވި އެވެ. ނަމަވެސް އަންނަ އަހަރު އިގުތިސޯދީ ދުވެލި އަލުން ބާރުވެ، 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގައި ކުރިއަރާނެ ސަރުކާރުން ލަފާކުރެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓް ދިރާސާކުރާނީ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެ ކޮމިޓީގެ މަސައްކަތްތައް ފަށަން މަޖިލީހުގެ ރިޔާސަތު އެންގިއިރު، މެންބަރުން ބަޖެޓަށް ބަހުސް ކުރަން ފަށާނީ ހަތް ދުވަސް ފަހުންނެވެ.

ކޮމެންޓް