
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އެކުލަވައިލާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ، ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ގެންނަން ނުފެންނަ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.
މި ނިންމުމާ އެކު، އޮފީސްތަކުން އެދުނު އިތުރުވުންތަކަށް ޖާގަ ނުދީ، ފިނޭންސް މިނިސްޓްރީން ހުށަހެޅި އަދަދުތައް ވަނީ ދަމަހައްޓައިފައެވެ.
މިގޮތަށް ފާސްކުރުމަށް ހުށަހެޅީ ކެލާ ދާއިރާގެ މެންބަރު ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާ ޕީއެންސީ މެންބަރު އަހުމަދު ޒަމީރެވެ.
ކޮމިޓީގެ 10 މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ބަޖެޓު ރިޕޯޓު އެކުލަވާލައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ފޮނުވުމަށެވެ.
ކޮމިޓީން ފާސްކުރި ނިންމުމުގައިވާ ގޮތުން، ދައުލަތުގެ އޮފީސްތަކުގެ ރިކަރަންޓް ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީން އެކުލަވާލި އޮނިގަނޑާ އެއްގޮތަށެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގުމަށް ހުށަހެޅި މަޝްރޫއުތަކުގެ ބަޖެޓަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި އާ މަޝްރޫއުތައް އިތުރުކުރުމުގެ ބަދަލުގައި، ސަރުކާރުން ފޮނުވި ލިސްޓު އެއްކޮށް ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ނަމަވެސް ސަރުކާރު ހިންގުމާއި ތަރައްގީގެ ކަންކަމަށް ކުރާ ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާ އިތުރުވެ، 52.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ބަޖެޓުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމިއިރު، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލް ވަނީ މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ހިލޭ އެހީ ނުލައި ލިބޭ އާމްދަނީގެ 101 ޕަސެންޓު ހިންގުމުގެ ހަރަދަށް ދިއުމާއި، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެ ސާފު ޕްލޭނެއް ނެތުން އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް، މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ކޮމިޓީ މަރުހަލާގައި އެއްވެސް އިސްލާހެއް ގެނެސްފައެއް ނުވެއެވެ.




