ޣާލިބް ސަލީމް ކިޔާ މީހާކު މިދިޔަ ބުރާސްފަތި ދުވަހު ސިނާނުއާ ދެކޮޅަށް ސުޕްރީމު ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ސިނާނު އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް ވެފައިވި އެއްބަސްވުމާ ހިލާފުވެފައިވާތީ އެ ބޭންކުން އައްޑޫ ހިތަދޫ ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024 ގައި ކަމަށެވެ.
ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަ ބަލާ ހިތަދޫ ކޯޓުން ހުކުމް ކުރީ 2024 އޮކްޓޯބަރު 14، ގަ އެވެ. އެ ހުކުމުގައި ބުނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާ ކަމަށް އެ މައްސަލާގައި ވަނީ ބުނެފައެވެ.
ޣާލިބް ސުޕްރީމު ކޯޓަށް ހުށަހެޅި މި މައްސަލާގައި އެދިފައިވަނީ ސާބިތު ދަރަނި ނުދައްކާ ކަމަށް ނިންމާ ސިނާނު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާނަމަ، އެމީހަކު މެންބަރުކަމުން ވަކިވާނެކަމަށް ގާނޫނުއަސާސީ ބުނެއެވެ. މިފަދަ މައްސަލަތައް މީގެކުރިންވެސް ސުޕްރީމް ކޯޓުން ނިންމައިގެން ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައި ވެސް އެބަހުއްޓެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ދެކޮޅަށް ހުށަހެޅި މިފަދަ ފުރަތަމަ މައްސަލަކަމަށް ވާއިރު، ސިނާނުގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އޭނާ ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މެންބަރުކަން ގެއްލިގެންދާ ފުރަތަމަ މެންބަރަށެވެ.
އެހެންކަމުން ސިނާނު ގޮނޑި ގެއްލިދާނެކަމުގެ ބިރު ހީވުމާއެކު ބޭންކަށް ދައްކަން އޮތް ފައިސާ އޭނާ މިހާރު ދައްކާފައިވުމުން، އިސްލާމިކް ބޭންކުން އެ މައްސަލަ އަނބުރާ ނަގާފައިވާކަމަށް ފިޔެސްއަށް މައުލޫމާތުލިބެއެވެ.
20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިބޭއިރު، ސިނާނުއާއެކު ވެރިކަންކުރާ ޕީއެންސީގެ 75 މެންބަރުން މިހާރުވެސް އެ މަޖިލީހުގައި އެބަތިއްބެވެ.