އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމްކޯޓު ފަނޑިޔާރުންނަށް ބިރުދައްކާ މައްސަލަ ބައިނަލްއަގްވާމީ އިދާރާތަކަށް
ފިޔެސް 17 މާރޗް 2025 (ހޯމަ)   14:38
ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާ ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ މައްސަލަ ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހަޅައިފިއެވެ.

އެ ރިޕޯޓް ތައްޔާރުކުރައްވައި އިދާރާތަކަށް ހުށަހެޅުއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ދާދިފަހުން އިސްތިއުފާ ދެއްވި އަލްއުސްތާޛު ހުސްނުއްސުއޫދެވެ. ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެވެ.

ސުއޫދު މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ އެ ރިޕޯޓް މައްސަލައެއްގެ ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށާއި ކޮމަންވެލްތަށް ހުށަހަޅުއްވަފައިވާ ކަމަށެވެ. އަދި، އެ މައްސަލަ ބޭރުގެ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާ ވެސް ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުއޫދުގެ ރިޕޯޓްގައި ފާހަގަކުރައްވާފައި ވަނީ އޭނާއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

އަދި އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުންދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ސުއޫދު ހުށަހެޅުއްވުމުގައި ފާހަގަކުރައްވާފައި ވެއެވެ.

ސުއޫދުގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅެއެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފި ނަމަ އެ ހުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރާ ކަމަށާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން 2013 ގެ ފަހުން އުފެދުނު ހުރިހާ ވެރިކަމެއްގައި ވެސް ވައުދުވިކަން ފާހަގަކުރައްވާފައި ވެއެވެ. އެހެންނަމަވެސް މިހާތަނަށް ވެސް އެއްވެސް ސަރުކާރަކުން އެ ވައުފު ނުފުއްދައި ޖޭއެސްސީ ބޭނުން ކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ސުއޫދު ފާހަގަކުރައްވާފައި ވެއެވެ.

އަދި އެ ހާލަތު 2018 ވަނަ އަހަރުގެ އިންތިހާބާއި 2023 ވަނަ އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ހިންގާ ފަރާތްތަކަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ލިބުމުން އިތުރަށް ގޯސްވި ކަމަށް ސުއޫދު ހުށަހެޅުއްވުމުގައި ފާހަގަކުރައްވާފައި ވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުއްވި މައްސަލައިގައި، ދައުލަތުގެ ތިން ބާރުގެ ފުރިހަމަ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓައިލަން ގޮވައިލުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހުސްނުއްސުއޫދު ބައިނަލްއަގްވާމީ އިދާރާތަކާ ހިއްސާކުރެއްވި ރިޕޯޓުގައާއި، އދ. އަށް ހުށަހެޅުއްވި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ހަމައިން ދެން ކަންތައްތައް ވެގެންދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެ ކޯޓުގެ ކޮންޓްރޯލް ނަގަން ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ރިޕޯޓެއް ހުސްނުއްސުއޫދު އެކުލަވައިލައްވައި ބައިނަލްއަގްވާމީ އިދާރަތަކާ ހިއްސާކުރައްވައި އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ކޯޓުގައި ދުސްތޫރީ އެއްވެސް މައްސަލައެއް ހިންގުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. ސަސްޕެންޑް ކުރުމުން ސުއޫދު އިސްތިއުފާ ދެއްވުމުން އަނެއް ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

ސުއޫދު އިސްތިއުފާ ދެއްވުމުން، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ގާޒީ ހުސައިން ޝަހީދު އައްޔަނުކުރަން ރައީސް މުއިއްޒުއަށް ލަފާ އެރުވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމާފައެވެ.

ކޮމެންޓް