
އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމެންޓު ބޯޑުން ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންގްސް އިން ހުށަހެޅި ހުށަހެޅުން ރިވިއު ކުރުމަށްފަހު ކަމަށެވެ.
"ޕްރޮޖެކްޓް އައީލާ" ގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ބޯހިޔަވަހިކަމާއި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރާނެ އެވެ. އެ މަޝްރޫއުގެ 60 ޕަސެންޓު އިމާރާތްތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އިރުން ހަކަތަ އުފައްދާ ނިޒާމު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މަޝްރޫއުގެ ދަށުން އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް އެ ތަނުގައި ހިންގާނެ އެވެ. އެއާއެކު އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އެ ތަނުގައި ދިރިއުޅެވޭނެ ގޮތަށް ތައުލީމު ހާސިލު ކުރާ ބިނާތަކާއި ބޯހިޔާވަހިކަންވެސް އެ ތަނުގައި ގާއިމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންއަށް ދީފައިވާ ހުއްދައިގެ ދަށުން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ކްރިސްޓަލް ހޯލްޑިންއަށް މި މަޝްރޫއު ކުރިއަށްގެންދެވޭނީ ހުރިހާ ޕްލޭންތަކެއް ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްފަހު އެ ބޯޑުން އެ ޕްލޭންތައް ފާސްކުރުމަށްފަހު މަޝްރޫއު ހަވާލުކުރުމުންނެވެ.
އައީލާ މޯލްޑިވްސް އަކީ ކޮބާ؟
ނ. އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ ދެކެނަންފަރާއި ދިގުފަރުފަޅަކީ ގިރާވަރު ފަޅު ރެސިޑެންޝަލް ސިޓީ ތަރައްގީކުރަން ފައިސާ ހޯދަން ކުރީ ސަރުކާރުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރި ތަނެކެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަޅާއި ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 22 މިލިއަން ޑޮލަރު، އަދި ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރަން 5 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
ޕްރޮޖެކްޓް އައީލާ (Ayla) މޯލްޑިވްސް ގެ ނަމުގައި މި ސަރަހައްދު ތަރައްގީ ކުރަނީ ކްރިސްޓަލް ހޯލްޑިންސް ޕްރިވެޓް ލިމިޓެޑުންނެވެ.
އީޕީއޭ އިން އާންމުކޮށްފައިވާ މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ދައްކާގޮތުން، މި މަޝްރޫއުގެ ދަށުން ދިގުފަރު ފަޅުން 11 ރަށާއި 24 ފިނޮޅު ހިއްކަން ހަމަޖެހިފައިވެއެވެ. ކޮންސެޕްޓު ކަނޑައަޅާފައި އޮތްގޮތުން ހިއްކާ ބޮޑެތި ރަށްތައް ބޭނުންކުރާނީ ގެސްޓު ކޮޓިރިތަކަށެވެ. މުވައްޒަފުން ބައިތިއްބާނީ ވަކިން އޮންނަ ސާވިސް އައިލެންޑްގަ އެވެ. ފިނޮޅުތަކުގައި އެއްވެސް އިމާރާތެއް ނުހުންނާނެ އެވެ.
ދިގުފަރު ފަޅުން ހިއްކާ ރަށްތައް:
ރޯޔަލް އައިލެންޑް - 8 ހެކްޓަރު
ޕްރައިވެޓް އައިލެންޑް 1 - 2.4 ހެކްޓަރު
ވީއައިޕީ އައިލެންޑް 1 - 10.2 ހެކްޓަރު
ވީއައިޕީ އައިލެންޑް 2 - 12.7 ހެކްޓަރު
ވީއައިޕީ އައިލެންޑް 3 - 8.4
ރިސޯޓު އައިލެންޑް 3 - 11.7 ހެކްޓަރު
ރިސޯޓު އައިލެންޑް 2 - 15 ހެކްޓަރު
ރިސޯޓު އައިލެންޑް 1 އާއި ސާވިސް އައިލެންޑް - 25.7 ހެކްޓަރު
ޕްރައިވެޓް އައިލެންޑް 3 - 1.5 ހެކްޓަރު
ޕްރައިވެޓް އައިލެންޑް 1.45 ހެކްޓަރު
ދިގުފަރުފަޅުގެ އުތުރުން އޮންނަ ދެކެނެންފަރުގައި އެއްވެސް ގެސްޓު ކޮޓަރިއެއް ތަރައްގީނުކޮށް، އެ ރަށް ހާއްސަކުރަނީ ގެސްޓުންނަށް އެކްސްކާޝަން ހިންގުމަށެވެ.
ދިގުފަރުފަޅުގައި ހިއްކާ ރަށްތައް: މިތަނުން ގިނަ ރަށްތައް ހުންނަނީ ފާލަމުން ގުޅާލާފައި.-- ފޮޓޯ: އީއައިއޭ ރިޕޯޓު
މި ސަރަހައްދު ތަރައްގީކުރާ ކުންފުނިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ގެސްޓުން އުފުލަން ހެލިޕެޑެއް ގާއިމުކުރުން ހިމެނެ އެވެ. ނަމަވެސް މިކަމަށް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައި ނުވާ ކަން އީއައިއޭގައި ފާހަގަކޮށްފައިވެ އެވެ.
މި ސަރަހައްދުގެ ރިސޯޓު ރަށްތަކުގައި ހުންނަ ގެސްޓު ކޮޓަރިތަކާއި ދެ ރަށް ދޭތެރޭ ހުންނަ މޫދު ކޮޓަރިތައް ހިމެނޭހެން 262 ކޮޓަރި (524 އެނދު) ގާއިމްކުރެވިގެންދާނެ އެވެ. މިތަނުގައި ހިންގަނީ "އަލްޓްރާ-ލަގްޒަރީ" ރިސޯޓެއް ކަމަށް ކްރިސްޓަލް ހޯލްޑިންސްގެ ހުށަހެޅުމުގައިވެއެވެ.
އީއައިއޭ ރިޕޯޓުން ފާހަގަކުރެވުނު ގޮތުގައި ދިގުފަރު ފަޅުގެ ބޮޑުމިނަކީ 751 ހެކްޓަރެވެ. ހިއްކާ ސަރަހައްދުގެ ބޮޑުމިނަކީ 122 ހެކްޓަރެވެ. ބިން ހިއްކަން 4.2 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާނެއެވެ.
މި ސަރަހައްދުން ހިއްކަންޖެހޭ ތަންތަން ހިއްކުމުގެ މަސައްކަތް ނިމި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.




