
ހިމަބިއްސަކީ ރާއްޖޭން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވީ ނަމަވެސް، މި އަހަރުގެ މިހާތަނަށް ހަތް މީހަކަށް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. މި ބަލި ޖެހުނު މީހުންނާ ސީދާ ބައްދަލުވި (ކޮންޓެކްޓުންގެ) އަދަދު 74 އަށް ވުރެ މަތީގައި އުޅޭކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި އިރުޝާދުތަކުގައި، ބަލި ދެނެގަންނާނެ މުހިންމު އަލާމާތްތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
މިފަދަ އަލާމާތެއް ފެނިއްޖެނަމަ، އަމިއްލައަށް ބޭސްކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަމަށް އެ އެޖެންސީން ބުންޏެވެ.
ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައިވެސް މިއަދު ވަނީ ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށް، ބަލިމީހުން އަމަލުކުރަންވީ އުސޫލުތައް އާންމުކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި، "ފީވާ ރޭޝް ހެލްޕް ޑެސްކް" ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މައި އެމްބިއުލާންސް ޕޯޓިކޯ (އީއާރު ވަންނަ ދޮރު) ކައިރީގައެވެ. މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ލިބޭނެއެވެ.
ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން (ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން) ހޮސްޕިޓަލަށް ދިއުމަށްފަހު، އެންމެ ފުރަތަމަ މި ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް ހޮސްޕިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެއަށްފަހު، ދެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު އެ ތަނުން ފޯރުކޮށްދޭނެއެވެ.
ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހާގެ ހަމުން ބިހިތައް ފެންނަން ފެށުމުގެ ހަތަރު ދުވަސް ކުރިންނާއި، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ވަންދެން އެހެން މީހުންނަށް ބަލި އެރުވުމުގެ ފުރުސަތު ބޮޑެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އެޅުމުގެ ތެރޭގައެވެ.
ރާއްޖޭގައި ހިމަބިއްސަށް ދޭ އެމްއާރު ވެކްސިން ޖަހަން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. އެއަށްފަހު ކުރެވުނު މަސައްކަތުން، 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އިއުލާންކޮށްފައެވެ. ނަމަވެސް، ދޭތެރެއަކުން ބަލީގެ ކޭސްތައް ފެންނަމުންދާތީ، ވެކްސިން ފުރިހަމަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ބާރުއަޅައެވެ.




