ކަރަންޓު ބިލު ބޮޑުވަމުންދާ ދިޔުން
ޑިސްކައުންޓް ދިން ކަރަންޓު ބިލު ކުރިއަށްވުރެ ބޮޑުވެ ރައްޔިތުން ރަތަށް އަރައިފި
ޖުނާން އަޙުމަދު 3 އޭޕްރީލް 2025 (ބުރާސްފަތި)   13:11
ހުސްވި ރަމަޟާން މަހު ކަރަންޓާއި ފެންބިލުން ޑިސްކައުންޓްދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނިކޮށް، ރައްޔިތުންގެ އަތަށް ލިބުނު ރޯދަމަހުގެ ކަރަންޓު ބިލުތައް ބޮޑުވެ ރައްޔިތުން ރަތަށް އަރައި، މީސް މީޑިއާގައި ޝުއޫރުތަށް ބަންޑުން ކުރަން ފަށައިފިއެވެ.

ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާ ރެއިން ފެށިގެން، ގިނަބަޔަކު މީސްމީޑިއާގައި ކުރަމުން އަންނައިރު، ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ، ނިމި ދިޔަ ރަމަޟާން މަހުގެ ގިނަ ދުވަސް ތަކަކީ ގޭގައި ދިރި ނޫޅެ، ހުރިހާ އެއްޗެއް ނިއްވާލާފައި މާލެއިން ބޭރުގައި އުޅުނު ދުވަސްތަކަކަށް ވާއިރު ވެސް، ކުރިއަށް ވުރެ ބޮޑު ބިލެއް މިފަހަރު ލިބިފައި މިވަނީ ކީއްވެތޯ؟ ކުރަމުންދާ ޝަކުވާއެވެ.

އަދި ބައެއް ގޭބީސީތަކުން ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވެ، އެކަމުގެ ޝަކުވާތައް މީސްމީޑިއާގައި، ބައެއް މީހުން އުފުލާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވެފައި ވަނީ، މި ހުސްވި ރޯދަ މަހު ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބިލުތައް ބޮޑުވެފައި އެވަނީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށެވެ.

ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަ މަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ސަރުކާރުން ދީފައިވީ ނަމަވެސް، ސްޓެލްކޯ އިން ބުނަނީ އާއްމު ގޮތެއްގައި ކޮންމެ ރޯދަ މަހަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު، މިފަހަރު، މި ރޯދަމަހު ހާއްސަކޮށް ހޫނު މޫސުމާ އެކުއެކީހެން ރޯދަ މަސް އައުމުން ކަރަންޓު ބޭނުންކުރާ މިންވަރު މިވަނީ އިތުރުވެފައި ކަމަށެވެ.

މީސްމީޑިއާގައި ޝަކުވާތައް ފާޅުކުރަމުންދާ އާންމުންގެ ބައެއް މީހުން ބުނެފައިވަނީ، މި ރަމަޟާން މަހު ސަރުކާރުން ބެހި މަސްދަޅުގެ އަގު ކަރަންޓު ބިލާއި ފެންބިލުން ނަގާނެ ކަމަށް ގިނަ ބަޔަކު މީގެ ކުރިން ވެސް ބުނެފައި ވަނިކޮށް، މިހާރު ރައްޔިތުންގެ އަތަށް އައިސްފައި މިވަނީ، މީގެ ކުރިން ދުވަހަކުވެސް އަތަށް ނާރާވަރުގެ ބޮޑެތި ބިލުތަކެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުން ރަމަޟާންމަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައިވާއިރު ކަރަންޓަށްދޭ ޑިސްކައުންޓަށް ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭނެ ކަމަށް ސްޓެލްކޯއިން މީގެ ކުރިން އަންދާޒާ ކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް