ސްޓެލްކޯ ހެޑްއޮފީސް: މާލެ އާއި ހުޅުމާލެއިން މިއަދު ވަނީ ކަރަންޓްގެ ޚިދުމަތް ކެނޑިފައި.--
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑި، މައްސަލަ ހައްލުކޮށްފި
9 އޯގަސްޓް 2025 (ހޮނިހިރު)   12:13
މުޅި މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑުމަށްފަހު، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30 ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ދީފައިނުވެއެވެ.

ސްޓެލްކޯއިން 10:17ހާއިރު ވަނީ ކަރަންޓު ބައެއް ސަރަހައްދުތަކަށް ދޭން ފަށައި، މާލޭގެ ބައެއް ހިސާބުތަކަށް ދީފައިވާ ކަމަށް ބުނެފައެވެ. އަދި 11:30ހާއިރު އެ ކުންފުނިން ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ.

މުޅި މާލެއަށް ކަރަންޓު ދިނުމަށް ޓަކައި، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާ އެކަމަށް 40 ހަކަށް މިނެޓް ނަގާނެ ކަމަށް، 11:37 ގައި ބުންޏެވެ. 

ސްޓެލްކޯއިން ލަފާކުރި މުއްދަތުގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

"ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ  ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން." ސްޓެލްކޯ އިން ބުނެފައި ވެއެވެ. 

މީގެ ދެ މަސް ދުވަސް ކުރިން ވެސް މާލެ ސަރަހައްދަށް މި މައްސަލަ ދިމާވިއެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު 12:35 އެހާކަންހާއިރު މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑި ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުން، 18:30ހާއިރެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގެވިއެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ. ކަރަންޓް ކެނޑުމާއެކު އެކަމުގެ ޝަކުވާ ގިނަބަޔަކު ސޯޝަލްމީޑިއާގައި ކުރެއެވެ.

ކޮމެންޓް